ENGLISH

23 ޖޫން 2025

Advertisement

ރޮނާލްޑޯގެ އެހީގައި ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ރޮނާލްޑޯ (ވ) އެ ޓީމުގެ އެހެން ކުޅުންތެރިއަކާއެކު އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑާއެކު، ފަހަތުންއަރައި 2-1 އިން ޖަރުމަން ބަލިކޮށް، ޕޯޗުގަލުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ޕޯޗުގަލުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެވަނަ ފަހަރެވެ. އަދި، މިއީ 2000 ވަނަ އަހަރުގެ ފަހުން ޖަރުމަންގެ މައްޗަށް ޕޯޗުގަލުން ހޯދީ ފުރަތަމަ މޮޅެވެ.

މިއުނިކްގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗު ފެށިގެން ޖަރުމަނުން ޑޮމިނޭޓްކޮށްފައިވާއިރު، ފުރަތަމަ ހާފުގައި އެ ޓީމަށް ގޯލެއް ކާމިޔާބުކުރިޔަނުދިނުމުގައި ޕޯޗުގަލްގެ ގޯލްކީޕަރު، ޑިއޯގޯ ކޮސްޓާ ވަނީ ގިނަ ސޭވްތަކެއް ކޮށްފައެވެ. މިއާއެކު، މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ޖަރުމަނުން ލީޑު ނެގީ ފްލޮރިއަން ވާޓްޒް ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން، ޖޯޝުއާ ކިމިޗް ދިން ޕާހެއްގެ އެހީގައި ޕެނަލްޓީއޭރިޔާ ތެރެއިން ހުހަށް ހުރެ ބޮލުން ފޮނުވާލައިގެން ވާޓްޒް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޕޯޗުގަލަށް އެއްވަރުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ފްރާންސިސްކޯ ކޮންސެސާއޯ އެވެ. އަދި، އޭގެ ފަސް މިނެޓުފަހުން، ނޫނޯ މެންޑޭސް ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން، ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ (ކ) ޖަރުމަންގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ރޮއިޓާސް

މިއީ އުމުރުން 40 އަހަރުގެ ރޮނާލްޑޯގެ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ގައުމީ ޓީމަށް ޖަހައިދިން 137 ވަނަ ގޯލެވެ. އަނެއްކޮޅުން، މި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑުޖަހައިދިން ކޮންސެސާއޯ އަށް ވެސް މިއީ ތާރީޚީ މޮޅެކެވެ. އެއީ، މީގެ 25 ވަރަކަށް އަހަރުކުރީން ޖަރުމަން އަތުން ޕޯޗުގަލް އެންމެ ފަހުން މޮޅުވިއިރު އޭނާގެ ބައްޕަ ހެޓްރިކް ހަދާފައިވުމެވެ.

މެޗަށްފަހު ދެއްކި ވާހަކައިގައި، ޕޯޗުގަލްގެ ކޯޗު، ރޮބާޓޯ މާޓިނޭޒް ބުނީ، ދުވަސްތަކަކަށްފަހު ޖަރުމަން އަތުން މޮޅުވުމުން، މިކަން ފާހަގަކުރަން ޖެހޭ ކަމަށެވެ. ޓެކްޓިކަލީ އޭނާގެ ޓީމުން މޮޅުވުމުގައި، އެންމެން އެއްކޮށް ކުރި މަސައްކަތް ފާހަގަކޮށްލެވޭ ކަމަށް ވެސް މާޓިނޭޒް ބުންޏެވެ.

ޖަރުމަންގެ ކެޕްޓަން، ކިމިޗް ވަނީ، މެޗުން އޭނާގެ ޓީމު ބަލިވުން ހައްގު ކަމަށް ބުނެފައެވެ. ފުރަތަމަ ހާފުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ފަހު ހާފުގައި ލީޑު ނެގުމަށްފަހު ޖަރުމަން ޓީމުގެ ފަރާތުން އިތުރަށް މާބޮޑަށް މަސައްކަތްކުރިތަން ނުފެނުނު ކަމަށް ވެސް ކިމިޗް ބުންޏެވެ.

މުބާރާތުގެ ފައިނަލުގައި އަންނަ އާދީއްތަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ދެވަނަ ސެމީގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފްރާންސާއި ސްޕެއިން މެޗަށްފަހު އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މެންދަމު 12 ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު