ENGLISH

03 ޖޫން 2025

Advertisement

ފައިނަލުގައި ފެނުނީ އަހަރެންގެ އިންޓަރއެއް ނޫން: އިންޒާގީ

01 ޖޫން 2025

|

މުޙައްމަދު އަދުހަމް

އިންޓަރގެ ކޯޗު، އިންޒާގީ. --ފޮޓޯ: ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވީ އޭނާގެ ޓީމު ނޫން ކަމަށް އިންޓަރ މިލާނުގެ ކޯޗު، ސިމޯނީ އިންޒާގީ ބުނެފިއެ ވެ.

އިންޒާގީ ބުނީ، ޗެމްޕިއަންސް ލީގުގެ ތާރީޚުގައި، ފައިނަލެއްގައި އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗު ހޮނިހިރު ދުވަހުގެ ރޭ ޖަރުމަންގެ މިއުނިކްގައި ފެނިގެންދިޔައިރު، އެ މެޗުގައި ކުޅުނީ އޭނާގެ އިރުޝާދުގެ ދަށުން ކުޅެމުން އައި އިންޓަރ ނޫން ކަމަށެވެ.

މެޗަށްފަހު އިންޒާގީ ބުނީ، މުބާރާތުގެ ފައިނަލުގައި ލަދުވެތި ގޮތަކަށް ޕީއެސްޖީ އަތުން ބަލިވީ، އޭނާގެ އިންޓަރ ނޫން ކަމަށާއި އެކަން އެ ޓީމުގެ ކުޅުންތެރިންނަށް ވެސް އިހުސާސްވެފައިވާ ކަމަށެވެ.

ރޭގެ މެޗު ކާމިޔާބުކޮށް، ޕީއެސްޖީން އެ ކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު، މި ނާކާމިޔާބީއަކީ އިންޓަރގެ ކޯޗު، އިންޒާގީ އަށް ހަޖަމުކުރަން އެހާ ފަސޭހަ ނަތީޖާއެއް ނޫނެވެ.

މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށި ތިން ފަހަރު ކާމިޔާބުކޮށްފައިވާ އިންޓަރގެ ކޯޗުކަމުގައި އިންޒާގީ ހުރެގެން އެންމެ ފަހުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެ ފަހަރުވެސް ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާ އެވެ. މީގެ ދެއަހަރުކުރީން، 2023 ވަނަ އަހަރުގެ ފައިނަލުގައި ތުރުކީގެ އިސްތަންބޫލުގައި މެންޗެސްޓަރ ސިޓީ އަތުންވެސް ވީ ބައްޔެވެ.

ޕީއެސްޖީއާ އިންޓަރ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

އަނެއްކޮޅުން، ސީޒަނުގެ ތިން މުބާރާތެއް ކާމިޔާބުކުރުމަށް އަމާޒުހިފިނަމަވެސް، އާހިރުގައި ނިންމާލީ އެއްވެސް ތަށްޓެއް ނުލިބިއެވެ. އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ނަޕޯލީއާ ވާދަކޮށް ގެއްލިގެންދިޔައީ، ފަހު ހަފްތާތަކުގައި އެންމެ ރަނގަޅު ކުޅުން ތަކުރާރު ނުކުރެވިގެންނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވީވެސް އެންމެ ފަހު ހަފްތާގައެވެ.

"އަހަރެންނަށް ވިސްނޭ ގޮތުގައި މިއީ ޕީއެސްޖީ އަށް ޙައްޤު ކާމިޔާބީއެއް،" އިންޒާގީ ބުންޏެވެ.

އިންޒާގީ ބުނީ، ފައިނަލުގައި ބަލިވުމުން ވަރަށް ބޮޑު ހިތާމައަކާއި ވޭނެއް ލިބިފައިވާ ކަމަށާއި، އެއީ އޭނާގެ ޓީމުން މުބާރާތުގައި އެހާ ރަނގަޅު ދަތުރެއް ކުރި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުގޮތުން އޮތް އުނދަގޫތަކުގެ ސަބަބުން ކަމަށެވެ.

މުބާރާތުގެ އެންމެ މުހިއްމު މެޗުން ބަލިވިނަމަވެސް، ކޯޗެއްގެ ހައިސިއްޔަތުން އަދިވެސް ފަޚުރުވެރިވާ ކަމަށް ވެސް އިންޒާގީ ވަނީ ބުނެފައެވެ.

އިންޓަރގެ ކޯޗު، އިންޒާގީ (ވ) ނުރުހުން ފާޅުކުރަނީ. --ފޮޓޯ: އޭޕީ

"މެޗާމެދު ހިތްހަމައެއް ނުޖެހޭ. އަހަރެމެން މެޗަށް ތައްޔާރުވީ ރަނގަޅަކަށް ނޫން... ފައިނަލުގައި ކުޅުނީވެސް އެންމެ ރަނގަޅަކަށް ވެސް ނޫން. އެކަމަކު، އަހަރެންގެ ކުޅުންތެރިންނަށް ޝުކުރު އަދާކުރިން." އިންޒާގީ ބުންޏެވެ.

އިންޒާގީ ބުނީ، ޕީއެސްޖީގެ ހަލުވި ކުޅުމުގެ ސަބަބުން އިންޓަރ އަށް އުނދަގޫވި ކަމަށާއި، އޭނާގެ ޓީމު ފެނުނީ ވެސް އިދިކޮޅު ޓީމަށް ވުރެ ވަރުބަލިކޮށް ކަމަށެވެ. އެއީ، ދުވަސްތަކެއް ކުރީން ޕީއެސްޖީން ލީގުގެ ޗެމްޕިއަންކަން ހޯދާފައިވުމާއެކު، އޭނާގެ ޓީމުން އެންމެ ފަހު ހަފްތާތަކާ ހަމައަށް ވަރުގަދަ މެޗުތަކެއް ކުޅެން ޖެހުމުން ކަމަށް ވެސް އިންޒާގީގެ ވާހަކައިގައި ފާހަގަކުރިއެވެ.

އިންޒާގީގެ ވާހަކަތައް ނިންމާލަމުން، މި ޖޫން މަހު ފަށާ ފީފާ ކްލަބް ވޯލްޑްކަޕްގައި އިންޓަރގެ ކޯޗުކަމުގައި ދެމިހުންނާނެ ކަމާމެދު ވަކި ޖަވާބެއްދޭން ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން، އިންޒާގީ ބުނީ، އޭނާ ކްލަބް ވޯލްޑްކަޕާ ގުޅޭ ގޮތުން ޖަވާބެއް ނުދޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު