ENGLISH
03 ޖުލައި 2025
ޙައްޖު ޚުޠުބާ؛ ދީނުގެ އަސާސްތައް ހަނދާންކޮށްދީ ތަޤުވާވެރިވުމުގެ ވަސިއްޔަތެއް
05 ޖޫން 2025
|
ޙައްޖު ޚުޠުބާ ދެއްވަނީ، ފޮޓޯ: ސްކްރީން ޝޮޓް
މިއަދު ޢަރަފާތުގެ މަތިވެރި ބިމުގައި ޑރ. ޞާލިޙު ބުން ޢަބްދުالله ޙުމައިދު އިއްވެވި ޙައްޖު ޚުޠުބާގައި، ދީނުގެ އަސާސްތައް ބަޔާންކޮށްދެއްވުމާއެކު ހުރިހާ މުސްލިމުންވެސް ޙަޤީޤީ މާނާގައި މާތްﷲއަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރައްވައިފިއެވެ.
ޑރ.ޙުމައިދު ޚުޠުބާ ފެއްޓެވީ ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރެއްވުމާއެކު ތަޤުވާގެ މަފުހޫމު ބަޔާންކޮށްދެއްވަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ތަޤުވާވެރިވުމަކީ މާތްﷲގެ ދީނުގައި އޭގެ ފުރިހަމަ މާނާގައި ހިފަހެއްޓުމެވެ. އެއީ އެކަލާނގެ އެންގެވި އަމަލުތައް ކުރުމާއެކު، ނަހީކުރެއްވި އެންމެހައި އަމަލުތަކާ ދުރުހެލިވުން ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނަކީ މާތްﷲގެ ވަޙީ ބަސްފުޅުގައި ބަޔާންވެފައިވާ ފަދައިން ފުރިހަމަކުރައްވާފަައިވާ ދީނެއްކަން ފާހަގަކުރައްވަމުން ޚުޠުބާގައި ބަޔާންކޮށްފައިވަނީ އެ ދީނުގައި ހިފަހެއްޓުމަކީ އެކަލާނގެ ސަވާބާއި ދަރުމައަށް އެދިގެން ހެޔޮ އަމަލުތައް ކުރުމާއެކު އެކަލާނގެ އިގާބަށް ބިރުވެތިވެ ނުބައި ކަންކަމުން ދުރުހެލިވުން ކަމަށެވެ.
އެއަށްފަހު ޑރ.ޙުމައިދު ބަޔާންކޮށްދެއްވީ އިސްލާމްދީނުގައި ގިންތިތަކެއް ނުވަތަ ދަރަޖަތަކެއްވާ ކަމެވެ. އިސްލާމްދީނުގެ އެންމެ މަތީ ދަރަޖައަކީ އިހުސާންތެރިކަންކަމަށާއި، އެއީ ނަބަވީ އިރުޝާދުގައި ބަޔާންކުރައްވާފައިވާ ފަދަައިން މާތްﷲ ތިބާއަށް ފެންނަ ފަދައިން ބިރުވެތިވެ އަޅުކަންކުރުންކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި އެ ޙަދީސް ބަސްފުޅުގައިވާ ފަދައިން އަޅުތަކުންނަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ އަޅުތަކުންނަށް އަބަދުވެސް ބައްލަވައިވޮޑިގެންވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.
ދެވަނަ ދަރަޖައަކީ އީމާންކަން ކަމަށާއި، އެއީ މާތްﷲއަށާއި ޤިޔާމަތްދުވަހަށާއި މަލާއިކަތުންނާއި ރަސޫލުންނާއި ފޮތްތަކަށާއި، ޤަޟާ ޤަދަރަށް އީމާންވުންކަން ބަޔާންކުރެއްވިއެވެ.
ޑރ.ޙުމައިދު ޝަރުޢީ ދަލީލުތަކުގެ އަލީގައި އިތުރަށް ބަޔާންކޮށްދެއްވީ އީމާންކަަމަކީ ހެޔޮ އަމަލުތަކާއެކު އިތުރުވެ، އުރެދުމާއި ފާފައާއެކު އުނިވާ ކަމެއް ކަމެވެ. އަދި އީމާންކަމުގައި އެތައް ބައެއް ވާކަމާއި، އެއިން އެންމެ މަތީ މިންވަރަކީ މާތްﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވެ ގަަބޫލުކުރުންކަމަށާއި އަދި އެންމެ ކުޑަ މިންވަރަކީ މަގުމަތިން އުދަގޫ ދުރުކުރުންކަންވެސް ފާހަގަކުރެއްވިއެވެ.
ނިއުމަތްތަކަށް ޝުކުރުވެރިވުމާއި، މުސީބާތްތަކަށް ކެތްކުރުމާއި، ފާފަކުރެވި އުރެދެވޭ ހާލަތްތަކުގައި މާތްﷲއަށް ތައުބާވެ އެކުރެވުނު ކުށުގެ މައްޗަށް ހިތާމަކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަންކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.
ވަރަށް ތަފުސީލުކޮށް އީމާންކަމުގެ ކޮންމެ ރުކުނަކަށް އަލިއަޅުވައިލެއްވުމަށްފަހު ޑރ.ޙުމައިދު އަލިއަޅުވައިލެއްވީ އިސްލާމްކަމުގެ ދަރަޖައަށެވެ. އެގޮތުން ޝަހާދަތުގެ ދެ ކަލިމައިގެ މާނަތަކުގެ ތެރެއިން މާތްﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުވެތިނުވުމުގެ މައްޗަށް އަލިއަޅުވައިލެއްވުމާއެކު، ހުރިހާ ކަމެއްގައިމެ މާތް ނަބިއްޔާ އުނގަންނަވައިދެއްވި ގޮތަށް އަމަލުކުރުމުގެ މުހިއްމުކަމަށް އަލިއަޅުވައިލެއްވިއެވެ.
އިސްލާމްކަމުގެ ދެވަނަ ރުކުންކަމަށްވާ ނަމާދަކީ މާތްﷲއާއި އެކަލާނގެ އަޅުތަކުންގެ މެދުގައިވާ ގުޅުމެއްކަމަށާއި، ނަމާދުގައިވަނީ އެތެރެއާއި ބޭރުފުށުގެ ތާހިރުކަން ކަމުގައި ބަޔާންކުރައްވައި ޑރ.ޙުމައިދު ޚުޠުބާގައި ވިދާޅުވީ ޖަމާޢަތުގެ ނަމާދަކީ އިސްލާމީ އުންމަތުގެ މެދުގައި އޮންނަންވީ އުޚުއްވަތްތެރި ގުޅުން އިތުރަށް ބަދަހިކޮށްދޭ ކަމެއް ކަމަަށެވެ.
ޒަކާތުގެ އިޖުތިމާއީ މުހިއްމުކަން ފާހަގަކުރައްވަމުން އެކަމުގެ ސަބަބުން މުޖުތަމައުގައި ތިބޭ ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުދި އިޖުތިމާއީ އަދާލަތު ގާއިމުކުރެވި މުޖުތަމައުގެ ގުޅުންތައް ބަދަހިވެ އޯގާތެރިކަމާއި ކުލުނުވެރިކަން އިތުރުވާކަމަށް ވިދާޅުވިއެވެ.
ރޯދައާއި ޙައްޖުގެ ފައިދާގެ މައްޗަށް ޚުޠުބާގައި އަލިއަޅުވައިލެއްވިއެވެ. ޚުޠުބާގައި މިކަަންކަން ފާހަގަކުރައްވަމުން ޑރ.ޙުމައިދުވަނީ ތަޤުވާވެރިކަން ހާސިލުކުރުމަށް އެ ހުރިހާ ކަމަކަަށް ރައްކާތެރިވުމަށް ވަސިއްޔަތްކުރައްވާފައެވެ.