ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ޖަޕާނުން 6 ސްކޮލާޝިޕެއް؛ 1.3 މިލިއަން ޑޮލަރު ހަމަޖައްސައިފި

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ފޮޓޯ: ފޮރިން މިނިސްޓްރީ

ޖަޕާނުން ހިންގާ ޕްރޮޖެކްޓް ފޯ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލާޝިޕް (ޖޭޑީއެސް)ގެ ދަށުން ރާއްޖެއަށް ހަ ސްކޮލާޝިޕް ފުރުސަތު ހަމަޖައްސައި އެ ސްކޮލާޝިޕުތަކަށް 194 މިލިއަން ޔެން ނުވަތަ 1.3 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް އެއްބަސްވެއްޖެއެވެ. 

ދިވެހި ސަރުކާރާއި ޖަޕާނު ސަރުކާރާ ދެމެދުގައި މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެއެވެ. އެކްސްޗޭންޖް އޮފް ނޯޓްސްގައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ  ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ އެގައުމުގެ ސަފީރު އިޝިގާމީ ރުމީކޯއެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ ޖޭޑީއެސްގެ ދަަށުން ރާއްޖޭގެ އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވުމުގެ ގޮތުން ސްކޮލާޝިޕު ފުރުސަތުތައް ދެމުންނެވެ. 

މި ސްކޮލާޝިޕު ދެނީ ދިވެހި ސަރުކާރުން ބަލައިގަންނަ ފުރަތަމަ ޑިގުރީއެއް ފުރިހަމަކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުން އަދި މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންނާއި ކޯޓުތަކާއި ޝަރުދީ ދާއިރާއާ ގުޅުން ހުރި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށެވެ. 

އެ ސްކޮލާޝިޕުގެ ޝަރުތުތަކުގެ ތެރޭގައި އެ މުވައްޒަފުންނަކީ މަދުވެގެން ދެ އަހަރު އެ އިދާރާތަކުގައި މަސައްކަތްކޮށްފައިވާ އެތަންތަނުގެ ދާއިމީ މުވައްޒަފުންގެ ގޮތުގައި ތިބި ފުލްޓައިމްކޮށް މިހާރުވެސް މަސައްކަތްކުރަމުންދާ މުވައްޒަފުންނަށްވާންޖެހޭނެއެވެ. 

މި ސްކޮލާޝިޕުގައި ކޮންމެ ޔުނިވާސިޓީއަކުން ދެ މީހަކަށް ޖާގަ ލިބޭނެއެވެ. ކިޔެވުމުގެ ހުރިހާ ހަރަދެއްގެ އިތުރަށް ޖަޕާނުގައި ދިރިއުޅުމާއި ދަތުރުފަތުރުގެ ހަރަދުތަކާއި ޖަޕާނަށް ދިއުމާއި އަނބުރާ ރާއްޖެއަށް އައުމުގެ ހަރަދުތައް ހަމަޖައްސައިދޭނީ އެ ގައުމުގެ ސަރުކާރުންނެވެ. 

މިހާތަނަށް ޖަޕާނު ސަރުކާރުގެ ސްކޮލާޝިޕުތަކުގައި 21 މީހަކު މަތީ ތައުލީމު ހާސިލުކޮށްފައިވާއިރު އެއިން 12 މީހަކު މާސްޓާސް ޑިގުރީ ފުރިހަމަކުރުމަށްފަހު ރާއްޖެއަށް އަނބުރާ އައިސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު