ENGLISH
03 ޖުލައި 2025
ޢީދުގެ ތަހުނިޔާއާއެކު ރައީސްގެ މުހިއްމު އިލްތިމާސެއް
05 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ބަރަކާތްތެރި އަޟްޙާ ޢީދުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އަރިސްކުރެއްވުމާއެކު، ކޮންމެ ޢީދަކީވެސް އެންމެންގެ ހިތްތަކުގައި އުފާވެރި ހަނދާންތަކެއް ބިންވަޅު ނެގޭ ބަރަކާތްތެރި އިހުތިފާލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ޢީދާ ގުޅިގެން އެމަނިކުފާނު ދެއްވި ޚިޠާބުގައި ވިދާޅުވެފައިވަނީ އަޟްޙާ ޢީދަކީ މާތްކަމާއި ނިޢުމަތުގެ ފޯވައްސެއްކަމަށާއި، އެމަނިކުފާނުގެ ދުޢާއަކީ ޙައްޖު މަހުގެ މި ބަރަކާތްތެރި ދުވަސްތަކުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި މިންވަރުކުރައްވައި، މާތްﷲގެ ރަޙުމަތް ދިވެހި ޤައުމާއި އެންމެހައި މުސްލިމުންނަށް އިތުރުކޮށްދެވުން ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތް ކަމުގައި މި އުންމަތް ލެއްވި ސަބަބަކީ މުސްލިމުންނަކީ ހެޔޮ ކަންކަމުގައި ހިފަހައްޓައި އަނެކުންނަށް ނަސޭހަތްތެރިވެ، ނަމޫނާ ދައްކާ ބަޔަކަށްވާތީ ކަމަށެވެ. އަދި ނޭޭއްގާނީ ކަންކަމާ ދުރުހެލިވެ، އަނެކުންވެސް އެފަދަ ކަންކަމާ ދުރުކުރަން މުސްލިމުން ގަދައަޅައި މަސައްކަތްކުރާތީ ކަމަށެވެ.
"ޢީދުގެ އުފަލާއެކު، އިސްލާމީ މުޖުމަތަޢުތަކުން ފެންނަ އެންމެ ރިވެތި ސިފަތަކަކީ، ރީތި ފޭރާމާއި ހުވަނދު ލައިގެން އެންމެން އެއްވެ، ދެރައެއް މޮޅެއް ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކުވެރިކަމާއެކު ނަމާދުކޮށް، ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް، އެއް އަޑަކުން ތަކުބީރުގެ އަޑު ގުގުމައިލުމެވެ. އެކަކު އަނެކަކާ ހިނިތުންވުމާއެކު ސަލާންގަލާންކޮށް ހިތްހެޔޮ ކުރުން،" ޚިޠާބުގައި ރައީސް ވިދާޅުވިއެވެ.
މުސްލިމުންގެ މެދުގައި އޮންނަ އެއްބަޔަކު އަނެއް ބަޔަކަށް އަޅައިލާ އެހީތެރިވެދިނުމުގެ ގުޅުން މާތް ނަބިއްޔާ ސިފަކުރައްވާފައިވަނީ ގަދަފަދަ ބިނާއެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކޮންމެ އީދެއްގައިވެސް ދުރާއި ގާތުގައި ތިބި ހުރިހާ މުސްލިމުންގެ މަތިން އަޅުގަނޑުމެން ހަނދާންކުރާ ކަމަށެވެ.
އަދި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ހިތްތަކުގައި އޮތް ކުލުނު ދިވެހިން ބަންޑުންކުރަނީ ކަރުނަޔާއެކު މާތްﷲގެ ޙަޟްރަތުގައި ދަންނަވާ ދުޢާތަކުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މުސްލިމުންގެ މުޤައްދަސް މިސްކިތުގެ ޙިމާޔަތުގައި، އަދި ﷲ ބަރަކާތްލެއްވި އެ މާތް ބިމުގެ ޙައްޤުގައި، ފަލަސްޠީނުގެ މުސްލިމުން ކުރާ ޖިހާދުގައި ބަރަކާތް ލައްވާށި. ﷲގެ ޙަޟްރަތުން މަދަދާއި، ރިޒްޤާއި، ހަމަޖެހުމާއި، އަމާންކަން އަޅުގަނޑުމެންގެ ލެޔާއި ވިންދާ ގުޅިފައިވާ އެ ލޮބުވެތި ޢާއިލާތަކަށް ދެއްވާށި،" ފަލަސްޠީނު ރައްޔިތުންނަށް ނަޞްރު މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާކުރައްވަމުން ރައީސް ވިދާޅުވިއެވެ.
ކޮންމެ ޢީދަކީވެސް އުފާވެރި ހަނދާންތަކެއް ހިތްތަކުގައި ބިންވަޅު ނެގޭ ބަރަކާތްތެރި އިހުތިފާލަކަށް ހެދުމަށް އިލްތިމާސްކުރައްވަމުން ރައީސް ފާހަގަކުރެއްވީ ދޮށީ އުމުރުގައި ތިބި މައިންބަފައިން އުފާކޮށްދިނުމާއި، އަވަށްޓެރިކަމުގެ ގުޅުންތައް ދެމެހެއްޓުމާއި، ގާތްތިމާގެކަމާއި ރަހުމަތްތެރިކަން އިތުރަށް ބަދަހިކުރުމާއި ދަރިންނަށް ރިވެހި ނަމޫނާއާއި ނަސޭހަތްތަކުން ތަސައްލީ ލިބިދުނުމަކީ އީދުގެ ހަގީގީ ޒީނަތް ކަމެވެ.
"އަޅުގަނޑުމެން އިސްކަން ދޭންވާނީ، މިފަދަ ބަރަކާތްތެރި ކޮންމެ މޫސުމެއްގައިވެސް އިޖުތިމާޢީ ރޫޙާއި އެއްބައިވަންތަކަން އާލާ ކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށް މި ބޮޑު ޢީދަކީ އަމާން، ބާއްޖަވެރި މުނާސަބަތެއް ކަމުގައި ލެއްވުން އެދިވަޑައިގެން ދުއާކުރައްވަމުން ހިތާބު ނިންމަވައިލެއްވީ މިފަދަ ނިއުމަތްތަކަށް ޝުކުރުކުރުން މަތީ އަޅުގަނޑުމެން ލަހައްޓަވައި ދިވެހި ގައުމު ނަސްރާއި ނަސީބާއި ފާގަތިކަންމަތީ ދެމެހެއްޓެވުމަށް އެދިވަޑައިގެން ދުއާކުރައްވަމުންނެވެ.