ENGLISH

04 ޖުލައި 2025

Advertisement

ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް, އޮފް ސީޒަން ނިމުނު އަހަރަށްވުރެ ތިޔާގި

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް އައި ފަތުރުވެރިންތަކަކަށް އެއާޕޯޓުން މަރުހަބާ ކިޔަނީ، ފޮޓޯ: ޕީއެސްއެމް

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ގާތަށް އިތުރުވެފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

އެ މިނިސްޓްރީން އިއްޔެ އާއްމުކުރި ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް 975،598 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ އެވެރެޖުކޮށް ދުވާލަކު 6،376 ފަތުރުވެރިންނެވެ. އަދި އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 899،555 ފަތުރުވެރިންނާ އަޅާބަލާއިރު 8.5 އިންސައްތަ އިތުރު އަދަދެކެވެ. 

ޖޫން މަހުގެ ފުރަތަމަ ދެ ދުވަހުގައި ޖުމްލަ 9،249 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ އެވެރެޖުކޮށް ދުވާލަކު 4،620 ފަތުރުވެރިންނެވެ. އެ ރޭޓުން ބަލާނަމަ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ކުރިއަށް އޮތް ހަފުތާއެއްހައި ދުވަހުގެ ތެރޭގައި އެއް މިލިއަނަށް އަރާނެ ކަމުގައި ބެލެވެއެވެ. 

މި އަހަރުވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ޗައިނާއިންނެވެ. މިހާތަނަށް އެ ގައުމުން 116،700 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ރަޝިޔާއިން ޖުމްލަ 106،803 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި ތިންވަނަައަށް އެންމެ ގިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން 99،361 ފަތުރުވެރިން އައިސްފައިވެއެވެ. 

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ 71.6 އިންސައްތަ ފަތުރުވެރިންނަކީ ރިސޯޓުތަކަށް އައި މީހުންނެވެ. އަދި 23 އިންސައްތަ މީހުން އައިސްފައިވަނީ ގެސްޓުހައުސްތަކަށެވެ. 2.9 އިންސައްތަ މީހުން ހޮޓާތަކަށް އައިއިރު 2.4 އިންސައްތަ މީހުންނަކީ ސަފާރީ އުޅަނދުފަހަރަށް އައި މީހުންނެވެ. 

މިވަގުތު ރާއްޖޭގައި ޖުމްލަ 65،064 އެނދު ހުރި ނަމަވެސް އެއިން އޮޕަރޭޓުކުރަމުންދަނީ 64،082 އެނދެވެ. އެއީ ރިސޯޓުތަކުގައި ހުރި 44،147 އެނދާއި ހޮޓާތަކުގައި ހުރި 2،310 އެނދާއި ގެސްޓުހައުސްތަކުގެ 14،426 އެނދާއި ސަފާރީ އުޅަނދުފަހަރުގެ 3،199 އެނދެވެ. 

މި ދުވަސްވަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދަށް މޫސުން ނަމަވެސް ނިމުނު އަހަރާ އަޅާބަލާއިރު މި ދުވަސްވަރު އަންނަ ފަތުރުވެރިން ގިނަކަން ފާހަގަކުރެވެއެވެ. އެގޮތުން ނިމުނު އަހަރު މޭ މަހު ރާއްޖެއަށް އައި 119،873 ފަތުރުވެރިންނެވެ. ނަމަވެސް މި އަހަރު އެ އަދަދުވަނީ 13.1 އިންސައްތަ އިތުރުވެފައެވެ. އެގޮތުން 135،614 ފަތުރުވެރިން މި އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރިއެވެ. 

ޖޫން މަހުގެ ފުރަތަމަ ދެ ދުވަހުގެ ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި 7،312 ފަތުރުވެރިންނަށްވުރެ 26.4 އިންސައްތަ އިތުރަށް 9،240 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު