ENGLISH
06 ޖޫން 2025
އެއްވެސް ޝަރުތަކާ ނުލައި ޣައްޒާއަށް ޙަމަލާދިނުން ހުއްޓުވާ ޤަރާރު، އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށްފި
05 ޖޫން 2025
|
ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ޢުދުވާނުތައް، އެއްވެސް ޝަރުތަކާ ނުލައި ހުއްޓައިލަން ގޮވާލައި، އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު، އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށް، އެކަން ހުއްޓުވައިފިއެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އިތުރުން އެއްވެސް ހިފެހެއްޓުމެއްނެތި ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ދިނުމަށް ވެސް ގޮވާލާފައިވާ އެ ޤަރާރަށް ސަލާމަތީ މަޖިލީހުގައި ދެން ތިބި 14 ޤައުމުން ތާއީދުކުރިއެވެ.
ނަމަވެސް، އެ ޤަރާރު ވީޓޯކުރީ، ޚާރިޖީ މަޝްވަރާތަކުގެ ތެރެއިން ޣައްޒާއަށް ސުލްޙަ ގެނައުމުގެ މަސައްކަތަށް ހުރަސްއެޅޭތީ ކަމަށް އެމެރިކާއިން ބުންޏެވެ.
އަދި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ ޖަރީމާތައް ކުށްވެރިނުކޮށް، އެ ޖަމާޢަތުން ހަތިޔާރު ބަހައްޓަން ޝަރުތުނުކުރާ ޤަރާރަކަށް އެމެރިކާއިން ތާއީދުނުކުރާނެކަމަށް ވެސް އދ. އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ޑޮރޮތީ ޝިޔާ ވިދާޅުވިއެވެ.
ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.
ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.
ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ނަމަވެސް، އެ ޖަމްޢިއްޔާ އުފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.
އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.