ENGLISH

05 ޖޫން 2025

Advertisement

ޣައްޒާގައި އެހީ ބަލައި ދިޔަ ބަޔަކު މިއަދުވެސް ޝަހީދުކޮށްލައިފި، އދ.އިން ގޮވައިލީ ތަހުޤީޤަކަށް

03 ޖޫން 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެއްޗާއި އެހީގެ ސާމާނު ބެހުމަށް އެމެރިކާ އާއި އިޒްރޭލުން އުފައްދާފައިވާ ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ސަރަޙައްދަކަށް އެއްވި މީހުންގެ ތެރެއަށް އިޒްރޭލު ސިފައިން މިއަދު ވެސް ބަޑަޖަހައި، އިތުރު 15 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ގެ ނަމުގައި މިދިޔަ ފެބްރުއަރީ މަހު އުފެއްދި ޖަމްޢިއްޔާއިން އެހީ ބެހުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ނަމަވެސް، އެ ޖަމްޢިއްޔާ އުފެއްދީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގެ ކޮންޓްރޯލް އިޒްރޭލާއި އެމެރިކާގެ އަތް ދަށަށް ގެނައުމަށް ކަމަށް ބުނެ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކުރަމުންނެވެ.

އަދި މިކަމުގެ ތަޖުރިބާއެއް ނެތި، އެހީ ބެހުމުގެ އިންތިޒާމް ދޯހަޅިކަމުން، އެހީ ބަހާ ސަރަޙައްދުތަކުގައި ލޫޓުވުމާއި ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.

މިގޮތުން އިއްޔެ ވެސް، ރަފާޙްގައި ހުރި އެހީ ބަހާ މަރުކަޒަކަށް އެއްވި މީހުން ތެރެއަށް ބަޑިޖަހައި، 31 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އެ ހާދިސާގައި 176 މީހަކު ވަނީ ޒަޚަމްވެފައެވެ.

މި ހާދިސާތަކާ ގުޅިގެން، ފުރިހަމަ ތަހުޤީޤެއް ހިންގުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވަނީ ގޮވާލައްވައިފައެވެ.

ގުޓެރޭސް ވިދާޅުވި ގޮތުގައި، ޣައްޒާގައި ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ރައްޔިތުން، ފުރާނަ އަތްމައްޗަށް ލައިގެން އެހީ ހޯދަން އުޅެންޖެހުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އެއާއެކު އޭނާ ވަނީ، މި ހާދިސާތަކުގެ މިނިވަން، އިންސާފުވެރި ތަހުޤީޤެއް ހިންގުމަށް ގޮވާލައްވައިފައެވެ.

އާންމު އުޞޫލުގެ ދަށުން އިޒްރޭލު ސިފައިންގެ އިތުރުން ޖީއެޗްއެފުން ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

މި ހާދިސާއާ އެކު ބައިނަލްއަޤުވާމީ އެކި ފަރާތްތަކުގެ ކަންބޮޑުވުން މިހާރު ވަނީ އިތުރަށް ބޮޑުވެފައެވެ.

ކާބޯތަކެއްޗާއި ބޭސް ޣައްޒާއިން މުޅިންހެން ހުސްވެ، އެތަނުގައި ދިރިއުޅޭ 2.3 މިލިއަން ރައްޔިތުން ބަނޑަށްޖެހޭނެކަމުގެ އިންޒާރު ދޭން ފެށުމުން، އިޒްރޭލުން މިހާރު ވަނީ އެހީ ވެއްދުމުގެ ފުރުޞަތު ކޮންމެވެސް ވަރަކަށް ދީފައެވެ.

ނަމަވެސް، އިޒްރޭލުން ރާވާފައިވަނީ ޣައްޒާއަށް ކިރިޔާ ފުދޭވަރަށް އެހީ ވައްދަން ފުރުޞަތު ދޭ ގޮތަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު