ENGLISH

02 ޖޫން 2025

Advertisement

ސިންގަޕޫރު މެޗާއި އޭޝިއަން ކަޕް ކޮލިފައިންއަށް ޤައުމީ ސްކޮޑު އިޢުލާންކޮށްފި

30 މޭ 2025

|

މުޙައްމަދު އަދުހަމް

މީގެކުރީން ބޭއްވި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ސިޑިބަރި

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުން އަންނަ މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ސްކޮޑު އިޢުލާންކޮށްފިއެވެ.

އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ސިންގަޕޫރާ ދެކޮޅަށް އެ ޤައުމުގައި ކުޅެން ހަމަޖެހިފައިވާއިރު، އޭގެ ފަސް ދުވަސް ފަހުން އޭޝިއަން ކަޕް ކޮލިފައިންގައި އޮސްޓްރޭލިއާގައި ނުކުންނާނީ ޓިމޯ ލެސްޓޭއާ ދެކޮޅަށެވެ.

މި ދެ މެޗަށް ވަނީ 23 ކުޅުންތެރިންގެ ސްކޮޑެއް ނަގައިފައެވެ. މި ފަހަރުގެ ސްކޮޑުގައި އެންމެ ގިނައިން ހިމެނިފައިވަނީ މާޒިޔާގެ ކުޅުންތެރިންނެވެ. ނިމިދިޔަ އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދީ މާޒިޔާ ޓީމަށް ނިސްބަތްވާ 13 ކުޅުންތެރިން މިފަހަރުގެ ސްކޮޑުގައި ހިމެނިފައިވާއިރު، ދެން އެންމެ ގިނައިން ކުޅުންތެރިން ތިބި އޮޑި ސްޕޯޓްސް ކްލަބުގެ ފަސް ކުޅުންތެރިއަކު ވަނީ ސްކޮޑުން ޖާގަ ހޯދައިފައެވެ.

ދެހާސް ހަތާވީސް ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ ފިލިޕީންސް އާއި ޓިމޯ ލެސްޓޭގެ އިތުރުން ތަޖިކިސްތާނެވެ. ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މާރިޗް މަހު، ފިލިޕީންސްގައި އެ ޓީމު އަތުން ބަލިވީ 4-1 އިންނެވެ. އެއަށްފަހު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމަށް ފަހު އަންނަ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ރާއްޖެ ދެން ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.

އަންނަ މަހު ގައުމީ ޓީމުން ކުޅެން އޮތް ދެ މެޗުގައި ވެސް އިރުޝާދު ދޭނީ މިހާރުވެސް އެ ޒިންމާ އަދާކުރަމުން އަންނަ ތަޖުރިބާކާރު ކޯޗު، އަލީ ސުޒެއިން އެވެ.

ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑު:

ގޯލްކީޕަރުން: ހުސެއިން ޝަރީފް (މާޒިޔާ)، އިޔާން އަބްދުލް އަލީމް (މާޒިޔާ)، މުޙައްމަދު ޔާމީން (ވިކްޓްރީ)؛

ޑިފެންޑަރުން: ސަމޫހު އަލީ (މާޒިޔާ)، އަހުމަދު ނޫމާން (އޮޑި ސްޕޯޓްސް)، ހުސައިން ސިފާއު ޔޫސުފް (މާޒިޔާ)، ހަސަން ޝިފާޒް (މާޒިޔާ)، ހައިޝަމް ހަސަން (މާޒިޔާ)، އަހުމަދު އައިހަމް (އޮޑި ސްޕޯޓްސް)، އިބްރާހިމް އުސާމާ ހަސަން މަޖީދު (ބުރު ސްޕޯޓްސް)؛

މިޑްފީލްޑަރުން: ހުސައިން ނިހާން (އޮޑި ސްޕޯޓްސް)، އައިސަމް އިބްރާހިމް (މާޒިޔާ)، މުޙައްމަދު އިރުފާން (މާޒިޔާ)، ހަސަން އީނާޒް (ޓީސީ)، އަހުމަދު އައިހަމް (މާޒިޔާ)، މުޙައްމަދު ނާއިމް (ބުރު ސްޕޯޓްސް)؛

ފޯވާޑުން: އަހުމަދު ރިޒުވާން (އީގަލްސް)، ނާއިޒް ހަސަން (މާޒިޔާ)، ހަމްޒާ މުޙައްމަދު (މާޒިޔާ)، އަލީ ފާސިރު (މާޒިޔާ)، މުޒްދާން ހަސަން (އޮޑި ސްޕޯޓްސް)، ހައިސަމް ރަޝީދު (އޮޑި ސްޕޯޓްސް)، ހަސަން ނަޒީމް (މާޒިޔާ).

ކިޔުންތެރިންގެ ހިޔާލު