ENGLISH
03 ޖޫން 2025
ޔުނައިޓެޑުން ވުލްވްސްގެ ކޫންޔާ ގަތުމަށް އެއްބަސްވުމަކަށް އަތުވެއްޖެ
01 ޖޫން 2025
|
މަތެއުސް ކޫންޔާ. --ފޮޓޯ: ރޮއިޓާސް
ވުލްވްސް އަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް، މަތެއުސް ކޫންޔާ ގަތުމަށް މެންޗެސްޓަރ ޔުނައިޓެޑުން އެ ކްލަބާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އުމުރުން 26 އަހަރުގެ ކޫންޔާގެ ސޮއި ހޯދުމަށް އޭނާގެ ކޮންޓްރެކްޓް އުވާލުމަށް ދައްކަންޖެހޭ ރިލީޒް ކްލޯޒްގެ އަގަށްވާ 84 މިލިއަން އެމެރިކާ ޑޮލަރު ( 62.5 މިލިއަން ޕައުންޑް) ދޭން ޔުނައިޓެޑުން ވަނީ އެއްބަސްވެފައެވެ.
"މެންޗެސްޓަރ ޔުނައިޓެޑުން ވޮލްވަހެމްޕްޓަން ވޯންޑަރާސްއާއެކު މަތެއުސް ކޫންޔާ ގަތުމަށް އެއްބަސްވުމަކަށް އާދެވިއްޖެ. ކޫންޔާގެ އެއްބަސްވުން ރަސްމީ ކުރެވިގެންދާނީ، ވިސާއާއި ރަޖިސްޓްރޭޝަނަށްފަހު." ޔުނައިޓެޑުން ނެރުނު ބަޔާނެއްގައިވެއެވެ.
ވުލްވްސް އިން ވެސް ވަނީ، އެ ކުލަބުގައި ހޭދަކުރި މުއްދަތުގައި ކޫންޔާ ދެއްކި ކުޅުމަށާއި އޭނާ ކޮށްދިން މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެ މެސެޖުގައި ވުލްވްސް އިން ވަނީ، ކޫންޔާގެ އާއިލާ އަށާއި އޭނާ އަށް ހެޔޮ އެދުންތައް ފޮނުވާފައެވެ.
ޔުނައިޓެޑުން ކޫންޔާ އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު، އެއް އަހަރަށް ކޮންޓްރެކްޓް އިތުރުކުރުމުގެ އިހުތިޔާރުވެސް އެ ކުލަބަށް ލިބިގެންވެއެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ޑިސެންބަރު މަހުގައި އެތުލެޓިކޯ މެޑްރިޑުން ލޯން އެއްބަސްވުމެއްގައި ވުލްވްސް އަށް ބަދަލުވި، ކޫންޔާ ވަނީ ފަހުން އެ ކުލަބާއެކު ދާއިމީ ކޮންޓްރެކްޓެއްގައި ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބަދަލުވެފައެވެ.
ކޫންޔާ ވަނީ ވުލްވްސް އަށް ކުޅެދިން 92 މެޗުގައި 33 ލަނޑުޖަހައި، އިތުރު 15 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. މީގެތެރެއިން 15 ލަނޑުޖެހީ ނިމިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައެވެ.
ސްވިޒަލެންޑްގެ ކްލަބް ސިއޯން އިން ޕްރޮފެޝަނަލް ކެރިއަރު ފެށި ކޫންޔާ ވަނީ، މީގެކުރީން ޖަރުމަންގެ އާރްބީ ލީޕްޒިގާއި ހާތާ ބާލިން އަށް ވެސް ކުޅެފައެވެ. އޭނާ އަކީ ކުރިއަށް އޮތް ސީޒަނަށް ޔުނައިޓެޑުން ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.
މި ޓްރާންސްފަރ އާއެކު ކޫންޔާ ވަނީ، ވުލްވްސްގެ ތާރީޚުގައި ވެސް މިހާތަނަށް އެންމެ ބޮޑު އަގުގައި ވިއްކާލި ކުޅުންތެރިޔާ އަށް ވެފައެވެ. މީގެކުރީން، ވުލްވްސް އިން އެންމެ ބޮޑު އަގުގައި ވިއްކާލާފައިވަނީ މަތެއުސް ނޫނޭސް އެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރީން، 2023 ވަނަ އަހަރު މެންޗެސްޓަރ ސިޓީން އޭނާ ގަތުމަށް 71 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރިއެވެ.