ENGLISH
06 ޖޫން 2025
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބީއެމްއެލް މެދުވެރިކޮށް 3.8 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގި
04 ޖޫން 2025
|
ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
އިގުތިސާދީ ވުޒާރާގެ އިސްނެގުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ކުރިއަށްގެންދިޔަ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 3.8 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައިވާކަމަށް އެ ބޭންކުން ބުނެފިއެވެ.
އެ ބޭންކުން އާއްމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެކްސްޕޯގައި ހިންގި ފައިސާގެ މުއާމަލާތްތަކުގެ ތެރެއިން 63 އިންސައްތަ މުއާމަލާތް ހިންގާފައިވަނީ ޕީއޯއެސް މެޝިން ބޭނުންކޮށްގެންނެވެ. ޕީއޯއެސް މެޝިން މެދުވެރިކޮށް 22،929 މުއާމަލާތް ހިންގާފައިވެއެވެ. އެއީ 2،416،508.27 (ދެ މިލިއަން ހަތަރުސަތޭކަ ސޯޅަ ފަސްސަތޭކަ އަށް) ރުފިޔާގެ މުއާމަލާތެވެ.
ބާކީ 37 އިންސައްތަ މުއާމަލާތަކީ ކިއުއާރް ކޯޑު ބޭނުންކޮށްގެން ހިންގާފައިވާ މުއާމަލާތެވެ. އެގޮތުން ކިއުއާރް ކޯޑު ބޭނުންކޮށްގެން 9،792 މުއާމަލާތް ހިންގިއެވެ. އެ މުއާމަލާތްތަކުގެ އަގަކީ 1،443،048 (އެއް މިލިއަން ހަތަރުލައްކަ ސާޅީސް ތިންހާސް ސާޅީސް އަށް) ރުފިޔާއެވެ.
ބޭންކުން އިތުރަށް ފާހަގަކުރި ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ކާޑުން ހިންގި މުއާމަލާތްތަކުގެ 91 އިންސައްތަ މުއާމަލާތަކީ އެ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން ހިންގި މުއާމަލާތެވެ. އެއީ 29،665 މުއާމަލާތެވެ. އެ މުއާމަލާތްތަކުގެ އަގަކީ 3،516،908 (ތިން މިލިއަން ފަސްލައްކަ ސޯޅަހާސް ނުވަސަތޭކަ އަށް) ރުފިޔާއެވެ.
ބޭރުގެ ކާޑުތައް ބޭނުންކޮށްގެން ބީއެމްއެލް މެދުވެރިކޮށް 2،748 މުއާމަލާތް މައުރަޒުގައި ހިންގާފައިވެއެވެ. އެއީ 397،727.55 ރުފިޔާގެ މުއާމަލާތެވެ. ގިފްޓްކާޑާއި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން 34،920 ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ.
މި މައުރަޒަކީ މިހާތަނަށް ރާއްޖޭގައި މިބާވަތުގެ އެންމެ ބޮޑު މައުރަޒެވެ. އުފެއްދުންތެރިންގެ އެކި ބާވަތުގެ އުފެއްދުންތައް ދައްކައިލެވޭ ގޮތަށް ބޭއްވި މައުރަޒަަށް ނުވަ ރޭ މަތިން 200،000 އާ ގާތްކުރާ އަދަދަކަށް މީހުން ޒިޔާރަތްކުރިކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.
މި މައުރަޒުގައި ބައިވެރިވި ބައެއް ވިޔަފާރިތަކަށް އެންމެ ރެޔަކުން 400،000 އެއްހައި ރުފިޔާ ލިބުނެވެ. އެގޮތުން ބާބާ ގާޑިޔާއިން ޣައްޒާއަަށް އެ ގާޑިޔާއަށް މައުރަޒުގެ އެއް ރެއިން ލިބުނު އާމްދަނީގެ ފަސް އިންސައްތައިގެ ގޮތުގައި 20،000 ރުފިޔާ ހަދިޔާކުރިއެވެ.
މި މައުރަޒަކީ ކްރިއޭޓިވް އިކޮނޮމީއަށް ފަހި މާހައުލެއް ގާއިމުކޮށް، ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ އުފެއްދުންތައް ދައްކައިލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މައުރަޒެކެވެ.