ENGLISH
04 ޖުލައި 2025
ރާއްޖޭގެ އެކްސްޕޯޓު %12.2 އިތުރުވެއްޖެ، ދިވެހި އުފެއްދުންތަކުގެ އެކްސްޕޯޓަށް ބޮޑު ކުރިއެރުމެއް
04 ޖޫން 2025
|
ރާއްޖޭގެ މައި ވިޔަފާރި ބަނދަރު
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު ފާއިތުވި އަހަރާ އަޅާބަލާއިރު 12.2 އިންސައްތަ އިތުރުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ޖަނަވަރީން އެ އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓުކޮށްފައިވަނީ 164.5 މިލިއަން ޑޮލަރު ނުވަތަ 2.5 ބިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރުގެ އެ މުއްދަތުގައި 184.6 މިލިއަން ޑޮލަރު ނުވަތަ 2.8 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އިމްޕޯޓުުކޮށްފައިވެއެވެ.
އެކްސްޕޯޓުގެ ވަކި ބައިތަކަށް ބަލާއިރު ޑޮމެސްޓިކް އެކްސްޕޯޓު ނުވަތަ ރާއްޖޭގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރުވެސް އިތުރުވެފައިވެއެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ދިވެހިރާއްޖޭގެ އުފެއްދުންތަކުގެ ގޮތުގައި އެކްސްޕޯޓުކޮށްފައިވަނީ 41 މިލިއަން ޑޮލަރު ނުވަތަ 632 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރުގެ އެ މުއްދަތުގައި 56.1 މިލިއަން ޑޮލަރު ނުވަތަ 865 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ.
އަދި ރާއްޖެއަށް އެތެރެކުރުމަށްފަހު އެކްސްޕޯޓުކުރި މުދާ ނުވަތަ ރީއެކްސްޕޯޓު ކުރި މުދާވެސް އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ރީއެކްސްޕޯޓު ކުރީ 123.5 މިލިއަން ޑޮލަރު ނުވަތަ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު 128.6 މިލިއަން ޑޮލަރު ނުވަތަ 1.98 ބިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ.
މި ހިސާބުތަކަށް ބަލާއިރު އެކްސްޕޯޓުކުރި ޖުމްލަ އަދަދު 12.2 އިންސައްތަ އިތުރުވެފައިވާއިރު، ރާއްޖޭގެ ދާހިލީ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު 36.6 އިންސައްތަ އިތުރުވިއެވެ. އަދި ރީއެކްސްޕޯޓުވަނީ 4.1 އިންސައްތަ އިތުރުވެފައެވެ.
ދިވެހި އުފެއްދުންތަކުގެ އެކްސްޕޯޓުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ މަހުގެ ބާވަތްތަކުގެ އެކްސްޕޯޓެވެ. ނިމުނު އަހަރުގެ އޭޕްރީލު މަހުގެ ނިޔަލަށް އެކްސްޕޯޓުކޮށްފައިވަނީ 37 މިލިއަން ޑޮލަރުގެ މަހުގެ އުފެއްދުންތަކެވެ. މި އަހަރުގެ އެ މުއްދަތުގައި 52.5 މިލިއަން ޑޮލަރުގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓުކޮށްފައިވެއެވެ. އެއީ 42.1 އިންސައްތައިގެ އިތުރުވުމެކެވެ.