ENGLISH
07 ޖޫން 2025
ޙައްޖުގެ އަޅުކަމުން ހަދާންކޮށްދެނީ އިބްރާހީމް عليه السلام ގެ ވާހަކަތައް: ޢީދު ޚުޠުބާ
06 ޖޫން 2025
|
އީދު ނަމާދުގެ ޖަމާާއަތުގެ ތެރެއިން، ފޮޓޯ: މިހާރު
ޙައްޖުގެ އަޅުކަމުން އަހަރުމެންނަށް ހަނދާންކޮށްދެނީ ނަބީބޭކަލުންގެ ބަފައިކަލުން، އިބްރާހީމް عليه السلام ގެ ވާހަކަތައްކަމަށް މިއަދުގެ ޢީދު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާ ފަށާފައި ވަނީ، މިއަދަކީ "ޔައުމުލް ޙައްޖުލް އަކްބަރި" (ޙައްޖުގެ އެންމެ ބޮޑު ދުވަސް) ކަން ފާހަގަކޮށް، މިއަދަކި ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން ވަރަށް ގިނަ ކަންކަން އަދާކުރާ ދުވަސް ކަމަށް ބުނެއެވެ. އެގޮތުން މިއަދު، ޙައްޖުވެރީން މިނާއަށް ގޮސް ޖަމްރަތުލް ޢަޤަބާއަށް ހިލަ އުކާ، އެއަށްފަހު ބޯބާލާ (ނުވަތަ ބޯކޮށާ)، ޙަދުޔު ކަތިލުމަށްފަހު ޠަވާފުލް އިފާޟާ ކުރާނެ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
އެއަށްފަހު ޚުޠުބާގައި ބުނެފައިވަނީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މުސްލިމުންނެއް ﷲ ތަޢާލާގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން އެއް ބިމަކަށް އެއްވެފައި ތިބި ތިބުން ދައްކުވައިދެނީ އަހަރުމެން މުސްލިމުންގެ މެދުގައި އޮންނަ އެއްބައިވަންތަކަން ކަމަށެވެ. އަދި މި ބައްދަލުވުމަކީ އެކަލާނގެ ޙަޟްރަތުގައި އެންމެންގެ ހަމަހަމަކަން ދައްކުވައިދޭ ޢާލަމީ ބައްދަލުވުމެއް ކަމަށެވެ.
އަހަރުމެންގެ އިސްލާމް ދީން އައިސްފަވަނީ އަޅުކަމުގެ ތެރެއިން އުންމަތުގެ ހަރުދަނާކަމުގެ އިތުރުން އިސްލާމީ އުންމަތުގެ އާރާއި ބާރު ހާމަކޮށްދޭން ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ. އެގޮތުން، ކޮންމެ ދުވަހަކު ފަސް ވަގުތު މިސްކިތްތަކުގައި މުސްލިމުން އެއްވާ އެއްވުން ރަމްޒުކޮށްދެނީ އެއް ހިސާބުގަނޑެއްގައި އުޅޭ މުސްލިމުންގެ ބާރު ކަމަށާއި އަދި ކޮންމެ ހުކުރު ދުވަހަކު ކުރެވޭ ހުކުރު ނަމާދުން އަދި މިއަށްވުރެ ބޮޑު ޖަމާޢާތެއް ފެނިގެންދާ ކަމަށެވެ. އަދި ޢީދު ނަމާދަކީ ރަށުގެ ގިނަ ބައެއްގެ ބޮޑު ބައްދަލުވުމެއް ފެންނަ ނަމާދެއް ކަމަށާއި ޙައްޖަކީ މުޅި ދުނިޔޭގެ މުސްލިމް އާބާދީ ތަމްސީލުކޮށްދޭ އެއްވުމެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
އެއަށްފަހު، ނަބީ އިބްރާހީމް عليه السلام ގެ ޙަޔާތްޕުޅާއި ޙައްޖުގެ މަނާސިކުތައް ގުޅިފައިވާ ގޮތް ކިޔައިދީފައި ވެއެވެ. އެގޮތުން ޠަވާފްކުރުމުގައި، އެކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް عليه السلام ގެފުޅުގެ ބިންގަލުގެ މަތީގައި އަލުން ގެފުޅު ބިނާކުރެއްވުމުގެ ޛިކުރާ ވެއެވެ. ޙަދުޔު ކަތިލުމުގައި، އެކަލޭގެފާނާއ ކުރިމަތިކުރެއްވި މަތިވެރި އިމްތިޙާނުގެ ޛިކުރާ ވެއެވެ. އެއީ، އެކަލޭގެފާނު މުސްކުޅިފުޅުވި ދުވަހު ލިބިވަޑައިގެންނެވި ލޯބިވާ ދަރިކަލުން ޤުރުބާން ކުރަން އެންގެވުމުން ކުރެއްވި މަތިވެރި އިމްތިޙާނެވެ. އެ އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތުމުން ދަރިކަލުންގެ ބަދަލުގައި ޛަބަޙަކުރައްވާނެ ކަންބަޅިއެއް ދެއްވިއެވެ.
މިކަމުގައި އިސްމާޢީލް عليه السلام ދެއްކެވި ކިޔަމަންތެރިކަމަކީ މިއަދުގެ ޒުވާނުންނަށް ލިބިގެންވާ ހެޔޮ ނަމޫނާއެއް ކަމަށާއި މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މިންވަރު ދައްކުވައިދޭ ދިރިހުރި މިސާލެއް ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ. އަދި މިއަދު ޢީދު ފާހަގަކުރާއިރު، އެދެބަފައިކަލުން ވެވަޑައިގަތް މަތިވެރި ޤުރުބާނީއިން އަހަރުމެން ޢިބުރަތް ލިބިގަންނަން ޖެހޭނެ ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
އަދި، މާތް ނަބިއްޔާ صلى الله عليه وسلم ގެ ޞަޙާބީންނަށް މުޅި ދުނިޔެ ކިޔަމަންކަން އަދާކުރީ އެބޭފުޅުންގެ މުއްސަނދިކަމުގެ ސަބަބުން، ނުވަތަ އެބޭކަލުންގެ ހަށިކޮޅުތަކުގެ ވަރުގަދަކަމުން ނޫން ކަމަށާއި ނަމަވެސް އެބޭކަލުންގެ އިޚްލާޞްތެރި ކިޔަމަންތެރިކަމުގެ ސަބަބުން ކަމަށްވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
ދެވަނަ ޚުޠުބާގައި ވަނީ މި ޢީދުން އައު ޞަފްޙާއެއް ހުޅުވާލާ، ތިމާގެ މުޅި ޙަޔާތުގެ އަމުރުވެރި ފަރާތަކީ އިސްލާމްދީން ކަމުގައި ހެދުމަށް ވަޞިއްޔަތް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންނަކީ ޢިއްޒަތްތެރި ބައެއް ކަމުގައި ވެގެންދާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި މި ޢިއްޒަތާއި ޤަދަރު ޙާޞިލުކުރެވޭނީ، ދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެން ބައިބައިނުވެ އުންމަތުގެ މަޞްލަޙަތުތައް ޙާޞިލުކުރުމަށްޓަކައި އެންމެން އެއްގަލަކަށް އަރައިގެންކަން ވެސް ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.