ENGLISH

04 ޖުލައި 2025

Advertisement

ވޯލްޑް ކަޕް ކޮލިފައިން އަށް ނެގި ބެލްޖިއަމްގެ ސްކޮޑުން ކޯޓުއާ ވަކިވެއްޖެ

03 ޖޫން 2025

|

މުޙައްމަދު އަދުހަމް

ބެލްޖިއަމްގެ ކީޕަރު، ކޯޓުއާ. ފޮޓޯ: ގެޓީ އިމޭޖަސް

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ބެލްޖިއަމް ކުޅެން އޮތް މެޗުތަކަށް ނެގި ސްކޮޑުން، އަނިޔާގެ ސަބަބުން ރެއާލް މެޑްރިޑްގެ ގޯލްކީޕަރު، ތިބައުޓް ކޯޓުއާ ވަކިވެއްޖެއެވެ.

ކޯޓުއާގެ އަނިޔާއާ ގުޅޭގޮތުން، ރެއާލުން ވަނީ، ބުރަކަށްޓަށް އަނިޔާވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މީގެއިތުރުން، ކްލަބުގެ ވާހަކަތަކަށް ބާރުލިބިދޭ ގޮތަށް ބެލްޖިއަމް ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ އެކަމާ ގުޅޭގޮތުން ބަޔާނެއް ނެރެފައެވެ.

"ރެއާލް މެޑްރިޑާއި ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެޑިކަލް ޓީމުން ވަނީ މިދިޔަ ދުވަސްތަކުގައި ކޯޓުއާގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާއާ ގުޅޭގޮތުން މަޝްވަރާކޮށްފައި،" ބެލްޖިއަމް އެފްއޭ އިން ނެރުނު ބަޔާނެއްގައިވެއެވެ.

އެގޮތުން، ކުރިއަށް އޮތް މެޗުތަކުގައި ކޯޓުއާގެ ބޭނުންނުހިފުމަށް ނިންމާފައިވަނީ ކްލަބާއި ގައުމީ ފުޓްބޯޅަ ޓީމުގެ މެޑިކަލް ސްޓާފުން ހިމެނޭ ގޮތަށް ބޭއްވި މަޝްވަރާތަކަށްފަހު ކަމަށް ވެސް ބެލްޖިއަމް އެފްއޭ އިން ބުނެއެވެ.

ބެލެވޭ ގޮތުގައި މި އަނިޔާގެ ސަބަބުން މި މަހު އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ކޯޓުއާ އަށް ނުކުޅެވިދާނެ އެވެ. އެ މުބާރާތުގައި ރެއާލް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު މަޔާމީގައި ނުކުންނާނީ ސަޢޫދީ ޢަރަބިއްޔާގެ އަލް ހިލާލްއާ ދެކޮޅަށެވެ.

ކޯޓުއާ އަށް އަނިޔާވެފައިވުމާއެކު ކްލަބް ބްރޫޖްގެ ގޯލްކީޕަރު، ނޯޑިން ޖެކާސް އަށް ވަނީ ބެލްޖިއަމް ސްކޮޑުން ފުރުޞަތުދީފައެވެ. އޭނާ އަކީ މިހާތަނަށް ގައުމީ ޓީމަށް މެޗެއް ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ރޭ އުތުރު މެސެޑޯނިއާއާ ބައްދަލުކުރާއިރު، އޭގެ ތިން ދުވަސް ފަހުން އެ ޓީމު އަމިއްލަ ދަނޑުގައި ނުކުންނާނީ ވޭލްސްއާ ދެކޮޅަށެވެ. މި ދެ މެޗުގައިވެސް ކޯޓުއާގެ ބަދަލުގައި ބެލްޖިއަމްގެ ގޯލް ބަލަހައްޓާނީ ނޮޓިންގހަމް ފޮރެސްޓްގެ ކީޕަރު، މެޓްޒް ސެލްސް އެވެ.

ކިޔުންތެރިންގެ ހިޔާލު