ENGLISH
03 ޖުލައި 2025
ރ. އަތޮޅުގައި އާރުޓީއެލް ދަތުރުތައް ފެށުމަށް ފަހުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފި
05 ޖޫން 2025
|
އާރުޓީއެލް ޓީމުން ރ. އަތޮޅުގައި ކުރިއަށްގެންދިޔަ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ
އިންޓަގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ ރާއްޖެ ޓްރާންސްޕޯޓްސް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ރ. އަތޮޅުގައި ފެށުމަށް، ފަހުގެ މަޝްވަރާތައް އެ އަތޮޅުގެ ރަށްތަކުގައި ކުރިއަށްގެންގޮސްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމަށް އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުތައް ކޮށްފައިވާ ކަމަށެވެ. އެގޮތުން އާރުޓީއެލްގެ ޓީމުން އެ ދަތުރުތައް ކުރީ ރ. އަތޮޅުގައި މީހުން ދިރިއުޅޭ 16 ރަށަށެވެ. ދަތުރުތައް ކުރީ ޖޫން 1 އިން ޖޫން 3 އަށެވެ.
އެ ވުޒާރާއިން ބުނީ ރ. އަތޮޅުގެ ރަށްތަކަށް ދަތުރުކޮށް ރަށު ކައުންސިލްތަކާ އެކު މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުންތަކުގައި ރަށްތަކުގެ އިތުރު އިދާރާތައް ވެސް ވަނީ ބައިވެރިވެފައެވެ.
އާރުޓީއެލް ހިދުމަތް ފެށުމުގެ ކުރިން އެ ރަށްތަކުގައި ފެރީތައް ބަނދަރުކުރާނެ ތަންތަނާއި، ފެރީ ޓާމިނަލް ގާއިމްކުރުމަށް ކަނޑައަޅާ ސަރަހައްދުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.
އާރުޓީއެލްގެ ހިދުމަތް އެންމެ އަވަހަށް ފަށާނީ ރ. އަތޮޅުގަ އެވެ. އެ އަތޮޅުގައި ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު ދެން އޮންނާނީ އެ ހިދުމަތް ރަސްމީކޮށް ފެށުމެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ބުނީ ރ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ވަރަށް އަވަހަށް ތައްޔާރުވަމުންދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ޖޫން މަހު އެ އަތޮޅަށް އާރުޓީއެލްގެ ހިދުމަތް ދިނުމެވެ.
އާރުޓީއެލްގެ ހިދުމަތް މިހާރު ދެމުންގެންދަނީ ހއ، ހދ، ށ، ނ، ޅ، ގއ، އަދި ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރުޓީއެލްގެ ހިދުމަތް ފުޅާކުރަން އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިދިޔަ މަހު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމާއެކު އާރުޓީއެލްގެ ހިދުމަތް ދިނުމަށް 12 ލޯންޗު ބަންނަން ވަނީ ނިންމައިފައެވެ.