ENGLISH

03 ޖުލައި 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވީ ދުޢާއަކުން

05 ޖޫން 2025

|

އިސްމާއީލް ރާތިއު

ރައީސްގެ ދެކަނބަލުން ދިވެހި ޙާޖީންނާ ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ޢަރަފާތު ބިމުގައި ހުންނަވައި، ޙައްޖު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުގެ ރަސްމީ އެކްސް އެކައުންޓު މެދުވެރިކުރައްވާ ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގެ އިތުރުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުގައިވެސް ދުވަހުގެ މުނާސަބަތުގައި މެސެޖެއް ހިއްސާކުރައްވާފައި ވެެއެވެ. ރައީސް އޮފީހުގެ ރަސްމީ އެކައުންްޓުގައި ހިއްސާކުރައްވާފައިވާ ވީޑިއޯ މެސެޖުގައި އެމަނިކުފާނު ވަނީ، ބަރަކާތްތެރި ޙައްޖު ދުވަހުގެ ހެޔޮ ދަރުމައާއި ސަވާބު، ﷲ ތަޢާލާ އަޅަމެންނަށް މިންވަރުކޮށްދެއްވުމަށާއި، އަޅުގަނޑުމެންގެ ހިތްތަކުގައި އެއްބައެއްވަންތަކަން އާލާކުރެވި، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އުޚުއްވަތްތެރިކަން ބަދަހިވެގެންދިޔުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

މީގެ އިތުރުން އެ މަނިކުފާނުގެ އަމިއްލަފުޅު އެކައުންޓުގައި ހިއްސާކުރެއްވި މެސެޖުގައި ވަނީ، ކޮންމެ ޙައްޖުވެރިއަކަށް މަބްރޫރު ޙައްޖެއް މިންވަރުކުރެއްވުމާއި، ކޮންމެ މުސްލިމެއްގެ ދުޢާ އިޖާބަކުރެއްވުމާއި،  އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރައްވާ، ދުނިޔެއާއި އާޚިރަތުގައިމެ، ﷲގެ ރުއްސެވުމާއި ފުއްސެވުމުގައި ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި، ދިވެހިރާއްޖެއާއި ދިވެހި ކޮންމެ ރައްޔިތަކަށް ﷲގެ އޯގާވަންތަކަމާއި، ރަޙްމަތާއި، ނިޢުމަތް ގިނަގުނަ ކޮށްދެއްވައި، އަމާންކަމާއި، ދުޅަހެޔޮކަމާއި، ވިޔަވަތިކަން ތާއަބަދުމެ ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައި ވެއެވެ. 

ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ ދަޢުވަތެއްގައި އެމަނިކުފާނުގެ ޚާއްޞަ މެހެމާންދާރީގެ ދަށުން ރައީސްގެ ދެކަނބަލުން ޙައްޖުގެ އަޅުކަން އަދާކުރައްވަމުން ގެންދަވާއިރު، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުން އަދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު