ENGLISH
03 ޖުލައި 2025
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އެމިރޭޓްސްއިން
05 ޖޫން 2025
|
މާލޭ ވިޔަފާރި ބަނދަރު، ފޮޓޯ: މިނޫސް
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ މުދާ އިމްޕޯޓުކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުންކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް 1.2 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވެއެވެ. އެއީ ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އިމްޕޯޓުކުރި މުދަލަށްވުރެ 0.6 އިންސައްތަ އިތުރު މިންވަރެކެވެ.
ޖުމްލަ އިމްޕޯޓު މާ ބޮޑަށް އިތުރުނުވި ނަމަވެސް ބައެއް ގައުމުތަކުން އިމްޕޯޓުކުރި މިންވަރު ނިމުނު އަހަރަށްވުރެ އިތުރުވެފަައިވާކަން އެމްއެމްއޭގެ ތަފާސހިސާބުތަކުން ދައްކައެވެ.
އެގޮތުން ނިމުނު އަހަރުވެސް އެއް ގައުމަކުން އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމުކަމަށްވާ ޔޫއޭއީން މި އަހަރުގެ މިހާތަނަށް 325.5 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ ފާއިތުވި އަހަރު އެ ގައުމުން އިމްޕޯޓުކުރި 172.1 މިލއިަން ޑޮލަރުގެ މުދަލާ އަޅާބަލާއިރު 89.1 އިންސައްތައިގެ އިތުރުވުމެކެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި އެންމެ ގިނައިން މުދާ އިމްޕޯޓުކުރީ އިންޑިޔާއިންނެވެ. އެ ގައުމުން އިމްޕޯޓުކުރި މުދާ ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވި ނަމަވެސް ޔޫއޭއީން އިމްޕޯޓުކުރި މިންވަރު އިންޑިޔާއިން އިމްޕޯޓުކުރި މިންވަރަށްވުރެ ގިނައެވެ.
އެގޮތުން ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އިންޑިޔާއިން އިމްޕޯޓުކުރީ 183.5 މިލިއަން ޑޮލަރުގެ މުދަލެވެ. މި އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެ ގައުމުން 210.2 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެއެވެ. އެއީ ނިމުނު އަހަރަށްވުރެ 14.6 އިންސައްތަ އިތުރު އަދަދެކެވެ.
އިންޑިޔާގެ އިތުރަށް ޗައިނާއިން ރާއްޖެއަށް އިމްޕޯޓުކުރި މިންވަރުވެސް އިތުރުވެފައިވެއެވެ. ނިމުނު އަހަރު އެ ގައުމުން އިމްޕޯޓުކުރި 154.6 މިލިއަން ޑޮލަރަށްވުރެ 11.3 އިންސައްތަ އިތުރަށް 172 މިލިއަން ޑޮލަރުގެ މުދާ މި އަހަރު ރާއްޖެއަށް އެ ގައުމުން އިމްޕޯޓުކޮށްފައިވެއެވެ.
އޭގެ އިތުރަށް ނިމުނު އަހަރާ އަޅާބަލާއިރު މެލޭޝިޔާއިން އިމްޕޯޓުކުރި މުދަލުގެ މިންވަރު 20.1 އިންސައްތަ އިތުރުވެފައިވެއެވެ.
އިމްޕޯޓު އިތުރުވުމަކީ ގައުމުގެ އިގުތިސާދުގައި ހަކަތަ ހުރިކަމުގެ ހެއްކެކެވެ. ހާއްސަަކޮށް މުދަލަށް ޑިމާންޑު އޮތްކަމާއި މީހުންގެ އަތުގައި މުދާ ގަނެ ވިޔަފާރިކުރުމަށް ބޭނުންވާ ފައިސާ ހުރިކަމަށް އިމްޕޯޓު އިތުރުވާ އިތުރުވުމުން ދަލީލުކުރެއެވެ.