ENGLISH
03 ޖުލައި 2025
ރައީސްގެ ޒައާމަތު؛ ޑިމޮކްރެޓިކް ހަޔާތުގައި ހަމަޖެހުމުގެ ނޭވާއެއް
05 ޖޫން 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖެއަށް ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ތައާރަފުވީ ހަމަނުޖެހުމާއި ސިޔާސީ އަރައިރުންވުމާއި ހަޅުތާލުގެ ތެރެއިންނެވެ. ޑިމޮކްރެޓިކް ނިޒާމަކަށް ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު ފުރޮޅި، ގިނަ ސިޔާސީ ޕާޓީ ހަރަކާތްތެރިވާ ނިޒާމަށް ވެރިކަން ހިންގަން ފެށިފަހުން ރާއްޖޭގައި ހަގީގީ މާނާގައި ހަމަޖެހުން އޮތްކަމަށް ގަބޫލުކުރަން ދައްޗެވެ. ފާއިތުވި 15 ވަރަކަށް އަހަރު ކޮންމެ ދައުރެއްގައިމެ ފެނުނީ ސިޔާސީ ހަލަބޮލިކަމާއި ސިޔާސީ ވާދަވެެރިކަމުގައި ގައުމު ޣަރަގުވެފައި އޮތް މަންޒަރެވެ. ފަހަރުގައި ޒުވާން ކުދިންނަށް މި ތާރީހާއި އެ ދުވަސްތަކުގެ ހަލަބޮލިކަމާއި ހަމަނުޖެހުން ހަނދާން ނެތިދާނެއެވެ. ނަމަވެސް އެއީ ގައުމެއްގެ ގޮތުގައި ދިވެހިން ކުރަމުން އައި ތަޖުރިބާއެކެވެ.
ދިގު ވެރިކަމެއްގެ ނިމުމާއެކު 2008 ވަނަ އަހަރު ބޭއްވުނު ގިނަ ޕާޓީ ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް މުޙައްމަދު ނަޝީދެވެ. ކޯލިޝަނެއް އެމަނިކުފާނުގެ ފަހަތްޕުޅުގައި އޮވެގެން، ދިގުލައިގެންގޮސް ރައްޔިތުން އެވެރިކަމަކާމެދު ފޫހިވެފައި އޮތް ވެރިކަމެއް ނިމުމަކަށް ގެނައުމަށް ކުރި މަސައްކަތުން ވެރިކަން ލިބިވަޑައިގެންނެވިތާ އަހަަރު ނުވަނީސް އެ ކޯލިޝަނުގެ ބައިވެރިން އެއް ބައިވެރިއެއްގެ ފަހަތުން އަނެއް ބައިވެރިޔާ ސަރުކާރު ދޫކުރައްވައި ނިކުމެވަޑައިގެން ވާދަވެރިންނަށް ބަދަލުވިއެވެ.
ނަޝީދުގެ ވެރިކަމުގެ ކުރީ ކޮޅުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމު ފުލުހަށް ހާޒިރުކުރަން އުޅެ ސިޔާސީ ދެބަސްވުންތައް ފުޅާކުރެއްވިއެވެ. އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގައި ކުރަން ފެށި ބައެއް މަސައްކަތްތަކާ ގުޅިގެން ކެބިނެޓުގެ ހުރިހާ ވަޒީރުން އިސްތިއުފާދެއްވަން އަންގަވައި، އެ ބޭފުޅުން އިސްތިއުފާދެއްވައި ސަރުކާރު ގާނޫނީ ހުސްކަމަކަށް ގެންދެވިއެވެ.
