ENGLISH
03 ޖޫން 2025
ޤަތަރާއި ސަޢުދީ ގުޅިގެން ސޫރިޔާގެ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދޭން ޙަވާލުވެއްޖެ
01 ޖޫން 2025
|
ޤަތަރާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން ސޫރިޔާގެ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ސަޢުދީގެ ޚާރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާން އަލް ސަޢުދު ވިދާޅުވެއްޖެއެވެ.
ފައިޞަލް ބިން ފަރްޙާން މިކަން އިޢުލާނުކުރައްވާފައިވަނީ، ސޫރިޔާގެ ޚާރިޖީ ވަޒީރު އަސްއަދު އަލް ޝިބާނީއާ އެކު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުންދާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރު އަލް-ޝާމް (އެޗްޓީއެސް) އިން ޤާއިމު ކޮށްފައިވާ ވަގުތީ ސަރުކާރަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ޤަތަރާއި ސައުދީންނެވެ. އެޗްޓީއެސްއިން އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމަށް ނިމުން ގެނެސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
ސޫރިޔާގެ ދައުލަތުގެ މުވައްޒަފުންގެ މުސާރަ ދޭން ޤަތަރާއި ސައުދީން ޙަވާލުވެފައިވާކަމަށް ފައިޞަލް ބިން ފަރްޙާން ވިދާޅުވިޔަސް، އެކަމުގެ ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.
ނަމަވެސް، މަހަކު 29 މިލިޔަން އެމެރިކާ ޑޮލަރު ސޫރިޔާގެ ސަރުކާރަށް ފޯރުކޮށްދިނުމަށް ޤަތަރުގެ ސަރުކާރުން ނިންމާފައިވާ ކަން އެޗްޓީއެސް ސަރުކާރުގެ މާލީ ވަޒީރު މުޙައްމަދު ޔުސްރީ ބަރްނިއްޔާ ހުސްވި މޭ މަހު އިޢުލާނު ކޮށްފައިވެއެވެ. އެ ފައިސާ ފޯރުކޮށްދިނުމަށް ޤަތަރުން ނިންމާފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަސަދުގެ ދިގު ވެރިކަން ނިމުމަކަށް އައުމާ ގުޅިގެން، ސޫރިޔާ އަލުން އާރާސްތުކުރަން އެހީވުމަށްޓަކައި ބައެއް ޤައުމުތަކުން ދަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރަމުންނެވެ.
އޭގެތެރޭގައި އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ޤައުމުތައް ވެސް ހިމެނެއެވެ.
މީގެއިތުރުން، ސޫރިޔާގެ ސަރުކާރުން ވޯރލްޑް ބޭންކަށް ދައްކަން ޖެހޭ 15 މިލިޔަން އެމެރިކާ ޑޮލަރު ސައުދީ އާއި ޤަތަރުން ވަނީ ދައްކައި ޚަލާޞް ކޮށްދީފައެވެ.