ENGLISH

06 ޖޫން 2025

Advertisement

"ވިލިމާލޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އިމާރާތްކުރުމުގެ ލެޓާ އޮފް އެކްސްޗޭންޖުގައި ސޮއިކޮށްފި

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ވިލިމާލޭ ހޮސްޕިޓަލު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ހެލްތް މިނިސްޓްރީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ތަރައްގީކުރާ "ވިލިމާލޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެޅުމުގެ "ލެޓާ އޮފް އެކްސްޗޭންޖް"ގައި ކޮންސްޓްރަކްޝަން މިނިސްޓްރީއާއި ޗައިނާގެ ސަރުކާރުގެ މެދުގައި ސޮއިކޮށްފިއެވެ. 

ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. އަދި ޗައިނާގެ ފަރާތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ސޮއިކުރައްވާފައިވެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ 112 އެނދުގެ މި ހޮސްޕިޓަލުގެ މަޝްރޫއު އެޕްރޫވްކުރުމާއެކު ހަލުއިކޮށް މަސައްކަތް ކުރިއަށްގެންދަވާނެ ކަމުގައެވެ. އަދި މި އަހަރު ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު އަމަލީ މަސައްކަަތް ފެށޭނެ ކަމުގައި މުއްތަލިބު ވިދާޅުވިއެވެ. 

އަދި ޗައިނާއާއެކު މަޝްރޫއުތައް ހިންގުމަށް ހަދާ އެއްބަސްވުންތައް ތަންފީޒުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މަޝްރޫއު ނިންމައިލެވޭނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށެވެ. 

ޗައިނާގެ ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ މި ހޮސްޕިޓަލަކީ ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ވާނެ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިގެންދާނެ ކަމުގައިވެސް ސަފީރު ވިދާޅުވިއެވެ. 

ސަފީރު ފާހަގަކުރެއްވި ގޮތުގައި ޗައިނާގއި ސިއްހީ ހިދުމަތްދޭ މިލިއަނަކށްވުރެ ގިނަ މަރުކަޒުގައި ބޭނުންކުރާ މެޑިކަލް އާލާތްތަކުގެ 96 އިންސައްތަ ތަކެއްޗަކީ އަމިއްލަ ގައުމުގައި އުފައްދާފައިވާ ތަކެއްޗެވެ. އަދި އެ ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ހޮސްޕިޓާވެސް ހުރި ގައުމުކަަން ފާހަގަކުރައްވައި އޭނާ ވިދާޅުވަނީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލަކީ އެ ތަޖުރިބާތަކުގެ އަލީގައި ބިނާކުރެވޭ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްވާނެ ކަމަށެވެ. 

މީގެ ކުރިން ޗައިނާގެ ދީލަތި އެހީތެރިކަމާއެކު މާލެއާއި ހުޅުމާލެ ގުޅުވައިލުމަށް އެޅި ބުރިޖަށްވެސް ނަން ދީފައިވަނީ ރާއްޖެއާއި ޗައިނާގެ ރަހުމަތްތެރިކަން ރަމްޒުވާނެ ގޮތަށް ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ނަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު