ENGLISH
06 ޖުލައި 2025
އިންޓަރސްކޫލް ކެރަމް މުބާރާތުގެ އެންމެ ގިނަ މެޑެލް އަމީނިއްޔާ އަށް
05 ޖޫން 2025
|
އިންޓަރސްކޫލް ކެރަމް މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސީއޭއެމް
ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން މިއަހަރު ކުރިއަށްގެންދިޔަ އިންޓަރސްކޫލް ކެރަމް ޗެމްޕިއަންޝިޕުން އެންމެ ގިނަ މެޑެލް ހާސިލްކޮށް، އަމީނިއްޔާ ސްކޫލުން ފަޚުރުވެރި ކާމިޔާބީއެއް ހޯދައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ހުންނަ ކެރަމް އެރީނާގައި ކުރިއަށްދިޔަ މިފަހަރުގެ މުބާރާތުގައި މުޅިއެކު، 500 އާ ގާތްކުރާ އަދަދަކަށް ސްކޫލް ދަރިވަރުން ބައިވެރިވިއިރު، މާލެ އާއި އަތޮޅުތެރެ ހިމެނޭ ގޮތަށް 17 ސްކޫލަކުން ވަނީ އިންޓަރސްކޫލް މުބާރާތުގައި ވާދަކޮށްފައެވެ. މި މުބާރާތުގައި މާލޭން ބޭރުން ބައިވެރިވީ ބ. ގޮއިދޫ ސްކޫލެވެ.
މުބާރާތުގެ ރަންވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިނުމަށް ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އަމީނިއްޔާ ސްކޫލުން ވަނީ މުޅިއެކު 14 މެޑެލް ހާސިލްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ؛ ނުވަ ރަން މެޑެއްޔާއި، ތިން ރިހި އަދި ދެ ބްރޯންޒް މެޑެއްޔެވެ.
މުބާރާތުން ގިނަ މެޑެލްތަކެއް ހާސިލްކުރި އަމީނިއްޔާ ސްކޫލްގެ ފިރިހެން ކުޅުންތެރިންގެ ޓީމު މެންބަރުން. ފޮޓޯ: ސީއޭއެމް
މުޅި މުބާރާތުން ދެވަނަ އަށް އެންމެ ގިނަ މެޑެލް ހޯދީ ތާޖުއްދީން ސްކޫލެވެ. އެ ސްކޫލުން ވަނީ 11 މެޑެލް ހާސިލްކޮށްފައެވެ. އެއީ، ދެ ރަން މެޑެއްޔާއި، ހަތަރު ރިހި މެޑެލް އަދި ހަތް ބްރޯންޒް މެޑެއްޔެވެ.
ތިންވަނަ އަށް އެންމެ ގިނަ މެޑެލް ހޯދީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ވަނީ ނުވަ މެޑެލް ހާސިލްކޮށްފައެވެ. އެއީ، ފަސް ރަން މެޑެއްޔާއި، ދެ ރިހި އަދި ދެ ބްރޯންޒް މެޑެއްޔެވެ.
މިފަހަރުގެ އިންޓަރސްކޫލް ކެރަމް މުބާރާތް ބާއްވާފައި މިވަނީ އަހަރެއްގެ މެދުކެނޑުމަކަށްފަހު އެވެ. އެންމެ ފަހުން އިންޓަރސްކޫލް ކެރަމް މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު އެވެ.