ENGLISH

05 ޖޫން 2025

Advertisement

އެތުލެޓިކޯއާ އެކު ގްރީޒްމަން ހަދާފައިވާ އެއްބަސްވުން 2027 ގެ ނިޔަލަށް އާކޮށްފި

03 ޖޫން 2025

|

މުޙައްމަދު އަދުހަމް

އެތުލެޓިކޯގެ ފޯވާޑް، ގްރީޒްމަން. ފޮޓޯ: ގެޓީ އިމޭޖަސް

ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް، އެންޓޮއިން ގްރީޒްމަން އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު އަހަރަކަށް އާކޮށްފިއެވެ.

އުމުރުން 34 އަހަރުގެ ގްރީޒްމަންގެ އެއްބަސްވުން އާ ކުރުމާއެކު 2027 ވަނަ އަހަރުގެ ނިޔަލަށް އެ ކުލަބުގައި މަޑުކުރާނެ އެވެ. ކުރީން އޮތް ގޮތުން، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ގްރީޒްމަންގެ ކޮންޓްރެކްޓް ހަމަވާނެ އެވެ.

މީގެ ހަ އަހަރުކުރީން، ބާސެލޯނާއަށް ރެކޯޑް ޑީލެއްގައި 136 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރާންސްފަރ ފީ އަކަށް ބަދަލުވުމަށްފަހު، އެންމެ އެކަށީގެންވާ ކުޅުން ދެއްކޭގޮތް ނުވުމުން ލޯނެއްގައި އެތުލެޓިކޯ އަށް އަހަރެއްހާ ދުވަހު ކުޅުމަށްފަހު 2022 ވަނަ އަހަރު ދާއިމީ އެއްބަސްވުމެއްގައި ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރިއެވެ. އޭގެކުރީން، އޭނާ ވަނީ 2014 އިން 2019 ގެ ނިޔަލަށް އެތުލެޓިކޯ އަށް ކުޅެފައެވެ.

މިހާތަނަށް 197 ލަނޑުޖަހައިދީގެން ގްރީޒްމަން އަކީ އެތުލެޓިކޯގެ ތާރީޚުގައި ވެސް އެންމެ ގޯލްޖެހި ކުޅުންތެރިޔާ އެވެ. މީގެއިތުރުން، އެތުލެޓިކޯގެ ޖާޒީގައި 442 މެޗު ކުޅެ، އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުގައި އޭނާ އުޅެނީ އަށްވަނައިގައެވެ.

އެތުލެޓިކޯގައި ހޭދަކުރި މުއްދަތުގައި ގްރީޒްމަން ވަނީ ސްޕެނިޝް ސުޕަ ކަޕާއި، ޔުއެފާ ޔުރޮޕާ ލީގުގެ އިތުރުން ޔުއެފާ ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. އަދި، 2016 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެތުލެޓިކޯ ގެންގޮސްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާކުރިއެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށްފަހު އެ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމުން ރިޓަޔާކުރުމާ ހަމައަށް ގްރީޒްމަން ވަނީ ފްރާންސަށް 137 މެޗުގައި 44 ލަނޑު ޖަހައިފައެވެ.

ފްރާންސް ޓީމާ އެކު 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ޔޫރޯ 2016 ގެ ރަނަރަޕް މަގާމު ފްރާންސުން ހޯދިއިރު އެ ފަހަރުގެ މުބާރާތުގެ ރަން ބޫޓް ހާސިލްކުރީ ވެސް ގްރީޒްމަން އެވެ. އެންމެ ފަހުން ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަނަރަޕް މަގާމު ހޯދި ފްރާންސް ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

ކިޔުންތެރިންގެ ހިޔާލު