ENGLISH
06 ޖޫން 2025
އިންޓަރގެ ކޯޗުގެ މަގާމުން އިންޒާގީ ވަކިވެއްޖެ
03 ޖޫން 2025
|
އިންޓަރގެ ކުރީގެ ކޯޗު، އިންޒާގީ. --ފޮޓޯ: ރޮއިޓާސް
އިޓަލީގެ އިންޓަރ މިލާނުގެ ކޯޗުގެ މަގާމުން ސިމޯނީ އިންޒާގީ ވަކިވެފައިވާ ކަމަށް އެ ކުލަބުން ބުނެފިއެވެ.
އުމުރުން 49 އަހަރުގެ އިންޒާގީ، އިންޓަރގެ ކޯޗުގެ މަގާމު ދޫކޮށްލާފައިމިވަނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލަދުވެތިގޮތަކަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީ އަތުން އެ ޓީމު ބަލިވިތާ ތިން ދުވަސް ފަހުންނެވެ.
"ހަތަރު އަހަރުގެ ދަތުރަކަށްފަހު މި ކްލަބާ ވަކިވެލުމުގެ ވަގުތު އައިސް ޖެހިއްޖެ. މި ދަތުރުގައި އަހަރެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރީން،" އިންޒާގީގެ ބަޔާނުގައިވެއެވެ.
އިންޒާގީ ބުނީ، އިންޓަރގެ ސަޕޯޓަރުންގެ ފަރާތުން އުފާވެރި ދުވަސްތަކުގައްޔާއި، ދަތި އުނދަގޫ ހާލަތްތަކުގައިވެސް އޭނާއާއެކު ބައިވެރިވެ، ހުރިހާ ކަމެއްގައި ލިބުނު އެހީތެރިކަމާއި ލޯތްބަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. ދުވަހަކުވެސް އިންޓަރގެ ސަޕޯޓަރުންގެ މަތިން ހަނދާން ނުނެތޭނެ ކަމަށް ވެސް އިންޒާގީ ބުނެފައިވެއެވެ.
އިންޒާގީ އާއެކު އިންޓަރ އަށް ލީގުގައި ވެސް ނިންމާލަންޖެހުނީ ހިތްދަތިކޮށެވެ. އިޓާލިއަން ލީގުގެ ފަހު ހަފްތާގައި ޗެމްޕިއަންކަން ގެއްލުނީ ނަޕޯލީ އަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެންނެވެ. އަދި، އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި ވާދަވެރި އޭސީ މިލާން އަތުން ބަލިވީ 4-1 އިންނެވެ. މިއާއެކު، އެ ޓީމަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.
އިންޓަރއާއެކު އިންޒާގީ ހޭދަކުރީ މުއްދަތުގައި މުޅިއެކު ހަ ޓްރޮފީ ކާމިޔާބުކުރިއެވެ. އޭނާ ވަނީ އިންޓަރ އަށް އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު، ދެ ފަހަރު އިޓާލިއަން ކަޕް އަދި، އެއް ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، އިންޓަރގެ ކޯޗުގެ މަގާމު ދޫކޮށްލުމަށްފަހު އިންޒާގީ ގުޅޭނީ ސަޢޫދީ ޕްރޯ ލީގުގެ އަލް ހިލާލްއާ އެވެ. މިއާއެކު، ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕްގައި އެ ޓީމަށް އިރުޝާދުދޭނީ ވެސް އިންޒާގީ އެވެ.