ENGLISH
04 ޖުލައި 2025
އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ސައްތާރު އިންތިޚާބުކޮށްފި
02 ޖޫން 2025
|
އެމްއޯސީގެ ރައީސް، ސައްތާރު. --ފޮޓޯ: އެމްއޯސީ
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްގެ މަގާމަށް ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް، މުޙައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ދެވަނަ ދައުރަކަށް އިންތިހާބުކޮށްފިއެވެ.
އެމްއޯސީގެ ރައީސްގެ މަގާމަށް އަބްދުއްސައްތާރު އިންތިހާބުކުރީ މިއަދު ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް އެސެމްބްލީ ގައެވެ. އެންމެ ފަހުގެ ދައުރުގައި ވެސް ރައީސްކަން ކުރެއްވި އަބްދުއްސައްތާރު އެ މަގާމަށް ދެވަނަ ދައުރަކަށް ހޮވުނުއިރު، އިންތިހާބުގައި އިތުރު ކެންޑިޑޭޓެއް ވާދަކޮށްފައެއް ނުވެއެވެ.
މިއަދު ހަވީރު ހ. މީރުމާ ހޮޓެލްގައި ބޭއްވި އިންތިހާބުގައި ކުރިއަށް އޮތް ދައުރަށް އެމްއޯސީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރިއިރު، ނައިބު ރައީސުންގެ މަގާމަށް ހޮވިފައިވަނީ، ޗެސް އެސޯސިއޭޝަންގެ ފަރާތުން ވާދަކުރި އަހުމަދު މުންތަޤިމް އާއި ހޭންޑްބޯލް މޯލްޑިވްސްގެ އަހުމަދު އިސްމާއިލް އެވެ.
މިއީ އަހުމަދު އިސްމާއިލް ވެސް ނައިބު ރައީސްގެ މަގާމު ފުރުއްވާ ދެވަނަ ދައުރެވެ. މިފަހަރު ނައިބު ރައީސްގެ މަގާމަށް އިންތިހާބުވި މުންތަޤިމް ވަނީ، ޖޫން 2024 އިން މެއި 2025 ގެ ނިޔަލަށް ނައިބު ރައީސްކަން ކުރައްވާފައެވެ. އެއީ، ކުރީން އެ މަގާމުގައި ހުންނެވި ނައިބު ރައީސް، މުޙައްމަދު ޠަލާލް، ސްޕޯޓްސް ކޮމިޝަނާގެ މަގާމަށް ވަޑައިގަތުމަށް، އިސްތިއުފާ ދިނުމުންނެވެ.
މި އަހަރުގެ އިންތިހާބުގައި ނައިބު ރައީސްގެ މަގާމަށް ދެން ވާދަކުރީ އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް، މުސްތަފާ މުޙައްމަދު އެވެ. މިއަދު ކުރިއަށްދިޔަ އެމްއޯސީގެ އެކްސްޓްރާއޯޑިނަރީ އެސެމްބްލީގައި 14 މެންބަރު އެސޯސިއޭޝަންތަކުގެ މަންދޫބުންގެ އިތުރުން އެތުލީޓުންގެ ކޮމިޝަން ތަމްސީލުކުރާ މަންދޫބުން ވެސް ބައިވެރިވެފައިވެއެވެ.