އިންތިގާލީ މަރުހާލާގައި އިންސާފު ގާއިމުކުރުމުގެ އިސް ފަރާތުގެ ގޮތުގައި އޮތް އިންތިގާލީ ސުޕްރީމް ކޯޓުގައި ތަޅު އެޅުއްވިއެވެ. އިދިކޮޅު ލީޑަރުންގެ ގޮތުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެއިރު ޕީއޭގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރެއްވިއެވެ. އެ ބޭފުޅުން ކޯޓުތަކުން ދޫކޮށްލުމުން، އެ ބޭފުޅުން ދިރިއުޅުއްވާ ގެކޮޅުތައް ކައިރިއަށް ޕާޓީ އެކްޓިވިސްޓުން ފޮނުއްވައިގެން ދުއްތުރާ ކުރެއްވިއެވެ.
އެންމެ ފަހުން ވެރިކަން ނިމިގެންދިޔައީ ގާޒީއަކު ހައްޔަރުކުރައްވައިގެން، ބަންދުގައި ބެހެއްޓެވި ތަނެއް ނާނގަވައި "ވަގަށް" ނަންގަވައިގެން ގެންގުޅުއްވި މައްސަލާގައި އިދިކޮޅުން ކުރި އިހުތިޖާޖުތަކާއެކު، ކުރިމަތިވި ފިއްތުންތަކުގެ ތެރެއިން ފުލުހުން ޣައިރު ގާނޫނީ އަމުރު ނުކުރެއްވުމަށް އެދި ހަޅުތާލުކޮށްގެން އެކަން ހައްލުކުރައްވާނެ ގޮތެއް އެނގިވަޑައިނުގެން އިސްތިއުފާދެއްވައިގެންނެވެ.
ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ރަނގަޅު އެތައް ކަމެއް ކުރެވިގެންދިޔައެވެ. ނިޒާމީ ބަދަލުތައް ގެނެވި، ޒަމާނީ ދައުލަތެއްގައި ހުންނަންޖެހޭ އަސާސީ އިންތިޒާމުތަކުގެ ތެރެއިން ކުރިން ނެތް ގިނަ ކަންތައްތަކެއް ތައާރަފުކުރެވުނެވެ. އާސަންދައާއި ޓެކުސް ނިޒާމު ފަދަ ކަންކަމެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި މަގުމަތި އޮތީ އަބަދުވެސް ހަލަބޮލިކޮށެވެ. އިދިކޮޅުން އިހުތިޖާޖުކުރަން ނުކުމެ މަގުމަތީ ހަރަކާތްތަކުގައި އުޅުނުއިރު ސަރުކާރު ހިންގާ ޕާޓީވެސް ދާއިމީ ގޮތެއްގައި އޮންނަންޖެހުނީ މަގުމަތީއެވެ.
ނަޝީދު އިސްތިއުފާދެއްވުމުން ގާނޫނުއަސާސީ ބަޔާންކުރާ ގޮތުގެ މަތިން ވެރިކަމަަށް ވަޑައިގަތީ އެމަނިކުފާނުގެ ނައިބުރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަނެވެ. އެމަނިކުފާނު ވެރިކަމުގެ ހުވައިކުރެއްވި ދުވަހު، ބަޣާވާތެއް ކޮށްފިކަމަށް ތުހުމަތުކުރައްވައި ނަޝީދުގެ ސަޕޯޓަރުންނާއެކު މަގުމައްޗަށް ނުކުމެވަޑައިގަތެވެ. އިންތިޒާމު ގެއްލި ތަރުތީބު ނެތިވެފައި އޮތް ފުލުހުންގެ ހިދުމަތުން އެދުވަހު އަމަލުކުރި ގޮތުން ގިނަ ބައެއްގެ ހިތްތަކުގައި ނަފުރަތާއި ރުޅިވެރިކަމުގެ އަލިފާން ރަނގަޅަށް ރޯވިއެވެ.
އެ ޖޯޝާއި ޖަޒުބާތުގެ ނަހަމަ ބޭނުންހިއްޕަވައިގެން ނަޝީދު ނުކުމެވަޑައިގަތީ ދެންޖެހުނު ދުވަހު ވެރިކަން ބަދަލުކުރެއްވުމަށެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ނުކުމެ ފުލުހުންގެ އިދާރާތަކުގައި ހުޅުޖެހިއެވެ. ކޯޓުތައް އަންދައި އެތަންތަނުގައި ހުރި ވަރި ކައިވެނީގެ ރެކޯޑުތަކާއި، ގެދޮރުގެ ރަޖިސްޓްރީތަކާއި، އެނޫންވެސް ޒަރޫރީ މުހިއްމު އެތައް ލިޔުމެއް އިމާރާތްތަކާއެކު އަންދައި އަޅިއަށް ހަދައިލިއެވެ.
އެ ދުވަހުން ފެށިގެން އެމްޑީޕީ އޮތީ ދެމިގެންދަނިވި ހަޅުތާލެއް ކުރުމުގައެވެ. މަގުމަތީ ހަރަކާތްތަކަށް ހުއްޓުމެއް ނާދެއެވެ. ރައީސް ވަޙީދުގެ ވެރިކަމަކީ ޑިމޮކްރެޓިކް ތާރީޚުގައި އެންމެ ހަމަނުޖެހުން ބޮޑު އެންމެ ނުތަނަވަސް، ދަތި ވެރިކަން ކަމުގައި ދެންނެވިދާނެއެވެ. އެމަނިކުފާނަށް މަދަދުވެރިވި ސިޔާސީ ލީޑަރުންގެ އެހީތެރިކަމާއެކު ވެރިކަން ނަގަހައްޓަވައި ލިބިވަޑައިގަތް ކުރު މުހުލަތުގައި އެ ހާލަތާ އެކަށޭނެ ހިދުމަތްތަކެއް ކުރެއްވިވެސްމެއެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ބުރަށް ފުރަތަމަ ބުރުގެ ވޯޓުލުން ބާއްވައިގެން ދެވަނަ ބުރުގެ ދެވަނަ ޖާގަ ކަށަކުރެއްވި ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބުކުރެއްވުނީ ނަޝީދާމެދު ނުރުހުންވެވަޑައިގެންނެވި ހުރިހާ ލީޑަރުން އެއް ސަފަަކަށް އެތުރިވަޑައިގެން އެމަނިކުފާނަށް މަދަދުވެރިވެވަޑައިގަތުމުންނެވެ. ނަމަވެސް ވެރިކަން ފެށި އަހަރެއްހައި ދުވަސްވީއިރު އެ ލީޑަރުންގެ ތެރެއިން ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމަނިކުފާނު ދޫކުރައްވައި އިދިކޮޅު ވާދަވެރިންގެ ސަފަށް ވަޑައިގެން ނަޝީދާ ގުޅިވަޑައިގަތެވެ.
ދެން ފެނުނީ މަޝްހޫރު މޭޑޭ މުޒާހަރާއެވެ. ބޮޑެތި ހުރިހާ ޕާޓީތައް އެގަލަށް އަރައިގެން ބޭއްވި އެ މުޒާހަރާއާއެކު އިދިކޮޅު ހުރިހާ ލީޑަރުން ބަންދުކުރުމުގެ ސިލްސިލާ ފެށުނެވެ. ގާސިމާއި ނަޝީދާއި، އިމްރާނެވެ. ގާސިމާއި ނަޝީދު ޔާމީނުގެ ވެރިކަމުގެ ފަހު ދުވަސްތައް ހޭދަކުރެއްވީ ރާއްޖެއިން ބޭރުގައެވެ. ދެ ބޭފުޅުންނަށްވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް ލިބިވަޑައިނުގަތެވެ.
ރައީސް ޔާމީނުގެ ފުރަތަމަ ނައިބުރައީސަށް އިތުބާރު ނެތްކަމަށް ވިދާޅުވެ މަޖިލީހުގެ ތެރެއިން އެމަނިކުފާނު މަގާމުން ވަކިކުރެއްވިއެވެ. ދެވަނަ ނައިބުރައީސް ވަކިކުރައްވަން ޖެހިވަޑައިގަތީ ރައީސް ޔާމީނު ދަތުރުކުރެއްވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވުމުގެ އަޑީގައި ހުންނެވިކަމަށް ތުހުމަތުވެގެންނެވެ. އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ނައިބުރައީސް އަޑީގައި ހުންނަވައިގެން އެތައް ބިލިއަން ރުފިޔާ ދައުލަތުގެ ހަޒާނާއަށް ނުވައްދައި އަމިއްލަ ޖީބަށް އެޅުއްވިކަން ހާމަވިއެވެ.
ކޯޓުތަކުން އެކި ކުށްތައް ސާބިތުވާކަމަށް ކަނޑައަޅައި ޖަލަށް ލާފައި ތިބި އެތައް ބަޔަކު އެއް ދުވަހު، އެންމެ އަމުރަކުން މިނިވަންކޮށް އެކަމުގެ ސަބަބުން ބޮޑު ބަޣާވާތެއްގެ ތުހުމަތުކުރެވުނެވެ. އެކަމުގެ ތެރެއިން ސުޕްރީމް ކޯޓަށް ސިފައިންނާއި ފުލުހުން ވަދެ ދެ ފަނޑިޔާރަކު ހައްޔަރުކޮށް ޖިނާއީ ތަހުގީގު ހިންގައި ދައުވާކޮށް ހުކުމްކުރާ ހިސާބަށްވެސް ދިޔައެވެ. މި މައްސަލައިގެ ތެރެއިން، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުގެ މެދުވެރިއަކަށްވީ، އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނުވެސް ހުރަގެއަށް ލައްވައި ބަންދުކުރައްވައިފިއެވެ. އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާވެސް އެކުއެވެ.
މިއީ ފަސް އަހަރެއްގެ ތެރޭ ދިވެހިން ތަޖުރިބާކުރި ސިޔާސީ ހަމަނުޖެހުމާއި ކޯޅުންތަކުގެ ތެރެއިން ބައެއް ކަންކަމެވެ. ހުރިހާ ކަމެއް ލިޔާނަމަ ލިޔަންޖެހޭނީ ފޮތެކެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން، ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ އިގުތިސާދަށް ރަނގަޅު ބަދަލުތަކެއް ގެނެވުނެވެ. ގައުމީ އުފެއްދުންތެރިކަން އިތުރުވިއެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވުނެވެ. ނަމަވެސް އެއިން ކަމަކަށް ސަމާލުކަމެއް ދެވޭ މިންވަރަށްވުރެ ހަމަނުޖެހުން ބޮޑުވެ، ކޯޅުންތައް ގިނަވެ، ރައްޔިތުންނަށް ނޭވާލާން ދަތިވާ މިންވަރަށް މަސްރަހުގެ ހާސްކަން ބޮޑުވިއެވެ.
ރައީސް ޔާމީނުގެ ދައުރުގައި އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތުތައް ކަމުނުގޮސްގެންނާއި ހުރަގެއާއި އަރުވައިލެވުމުގެ ހިތި ތަޖުރިބާގައި ބަންދުވެވަޑައިގަތުމާއެކުވެ، ހުރިހާ ސިޔާސީ ލީޑަރުން ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަށް ތާއީދުކުރިއެވެ. މަޖިލީހުގައި 25 އަހަރު މެންބަރުކަން ކުރެއްވި ނުހަނު "މަޑުމައިތިރި" ބޭފުޅެއްކަމަށްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ. އެމަނިކުފާނު އިންތިހާބު ކާމިޔާބުކުރެއްވިއެވެ.
އިންތިހާބު ކާމިޔާބުކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޔާމީނު ފުލުހަށާއި އޭސީސީއަށް ހާޒިރުކުރިއެވެ. އަދި ދުވަސްކޮޅެއް ފަހުން ބަންދުކުރެއްވިއެވެ. 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް އެއް ދުވަހަށް ވަންދެން އެމަނިކުފާނު ބެހެއްޓެވީ ބަންދުގައެވެ. އެމަނިކުފާނު ބަންދުގައި ހުންނެވުމުންނާއި، ރިޔާސީ އިންތިހާބުގައި ކުރިމަތިވި ބަލިން އަރައިނުގަނެވުމުގެ ސަބަބުން އިދިކޮޅު ޕީޕީއެމަށް އެ އިންތިހާބުވީ ބޮޑު ނާކާމިޔާބަކަށެވެ.
އެއަށްފަހު މައްސަލައެއްގައި ދައުވާކޮށް އެމަނިކުފާނު ޖަލަށް ލިއެވެ. އެއާއެކު އިދިކޮޅު ޕާޓީތައް އިހުތިޖާޖަށް ނުކުތެވެ. ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމުން، އަނެއްކާ ދުވަސްކޮޅެއް ފަހުން އިތުރު ދައުވާއެއް އުފުލައި އެމަނިކުފާނު ޖަލަށް ލިއެވެ.
ފަސް އަހަރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހޭދަކުރީ މަގުމަތީއެވެ. އެބޭފުޅުންގެ ލީޑަރު ޖަލުން ސަލާމަތްނުވެގެންނެވެ. އިންސާފު ނުލިބިގެންނެވެ. އެއް ލީޑަރަކަށް އެވަގުތު ރާއްޖޭގައި ހުންނެވި މަގުބޫލު ލީޑަރަކީ ޔާމީނަށްވާތީ ޖަލަށް ލައިގެން ބަންދުކުރައްވައިގެން އުޅުއްވާކަމަށް ތުހުމަތުކުރަމުންނެވެ.
ރައީސް ސޯލިހުގެ ވެރިކަމަކީ ތަރައްގީ މަޑުޖެހުނު ދައުރެކެވެ. ރަށްރަށުގައި ފެށުނު މަޝްރޫއުތައް ކުރިއަށްނުގޮސް ހުއްޓުނު ދުވަސްވަރެެކެވެ. ސިޔާސީ ވާދަވެރިން ފަހައި ދުވުމުގައި ސަރުކާރު މަޝްޣޫލުވެ، ތަރައްގީއަށް އަހަންމިއްޔަތު ނުދެވި، ސިޔާސީ ގޮތުން ކުރި ހޯދުމަށް ދިގު ރާސްތާ ކުރިއެރުވުމަށްވުރެ ވަގުތީ މަންފާ އިސްކުރެވުނު ދުވަސްވަރެކެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީއާއި ޕީޕީއެމުން ވާދަކުރައްވަން ނިކުމެވަޑައިގެންނެވި ކެނޑިޑޭޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒެވެ. ސިޔާސީ ވާދަވެރިންނާ ހަށަވާދަވިދާޅުނުވާ، އާޑަފުރައްސާރައިން ހަމަލާތައް ނުދެއްވާ މަޑުމައިތިރި ހުލްގު ހެޔޮ ބޭފުޅެކެވެ. ރައީސްގެ ކެމްޕެއިނުގެ އެއް ވައުދަކީ ސިޔާސީ ހަމަޖެހުން ގައުމުގައި ގާއިމުކުރެއްވުމެވެ. ވާދަވެރިންގެ ކިބައިން ބަދަލުހިފުމުގެ ސަގާފަތު ނިމުމަކަށް ގެންނެވުމެވެ. ސިޔާސީ ހަރަކާތްތަކަށް ޖާގަދެއްވުމެވެ. އިދިކޮޅު ލީޑަރުން ހިފައި ބަންދުކުރައްވައިގެން ނުގެންގުޅުއްވުމެވެ.
ރައީސް އިންތިހާބުވެވަޑައިގެން ދެން ޖެހިގެން އައި މަޖިލިސް އިންތިހާބުގެ ކުރިން އިދިކޮޅު އެމްޑީޕީގެ ލީޑަރުން ހައްޔަރު ނުކުރައްވައެވެ. އެ ބޭފުޅުންނަށް ފުރިހަމަ މިނިވަންކަމާއެކު ކެމްޕެއިން ކުރެއްވުމަށް ފުރުސަތު ދެއްވައި، މިނިވަން އިންތިހާބަކުން އެމަނިކުފާނުގެ ޕާޓީއަށް ކާމިޔާބު ހޯދައިދެއްވިއެވެ. ވެރިކަމަށް ދޮޅު އަހަރުވީއިރު އެމަނިކުފާނަށް ފާޑުވިދާޅުވާ ސިޔާސީ އިސްވެރިން އެގޮތުގައި އެތިއްބެވީއެވެ.
ސިޔާސީ މިނިވަންކަމަށް ބަލާއިރު ދޮޅު އަހަރުތެރޭ 73 މުޒާހަރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފިއެވެ. ދެތިން މީހަކު ނޫނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނެތެވެ. އަމުދުން ސިޔާސީ ހަރަކާތެއް ހިންގައިގެން މީހެއްގެ މައްޗށް ދައުވާއެއް އުފުލާފައި ނުވެއެވެ.
ނަތީޖާއަކީ ސިޔާސީ ގޮތުން ސަރުކާރަށް ފިއްތުން ބޮޑުވިޔަސް، ހަމަނުޖެހުމެއް ހިނގާނެ ގޮތަކަށް ކަންކަން ނުހިނގުމެވެ. ސިޔާސީ ގޮތުން ނުތަނަވަސް ވަގުތުތަކުގައި ރައީސް އިހުތިޔާރުކުރައްވަނީ ރައްޔިތުންގެ އަޑު އައްސަވާށެވެ. ޒުވާނުން އިހުތިޖާޖުކުރުމުން އެމީހުންގެ ހަގީގީ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. މަސްވެރިން ނުރުހުންވެ އިހުތިޖާޖަށް ނުކުތުމުން އެމީހުންނަށް ދިމާވެފައި ހުރި ދަތިތައް ބައްލަވައި ވަގުތުން ހައްލުކުރެއްވެން ހުރި ކަންކަން ހައްލުކުރެއްވިއެވެ.
ރައީސްގެ މަޑުމައިތިރި ކެތްތެރި މިޒާޖުގެ ސަބަބުން ސިޔާސީ ވާދަވެރިކަން ނަފުރަތަށް ބަދަލުވުމުގެ ފުރުސަތު އޮތީ ބަންދުވެފައެވެ. އިދިކޮޅުން ޖަޒުބާތުގެ ގިނި ރޯކުރަން އުޅުނަސް ރައްޔިތުން އެ މަޅިއަށް ފެތޭ ތަނެއް ނުފެނެއެވެ. ނަތީޖާއަކީ ހަމަޖެހުމުގެ ނޭވާއެއް ލައި، އާއްމު ދިރިއުޅުމައިގެން ކުރިއަށްދާނެ ޖާގަ ރައްޔިތުންނަށް ލިބުމެވެ.
ރައީސް ކޮށްޓަވަމުންދާ މަގަކީ، ދިވެހި ޑިމޮކްރަސީ ތަސައްރުފު ފުދުމާ ހަމައަށް ގެންދިއުމުގެ މަގެވެ. ހަޅުތާލާއި ހައިޖާނު ހެދުމާއި، ހަމަނުޖެހުމާއި، އާޑަފުރައްސާރަ ފަހަނައަޅައި، ސިޔާސަތުތަކާމެދު ބަހުސްކުރެވި މަޝްވަރާކުރެވި ބިނާކުރަނިވި ފާޑުކިޔުމަށް މަގުފަހިކޮށް، ސިޔާސީ ވާދަވެރިކަމުގައި ގަދަބަދަަަވިކަމުން ކުޅިފަސް ހޯދުމުގެ ބަދަލުގައި، އިންތިހާބުތަކުގައި ރައްޔިތުން ދޭ ވޯޓުން ކުޅިފަސް ހޯދުމުގެ ސަގާފަތަކަށް ވާސިލުކޮށްދޭ މަގެކެވެ.