ENGLISH

03 ޖޫން 2025

Advertisement

އެފްއޭއެމް ލީގު ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި

29 މޭ 2025

|

މުޙައްމަދު އަދުހަމް

މާޒިޔާ އިން އެފްއޭއެމް ލީގު ކަޕްގެ ތަށްޓާއެކު. ފޮޓޯ: މިހާރު

އެފްއޭއެމް ލީގު ކަޕްގެ ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މުޅިން އަލަށް ބޭއްވީ އެފްއޭއެމް ލީގު ކަޕްގެ ތަށި މާޒިޔާ ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. މި މުބާރާތުގައި އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުނުވެވުނީ ލީގު ބުރުގައި އޮޑިއާ 1-1 އިން އެއްވަރުވި މެޗުންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކޮންމެ ހާފެއްގައި މާޒިޔާ އިން ވަނީ ދެ ގޯލު ޖަހައިފައެވެ.

މާޒިޔާ އިން ރޭގެ މެޗުގައި ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ފަހު ހާފުގައި ބަދަލަކަށް ކުޅެން ނިކުތް ޒުވާން ފޯވާޑް، މުޙައްމަދު އިލާން އިމްރާން އެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އިބްރާހިމް އައިސަމް އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމުދިންއިރު، އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ މާޒިޔާގެ އައިހަމް އަހުމަދެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ޓީސީގެ ސްރީ ލަންކާ ޤައުމީ ޓީމުގެ ކީޕަރު، ސުޖަން ޕެރޭރާ އެވެ. ފެއާޕްލޭ ޓީމަކަށް މަހިބަދޫ ހޮވުނުއިރު، މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހީ މާޒިޔާ އަށް ކުޅެމުންއަންނަ އުމުރުން 16 އަހަރުގެ އިލާން އެވެ. އޭނާ ވަނީ މުޅި މުބާރާތުގައި ހަތަރު ލަނޑުޖަހައިފައެވެ.

އެފްއޭއެމް އިން މުބާރާތެއް ނުބާއްވާތާ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ބޭއްވި އެފްއޭއެމް ލީގު ކަޕަކީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ނުފެށި ދިގުލައިގެންދާތީވެ، ޤައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުރިއަށް މުހިއްމު މެޗުތަކެއް ހުރުމާއެކު މުހިއްމު މަގްޞަދެއްގައި އިންތިޒާމްކުރި މުބާރާތެކެވެ.

މި މުބާރާތުގައި ފުރަތަމަ ޑިވިޝަނުގެ ތިން ޓީމަކާއި ދެވަނަ ޑިވިޝަނުގެ ދެ ޓީމެއް ބައިވެރިވިއެވެ.  ފުރަތަމަ ޑިވިޝަނުން ބައިވެރިވީ؛ މާޒިޔާ، ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބެވެ. އަދި، ދެވަނަ ޑިވިޝަނުން ބައިވެރިވެފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް އެވެ.

ކިޔުންތެރިންގެ ހިޔާލު