ENGLISH

06 ޖޫން 2025

Advertisement

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަނުކުރަން ކޮމިޓީން ރުހުންދީފި

04 ޖޫން 2025

|

އުމްނާ އިސްމާޢީލް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައިސުލްޖުމްހުރިއްޔާ ނަން ފޮނުއްވި ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައިފި އެވެ.

 ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަނުކުރެއްވުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި މައްސަލަ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. މި މައްސަލަ ދިރާސާކުރުމަށް ބޭއްވި އެންމެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި މެމްބަރުން ނިންމެވީ، އެ މަސައްކަތަކަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެއަށްފަހު މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ އަގުލަބިއްޔަތާއި އެކު އެބޭފުޅުންނަށް ރުހުންދިނުމަށް ނިންމާފަ އެވެ. ގާތްގަނޑަކަށް 6 މިނެޓުގެ ވަގުތުކޮޅަކަށް ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި ފަނޑިޔާރު ހަމީދާއި ސަލީމް ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތަށް ފާސްކުރީ ބައްދަލުވުމަށް ވަޑައިގެންތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނެވެ.

ސުޕްރީމް ކޯޓުގެ ބެންޗު އެކުލެވިގެންވަނީ، އުއްތަމަ ފަނޑިޔާރާއި، އިތުރު ހަ ފަނޑިޔާރުންގެ މައްޗަށެވެ.

ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަންކުރާނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިޚްތިޔާރުކުރާ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު