ENGLISH

03 ޖޫން 2025

Advertisement

ޕީއެސްޖީގެ ސަޕޯޓަރުންނަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އެހީވެދިން 12 ވަނަ ކުޅުންތެރިޔާ: ލުއިސް އެންރީކޭ

01 ޖޫން 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީ ޓީމު މުބާރާތުގެ ޓްރޮފީއާއެކު. --ފޮޓޯ: އޭޕީ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާންގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯދައި، ޕީއެސްޖީން ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ޓްރޮފީ އުފުލާލަދިނުމުގައި ސަޕޯޓަރުން ވަނީ 12 ވަނަ ކުޅުންތެރިޔާގެ ގޮތުގައި މުހިއްމު ދައުރެއް އަދާކޮށްދީފައި ކަމަށް އެ ޓީމުގެ ކޯޗު، ލުއިސް އެންރީކޭ ބުނެފިއެވެ.

ޕީއެސްޖީން މުބާރާތުގެ ފައިނަލް މެޗު ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރީ ފްރާންސްގެ އުމުރުން 19 އަހަރުގެ ވިންގް، ޑެޒައިރީ ޑުއޭ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑުޖަހައި، އިތުރު ގޯލެއްޖެހުމަށް އެހީތެރިވެދީފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ ކްވިޗާ ކްވަރަޝްކޭލިއާ، އަޝްރަފް ހަކީމީ އާއި ސެނީ މަޔޫލޫ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އެންރީކޭ ބުނީ، ޕީއެސްޖީ އަށް ފަޚުރުވެރި، ތާރީޚީ ކާމިޔާބީ ހާސިލްކޮށްދިނުމުގައި އެ ކުލަބުގެ ސަޕޯޓަރުން އަޑުގަދަކޮށް، ހިތްވަރުދިނުމުގައި ފުރިހަމަ ނަމޫނާް ދައްކުވައިދީފައިވާ ކަމަށެވެ.

ޕީއެސްޖީ އަށް ލަނޑުޖަހައިދިނުމަށްފަހު ޑުއޭ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

"އަހަރެން ވަރަށް އުފާވެއްޖެ،" އެންރީކޭ ބުންޏެވެ.

"ނިމުނުއިރު ޕީއެސްޖީގެ ސަޕޯޓަރުން އަހަރެންގެ އާއިލާއަށް ހާއްސަކޮށް ދައްކާލި ބެނާއާއެކު ވަރަށް އިމޯޝަނަލް ވެއްޖެ. އެކަމަކު، އަހަރެން އަބަދުވެސް އަހަރެންގެ ދަރިފުޅާ މެދު ވިސްނަން." އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ، މެޗު ފެށިގެން ނިމެންދެން އޭނާގެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކަމަށެވެ. ހާއްސަކޮށް، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ، އޮސްމާނޭ ޑެމްބެލޭގެ ފަރާތުން ވަރުބަލިކަމެއްނެތި ބުރަކޮށް މަސައްކަތްކޮށްފައިވާކަން ވެސް އެންރީކޭ ފާހަގަކުރިއެވެ.

ޕީއެސްޖީގެ ސަޕޯޓަރުން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މެޗަށް ނިކުތްއިރު ވެސް އޭނާގެ ޒުވާން ޕީއެސްޖީ ޓީމުން ފައިނަލުގައި އެފަދަ މޮޅު ކުޅުމެއް ކުޅެ، ޕްރެޝަރާ ފުރިހަމައަށް ކުރިމަތިލާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށާއި، އޭރުވެސް އިތުބާރު އޮތް ކަމަށް އެންރީކޭ ބުންޏެވެ.

މި ކާމިޔާބީއާއެކު އެންރީކޭ ވަނީ، އެއް ސީޒަނެއްގައި ލީގާއި، ކަޕް އަދި ޗެމްޕިއަންސް ލީގުގެ ޓްރޮފީ އުފުލާލައި، ދެ ޓީމަކާއެކު ޓްރެބަލް ހާސިލްކުރި ދެވަނަ ކޯޗުގެ ޝަރަފު ހޯދާފައެވެ. ކުރީން، މި ރެކޯޑް އޮތީ ޕެޕް ގާޑިއޯލާ އަތުގައެވެ. މި ދެ މީހުންވެސް ފުރަތަމަ ޓްރެބަލް ބާސެލޯނާ އާއެކު ހާސިލްކުރިއިރު، އެ ކާމިޔާބީ ތަކުރާރުކުރީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާން ބަލިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު