ENGLISH

06 ޖޫން 2025

Advertisement

އީދު ދުވަހުގެ ހަވީރު މާލޭ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާވާނެ

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

މާލޭގެ މަގުމަތީގައި ދެ ކުއްޖަކު ގުޑިއާއެކު އުޅެނީ، ފޮޓޯ: ސަން

އަންނަ ހުކުރުދުވަހު ފާހަގަކުރާ އަޟްޙާ ޢީދު ދުވަހު ހަވީރު މާލޭ ސަރަހައްދުގައި ހިމެނޭ މާލެ ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އުޅަނދު ދުއްވުން މަނާކޮށްފިއެވެ. 

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އިރުއޮއްސި 18:00 އާ ދމެދުގައި މާލޭ ސަރަހައްދުގެ ހުރިހާ މަގުތަކެއްގައި އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ. 

އެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ދަތުރުކުރާ އުޅަނދުތަކަށް ދޫކުރާ ހާއްސަ ސްޓިކާ، މާލޭ ތައިސޭކޮށީގައި ހުންނަ ކައުންސިލުގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިން ހުކުރު ދުވަހު ހެނދުނު 8:30 އާއި 10:30 އާ ދެމެދުގައި އަދި މެންދުރުފަހު 14:00 އިން 15:45 އާ ދެމެދުގައި ދޫކުރާނެކަމަށްވެސް ކައުންސިލުން ބުންޏެވެ. 

ކައުންސިލުން އިތުރަށް ބުނެފައިވަނީ އެ އެންގުމާ ހިލާފަށް ހުއްދަ ހޯދުމެއް ނެތި އެ ވަގުތުގައި މާލޭ ސަރަހައްދުގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ. 

މާދަމާއަކީ މި އަހަރުގެ ޙައްޖު ދުވަހެވެ. އަދި އަޟްޙާ ޢީދުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. 

މި އަހަރު ސަރުކާރުން ނިންމާފައިވަނީ ލ.ގަމާއި ކ.ގުރައިދޫއާއި ހއ.ކެލާގައި ގައުމީ ފެންވަރުގައި އަޟްޙާ އީދު ފާހަގަކުރުމަށެވެ. އޭގެ އިތުރަށް 65 ރަށެއްގައި އީދު ލައިޓް ހަރުކޮށް ޒީނަތްތެރިކޮށް އަލިކުރާނެ ކަމުގައިވެސް ސަރުކާރުން ބުނެފައިވެއެވެ. 

އީދު ފަދަ ދީނީ މުނާސަބަތުތަކާއި ގައުމީ އެކި މުނާސަބަތުތައް ކުލަގަދަކޮށް ފާހަގަކޮށް އީދުގެ ރޫހު އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިސްކަންދެއްވައިގެން ތަންފީޒުކުރައްވަމުންދާ ސިޔާސަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު