ENGLISH
03 ޖުލައި 2025
އެޗްޑީސީން ހުޅުމާލެއަށް އީދުގެ ދިރުން ގެންނާނެ؛ ކޮންމެ ދުވަހަކު ގިނަ ހަރަކާތްތަކެއް
05 ޖޫން 2025
|
އީދަށް ދިއްލާފައިވާ ތަނެއް ބަޔަކު ބަލަނީ، ފޮޓޯ: މިހާރު
އަންނަ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ޢީދުގެ ދުވަސްތަކުގައި ގިނަ ހަރަކާތްތަކެއް ހުޅުމާލޭގައި ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފިއެވެ.
އެގޮތުން މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ޢީދާ ގުޅިގެން ހުޅުމާލޭގައި އެ ކުންފުނިން ކުރިއަށްގެންދާނެ ހަރަކާތްތައް ނިންމައި، އެ ހަރަކާތްތަކުގެ ތާވަލެއް އެޗްޑީސީން އާއްމުކޮށްފައިވެއެވެ.
މިރޭ 8:30 އިން ފެށިގެން ހުޅުމާލޭގައި އީދާ ގުޅިގެން ކުރިއަށްގެންދާ ކުޅިވަރުތަކާއި ހަރަކާތްތައް ފެށިގެންދާނެއެވެ. އަންނަ އާދީއްތަދުވަހާ ހަމައަށް އެޗްޑީސީން ކުޅިވަރުތައް ކުރިއަށްގެންދާނެއެވެ.
އެގޮތުން މިރޭ ވެދުމާ ދިއުމާއި އީދު ހުޅު ޖެހުމާއި ބޮޑު ބެރު ހަރަކާތްތައް ރުގަނޑުގައި 8:30 ގައި ފަށާނެއެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޗެނަލް ބީޗުގައި 9:00 ގައި ހަރަކާތްތައް ފަށާނެއެވެ.
ޖޫން ހަވަނައަށްވާ މާދަމާ އުޟްޙިޔާ ކަތިލުމާއި އީދު ބޮނޑިބަތް ބެހުން އޮންނާނީ ހުޅުމާލޭ ކްރިކެޓު ސްޓޭޑިއަމް ސަަރަހައްދުގައެވެ. އެއީ އީދު ނަމާދުގެ ބޮޑު ޖަމާއަތަށް ފަހުގައެވެ.
އަދި މާދަމާ ހަވީރު 4:00 އިން ފެށިގެން 5:30 އަށް ހުޅުމާލޭ އެއްވަނަ ރުއްގަނޑު ސަރަހައްދުގައި ވޯޓާ ސްޕޯޓްސް ހަރަކާތެއް ބާއްވަންވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރަށް ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރު ސެންޓްރަލް ޕާކާއި ހިޔާ ޕާކުގައި ކުޑަކުދިންގެ ހަވީރު އޮންނާނެއެވެ.
ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތައް ގުޅިގެން މި އަހަރު އީދު ފާހަގަކުރުމަށް ކުޑަކުދިންގެ ހަވީރުތަކެއް މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދާނެއެވެ. މި ކުޑަކުދިންގެ ހަވީރުތައް ރާވައި އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ގައުމީ ދިފާއީ ބާރެވެ.