ENGLISH
06 ޖޫން 2025
ދިވެހި ހުރިހާ ޙާޖީންގެ ހާލު ރަނގަޅު، މިރޭ ޢަރަފާތަށް ދިއުމަށް ފުރާނެ: ވަޒީރު
04 ޖޫން 2025
|
ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލު ރަނގަޅުކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އާއްމުކުރެެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހި ޙައްޖުވެރިން މިރޭ ޢިޝާ ނަމާދަށްފަހު ޢަރަފާތް ބިމަށް ދަތުރުކުރާނެ ކަމަށެވެ. ދިވެހި ޙައްޖުވެރިންގެ ތެރޭގައި މި ވަގުތު ހާލުބޮޑު ބަލި މީހެއް ނެތްކަމަށް ޙައްޖު މިޝަނުން މަޢުލޫމާތު ދެއެވެ.
ހުރިހާ ޙައްޖުވެރިން ވެސް ރޭގެ ވަގުތެއްގައި މިނާއަށް ގޮސްފައިވާއިރު ޙައްޖުވެރިންނަށް މިނާ އަދި ޢަރަފާތުގައި ވަނީ ރަނގަޅު އިންތިޒާމްތަކެެއް ހަމަޖައްސާފައެވެ.
ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށެވެ. ޙައްޖުމަހުގެ 09 ވަނަ ދުވަހު ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.
ޢަރަފާތަށް ދިޔުމަށް ފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށް ފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.
ރާއްޖެއިން މި އަހަރު 1000 މީހުން ޙައްޖުގެ އަޅުކަމަށް ސައުދީ އަށް ދަތުރުކުރިއެވެ.