ENGLISH

02 ޖޫން 2025

Advertisement

ޕަންޖާބް ބަލިކޮށް، ބެންގަލޫރު ފައިނަލަށް

30 މޭ 2025

|

މުޙައްމަދު އަދުހަމް

ބެންގަލޫރުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ބީސީސީއައި

އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ގައި ރޭ ކުޅުނު ކޮލިފަޔާ އެކެއްގައި ޕަންޖާބް ކިންގްސް ބަލިކޮށް، ރޯޔަލް ޗެލެންޖާސް ބެންގަލޫރުން އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މި މެޗުން ޕަންޖާބް ބަލިވިނަމަވެސް، ދެވަނަ ކޮލިފަޔާގައި ވާދަކުރުމުގެ ފުރުޞަތު ލިބޭނެ އެވެ. އެ ޓީމު ޖެހޭނީ ތިންވަނަ އާއި ހަތަރުވަނަ ޓީމުގެ މެދުގައި ކުޅޭ އެލިމިނޭޓަރ މެޗުން މޮޅުވާ ޓީމަކާ ދެވަނަ ކޮލިފަޔާގައި ވާދަކުރާށެވެ.

ޕަންޖާބް އަތުން ބެންގަލޫރު މޮޅުވީ އަށް ވިކެޓުންނެވެ.

މުލަންޕޫރުގައި ހުންނަ މަހަރާޖާ ޔާދަވިންދްރަ ސިންގ އިންޓަރނޭޝަނަލް ކްރިކެޓް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ބެންގަލޫރު ގަސްދުކުރީ ހޮވަން އަރާށެވެ. ޕަންޖާބު ކުޅެން އަރައި، 14.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވީ އެންމެ 101 ލަނޑަށެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 17 ބޯޅައިން 26 ލަނޑުހެދި މާކަސް ސްޓޮއިނިސް އެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ޖޯޝް ހޭޒަލްވުޑް އާއި ސުޔާޝް ޝަރްމާ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގިއެވެ.

ރައްދުގައި ކުޅެން އަރައި ބެންގަލޫރުން ވަނީ 10 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް 106 ލަނޑު ހަދައިފައެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 27 ބޯޅައިން 56 ލަނޑު ހެދި ފިލް ސޯލްޓް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބެންގަލޫރުގެ އުކުންތެރިޔާ، ސުޔާޝް ޝަރްމާ އެވެ.

މި މުބާރާތުގައި ދެން ކުޅޭ މެޗުގައި މިރޭ މުމްބާއީ އިންޑިއަންސް ނުކުންނާނީ ގުޖުރާތު ޓައިޓަންސްއާ ދެކޮޅަށެވެ. މި މެޗު ފަށާނީ މިރޭ ހަތެއް ޖަހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު