ENGLISH

03 ޖުލައި 2025

Advertisement

ރައީސްގެ ލެގަސީ؛ ކުރު މުއްދަތެއްގައި ބޮޑެތި ގިނަ މައްސަލަތައް ހައްލުކުރައްވަން ފެއްޓެވި

04 ޖޫން 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދޮޅު އަހަރެއްހައި ދުވަސް ނިމިގެންދިޔައިރު، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރައީސްވަނީ ތާރީޚުގައި އެމަނިކުފާނަށް ހާއްސަ މަގާމެއް ޔަގީންކުރައްވާފައެވެ. އެ މަގާމަކީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން ޒަމާންތަކެއް ވަންދެން އެއްވެސް ވެރިޔަކު އެ މައްސަލަތައް ހައްލުކުރެއްވުމަށް މަސައްކަތް ނުކުރައްވައި ދޫކޮށްލައްވާފައި ހުރި މައްސަލަތައް މުލުން ލުހެލެއްވުމަށް ފެއްޓެވި މަސައްކަތުގެ ސަބަބުން ލިބިވަޑައިގަންނަވާ މަގާމެކެވެ. 

ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ދިވެހި މުޖުތަމައަށް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތައް މުޖުތަމައުގެ އެންމެ ފުނަށް މޫލައި، އެއިން ސަލާމަތްނުވެވި ދިގުލައިގެން ގޮސްފައިވާކަން އެއީ އެންމެންނަށް އެނގޭ ކަންކަމެވެ. އެކަންކަން ހައްލުކުރުމުގައި ސަރުކާރުތަކަށް އެކަށީގެންވާ ހަރުދަނާ ދެމެހެއްޓެނެވި މަސައްކަތްތަކެއް ކުރެވިފައި ނެތްކަން އިންސާފުވެރިކަމާއެކު މި މައްސަލަތަކަށް ނަޒަރުކުރާ ކޮންމެ މީހަކުމެ ގަބޫލުކުރާނެއެވެ. 

ރައީސް ޑރ.މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެއަށް ކުރިމަތިވެފައި ހުރި މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ ޒަމާންތަކަކަށް އަޅައިނުލެވި ދޫކޮށްލާފައި ހުރުމުގެ ސަބަބުން ބޮޑުވެފައި ހުރި މައްސަލަތަކެވެ. އެ މައްސަލަތައް ހައްލުކުރުމަށް ބަދަލުވަމުންދިޔަ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ގޯސްވެފައި ހުރި މައްސަލަތަކެވެ. 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ 

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގުތިސާދީ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. މި މައްސަލަ އުފެދި ބޮޑުވުމަށް މެދުވެރިވި އެއް ސަބަބަކީ ރާއްޖޭގައި އުޅޭ ބިދޭސީންނާ ގުޅުންހުރި މައުލޫމާތު އެއްކުރެވިފައި ނެތުމެވެ. ގަވާއިދުގެ ތެރެއިން އެތެރެވެ، ވިސާއާއި ވޯކް ޕާމިޓު ލިބިގެން އުޅެމުންދާ މީހުންނާއި، ގަވާއިދާ ހިލާފަށް ވިސާއެއް ނެތި ވޯކް ޕާމިޓުވެސް ނެތި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރެވި އެމީހުން ތިބި ތަނަކާ އުޅޭ ތަނެއް ދައުލަތަށް ނޭނގެއެވެ. 

މި މައްސަލަ ހައްލުކުރުމަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން މަސައްކަތް ފެށީ މައްސަލައިގެ އަސްލާ ހަމައިންނެވެ. ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބައޮމެޓްރިކް ޑޭޓާ އެއްކޮށް ކޮންމެ ރަށެއްގައި ތިބީ ކިތައް ބިދޭސީންކަމާއި އެއީ ކޮން ބައެއްކަން ދައުލަތަށް އެނގޭނެ މިންވަރަށް ބިދޭސީންގެ މައުލޫމާތު އެއްކުރަން ފެށިއެވެ. 

އެއާއެކު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުންނާމެދު ގާނޫނުގައި ބަޔާންކުރާ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އިމިގްރޭޝަނުން މިއިން ޒަމާނެއްގައި ކޮށްފައި ނެތް މިންވަރަށް ކޮށްފިއެވެ. ނަތީޖާއަކީ ނިމުނު ފަސް އަހަރު ދުވަހު ޑީޕޯޓުކުރި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދުކަމަށްވާ  2،165 އަށްވުރެ އިތުރަށް ރައީސްގެ ވެރިކަމުގެ ދޮޅު އަހަރެއްހައި ދުވަސްތެރޭ ގަވާއިދާ ހިލާފުވާ ބިދޭސީން ޑީޕޯޓުކުރެވުމެވެ. އެގޮތުން މިވެރިކަމުގައި 2،446 ބިދޭސީން ނިމުނު އޭޕްރީލު މަހުގެ ނިޔަލަށް ޑީޕޯޓުކޮށްފައިވެއެވެ. 

ގޭންގުތަކުގެ މައްސަލަ 

ގޭންގުތަކުގެ މައްސަލައަކީވެސް ފާއިތުވި ކޮންމެ ސަރުކާރަކުންމެ ހައްލުކުރާނެކަމަށް ބުނެ، ހައްލެއް ނުލިބި މޫލަމުން ފެތުރެމުން ފުޅާވަމުން އައި މައްސަލައެކެވެ. މި ސަރުކާރުގައި މި މައްސަލައަށް ހައްލެއް ގެނައުމަށް އެކި ޒާވިޔާތަކުން މަސައްކަތް ކުރެވެމުންދާ މަންޒަރު ފެނެއެވެ. ގާނޫނީ ހައްލުގެ ގޮތުގައި ފެނުނީ ގޭންގުތަަކުގެ ހަރަކާތްތައް ހުއްޓުވުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ލިބޭ ގޮތަށް އަލަށް އެކުލަވައިލެވުނު ގާނޫނެވެ. 

އެ ގާނޫނާއެކު ތަންފީޒީ އިދާރާތަކަށް ކުރިން ނުލިބޭ ގިނަ ބާރުތަކެއް ލިބޭނެއެވެ. އަދި ކުށް ކޮށްގެން ފައިސާ ހޯދައިގެން އެއިން އުފައްދާ ތަނަވަސްކަން ދައުލަތަށް ނެގޭނެ އިންތިޒާމުތަކެއް އެ ގާނޫނުގައި އެކަށައެޅިގެން ގޮސްފިއެވެ. ހަމަައެހެންމެ އިންތިޒާމުވެގެން ކުށްކުރާ ގުރޫޕުތައް ނުވަތަ ގޭންގުތަކަކީ ކޮބައިކަމާއި އެފަދަ ގުރޫޕުތަކުގައި ބައިވެރިވުން ކަމަށް ބެލެވޭނެ ގޮތްތައް ގާނޫނުގައި ލިޔެވި ސާފުކޮށް ބަޔާންކުރެވި އެކަންކަން ކުށްކަމަށް ކަނޑައެޅިއްޖެއެވެ. 

ގޭންގު އުފެދުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރެއިން މަދުރަސީ މަރުހަލާގައި އެކަށީގެންވާ ނަތީޖާއެއް ނުލިބި، މުޖުތަމައުގައި ކުރާނެ މަސައްކަތެއް ނެތިވެ، ގިނަވެފައި ތިބޭ ޒުވާނުން ގިނަވުމުގެ މައްސަލަ ހައްލުކުރުމަށް، ޒުވާނުންނަށް ކުރިއަށްދެވޭނެ މަގުތައް ފަހިކުރުމުގެ ގޮތުން ވަތަނީ ހިދުމަތުގެ ޕްރޮގުރާމެއް ސަރުކާރުން ފަށައިފިއެވެ. އަދި ކުޑައިރު ކުށުގެ ވެއްޓަށް ވަދެވި ތާށިވާ ކުދިންނަށް ބޭނުންވާ ތަމްރީނު ދީ ތަރުބިއްޔަތުކޮށް ހޭހަންކޮށް މުޖުތަމައަށް ނެރުމަށް ވަކި ރަށެއް ހާއްސަކުރެވި އެތަން ގާއިމުކުރުމުގެ މަސައްކަތްވެސް ފެށިއްޖެއެވެ. 

ވަށާޖެހޭ ގޮތަށް ފެށިފައިވާ މި މަސައްކަތްތައް އެކުވެ ލާމެހުމުން އުފެދޭނީ ވަރުގަދަ އިޖުތިމާއީ ރައްކާތެރިކަމުގެ ދާގަނޑެކެވެ. ގާނޫނީ އޮނިގަނޑާއެކު ތަންފީޒީ އިދާރާތަކަށް ލިބޭ ބާރުތަކާއި، ކުށުގެ ވެއްޓަށް ނުގޮސް އަބުރުވެރި ޝަރަފުވެރި ދިރިއުޅުމެއް ހޯދޭނެ މަގުތައް ކޮށިގެންދިއުމާއި، މަގުން ކައްސައިލާ ކުދިން އިތުރަށް ކަސިޔާރުނުވަނީސް ހަމަ މަގަށް އެޅުވުމަށް ފެށޭ ޕްރޮގުރާމުތައް އެކުވުމުން މި މައްސަލައަށް ހައްލެއް ލިބުމުގެ އުންމީދު އައުވެއެވެ. 

ބަރަހަނާ މަންޒަރާއި ވޭޕު މަނާކުރުމާއި ދުންފަތާ ދެކޮޅު މަސައްކަތް

ސައެެންޓިފިކް ދިރާސާތަކުން ސާބިތުވާ ގޮތުގައި ބަރަހަނާ މަންޒަރުތައް ބެލުމަކީ މީހާގެ ވިސްނުން ހަރާބުވެ، ނުބައި އާދަތަކެއް ކަށީގައި ހަރުލައި، ތަބީއަތާ ހިލާފު އުޅުންތަކަށް މަގުފަހިވާ ކަމެކެވެ. މީގެ ކުރިންވެސް އެކަން ވިސްނިގެން ސަރުކާރުތަކުގެ އެކި ފަންތީގައި އެފަދަ މަންޒަރުތައް ފެންނަ ވެބްސައިޓުތައް މަނާކުރުމުގެ ވާހަކަ ދެކެވުނެވެ. ދެކެވޭ ވާހަކައެއްގެ ގޮތުގައި އޮތް މި ސިޔާސަތަށް އަމަލީ ސިފަ ގެންނެވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒެވެ. 

މި ނިންމެވުމަކީ ކުރިއަށް އޮތް ޖީލުތަކުގެ ވިސްނުން ހަރާބުވިޔަނުދެއްވުމަަށް އެޅުއްވި ހަރުދަނާ ފިޔަވަޅެކެވެ. ފާހިޝް ކަންކަމާއި ތަބީއަތާ ހިލާފު އަމަލުތަކުގެ ތެރެއަށް ޣަރަގުވަމުން އައި މުޖުތަމައެއް އެކަމުން ސަލާމަތްކުރެއްވުމަށް ނިންމެވި މުހިއްމު ނިންމެވުމެކެވެ. 

2019 އާއި 2020 ގެ ތެރޭގައި ރާއްޖޭގައި އާއްމުވާން ފެށި ވޭޕު ވެގެންދިޔައީ ސިއްހީ ހިދުމަތްތެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެއާ ގުޅުނު ކަމަކަަށެވެ. އާއްމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލަކަށްވުމުގެ އިތުރަށް ވޭޕު ވެގެންދިޔައީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި ޒުވާނުން ދުންފަތުގެ ތެރެއަށް ވަންނަން ކޮށުނު މަގަކަށެވެ. ސްކޫލުތަކުން ވޭޕު ފެންނަ މިންވަރު ދުވަހުން ދުވަހަށް މަހުން މަހަށް އައީ އިތުރުވަމުންނެވެ. 

މިދެންނެވި މައްސަލަ ހައްލުކޮށް ވޭޕު މަނާކުރުމަށް ސިއްހީ މާހިރުން ސަރުކާރުގައި އެދުނު ނަމަވެސް އެއިރު ސަރުކާރުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަފާތެވެ. އެ ކަންބޮޑުވުންވެސް އަޑުއައްސަވައި އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވައި ވޭޕު މަނާކުރެއްވިއެވެ. 

އެއާއެކު ދުންފަތުގެ ވަބާއިން ދިވެހިން ސަަލާމަތްކުރެއްވުމަށް ރައީސް ނިންމެވީ އެންމެ ސިޔާސަތެއްގެ ބަދަލުގައި ގުޅި ލާމެހިފައިވާ ސިޔާސަތުގެ ޗޭނަކުން ދުންފަތް ބަދެލެއްވުމަށެވެ. ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރެއްވުމާއެކު، ދުން ފަތް ގަނެވޭ އެންމެ ހަގު އުމުރު 21 އަހަރަށް މަތިކުރެއްވުމާއި، 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން އުފަންވި އެންމެނަށް ދުންފަތް ވިއްކުން މަނާކުރާ ގޮތަށް ގާނޫނު އިސްލާހުކުރައްވަން ނިންމެވިއެވެ. 

ރައީސްގެ މި ނިންމެވުންތައް ބަލައިގަނެ ބައިނަލްއަގުވާމީ ފެންވަރުގައި އެ މަސައްކަތްޕުޅު ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެމަނިކުފާނަށް ހާއްސަ އެވޯޑެއްވެސް އަރުވާފައިވެއެވެ. 

އިތުރު އެތައް ކަމެއް 

އޭގެ އިތުރަށްވެސް އެތައް މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް ރައީސްގެ އިސްނެންގެވުމަށް ސަރުކާރުން އަންނަނީ ކުރަމުންނެވެ. ސަރުކާރުގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް ދުވެލި ހަލުއިކުރުމަށް ޑިޖިޓަލައިޒޭޝަން ބޮޑު މަޝްރޫއެއްވަނީ ފައްޓަވާފައެވެ. ތަރައްގީގެ މަޝްރޫއުތައް ހަލުއިކޮށް ހަރަދު ކުޑަކޮށް ހިންގުމަށް ސަރުކާރު ކުންފުނިތަކާ މަސައްކަތް ހަވާލުކޮށް ބަލްކުކޮށް މަސައްކަތަށް ބޭނުންވާ ސާމާނު ގެނެސް ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރިއަށްގެންދިއުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. 

މަސްވެރިންނަށް ފައިސާ ނުލިބުމުގެ މައްސަލަ ހަައްލުކުރައްވައި 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ ނިޒާމުވަނީ ގާއިމުކުރެވިފައެވެ. އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯއިން އަންނަނީ ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. މާލީ ނިޒާމުގެ ތެރެއިން ބޭރުވެފައި ތިބި ރައްޔިތުންނަށް މާލީ ހިދުމަތްތަކަށް އެކްސެސް ފޯރުކޮށްދިނުމަށް ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. 

އިގުތިސާދު ސިންދަފާތުކުރުމަށް އެކި އައު ސިނާއަތްތައް ތައާރަފުކުރުމުގެ މަސައްކަތްތައް އޮތީ ފެށިފައެވެ. ބަންކަރިންއާއި މާލީ ހިދުމަތްތައް ތައާރަފުކުރުމަށް ސަރުކާރުން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. 

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަން ރެގިއުލޭޓުކުރެވޭނެ ގާނޫނީ އޮނިގަނޑު އެކުލަވައިލެވިއްޖެއެވެ. ސޯޝަލް ހައުސިން ފޯރުކޮށްދޭނެ ގޮތްތައް ގާނޫނީ ގިއުގަނޑެއްގެ ތެރެއަށް ފެއްތުމަށް ބޭނުންވާ ގާނޫނު އެކުލަވައިލެވި އަމަލުކުރަން ފެށިއްޖެއެވެ. 

މިއީ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ކުރު މިންވަރެކެވެ. މިފަދަ ލިޔުމެއްގައި އެ ހުރިހާ ކަމެއްގެ ތަފުސީލު ނުހިމެނޭނެއެވެ. ނުކުތާއަކީ ދޮޅު އަހަަރެއްހައި ދުވަސް ތެރޭގައި ރައީސް ޑރ.މުޢިއްޒުގެ ޒަޢާމަތުގައި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ކުރެވެމުންދާ ބޮޑެތި މަސައްކަތްތަކުގެ ގިނަ ކަމެވެ. ބާކީ އޮތް ދުވަސްތަކަކީ މި މަސައްކަތްތަކުގެ މޭވާ ދިވެހިންނަށް ބިނދެލަން ލިބޭނެ ދުވަސްތަކެވެ. 

ކިޔުންތެރިންގެ ހިޔާލު