ENGLISH

02 ޖޫން 2025

Advertisement

ޔޫރަޕުގެ ތަފާތު 5 ތަށްޓާއެކު ޗެލްސީ ތާރީޚުގެ ތެރެއަށް

29 މޭ 2025

|

މުޙައްމަދު ސަދާދު

ޔުއެފާ ކޮންފަރެންސް ލީގު ތަށި ޗެލްސީ އިން އުފުލާލަނީ. - ފޮޓޯ: އޭއެފްޕީ

ޔުއެފާ ކޮންފަރެންސް ލީގުގެ ތަށި ކާމިޔާބު ކުރުމާއެކު މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކުލަބު ޗެލްސީ ތާރީޚީ ރެކޯޑެއް ހަދައިފިއެވެ.

ކުލަބުތަކަށް ދެވޭ ޔުއެފާގެ އެންމެ ހާއްސަ 5 ތަށި އުފުލާލި ހަމައެކަނި ޓީމުގެ ރެކޯޑު ޗެލްސީއަށް ލިބިފައިވަނީ ކޮންފަރެންސް ލީގުގެ ފައިނަލްގައި ރޭ ސްޕެއިނުގެ ރެއާލް ބެޓިސްގެ މައްޗަށް 4 ލަނޑު 1 ލަނޑުން ކުރިހޯދައިގެންނެވެ.

ޗެލްސީ އަށް ލިބިފައިވާ ޔުއެފާގެ ތަފާތު ތަށިތަކަކީ:

  • ޔުއެފާ ޗެމްޕިއަންސް ލީގު
  • ޔުއެފާ ކަޕް ވިނަރސް ކަޕް (މިހާރު އުވާލެވިފައި) 
  • ޔުއެފާ ޔޫރޮޕާ ލީގު 
  • ޔުއެފާ ކޮންފަރެންސް ލީގު 
  • ޔުއެފާ ސުޕަރ ކަޕް

ރޭގެ މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ލީޑު ނަގައި ރެއާލް ބެޓިސް ވަނީ ފުރަތަމަ ހާފުގައި ޗެލްސީ ހިފަހައްޓާފައެވެ. އިސްކޯ އަދި އެޒަލްޒޫލީގެ މޮޅު ކުޅުމެއް ފެނިގެންދިޔަ މި ހާފުގައި ރެއާލް ބެޓިސް އިން ވަނީ ގިނަ ފުރުސަތުތަކެއް އުފައްދާފައެވެ.

އެޒަލްޒޫލީގެ ނުރައްކާތެރި ހަމަލާތައް ހުއްޓުވުމަށް ޗެލްސީ ކޯޗު އެންޒޯ މަރެސްކާ ދެވަނަ ހާފު ފެށީ ކެޕްޓަން ރީސް ޖޭމްސް އާއެކުއެވެ.

ކޯލް ޕާމާގެ މޮޅު ކުޅުމާއެކު މުޅި މެޗުގެ ވައި އެނބުރުނީ ކޯޗު ގެނައި ބަދަލުތަކުންނެވެ. އެއީ، 60 ވަނަ މިނެޓުގައި ޖޭޑަން ސަންޗޯ އާއި ކޮލްވިލް އެރުވިފަހުން، 65 ވަނަ މިނެޓުގައި ޕާމާގެ ހުރަހަކުން އެންޒޯ ލަނޑުޖަހައި އެއްވަރު ކޮށްގެންނެވެ. އެއަށްފަހު، އަނެއްކާވެސް ޕާމާގެ ހުރަހަކުން ނިކޮލަސް ޖެކްސަން ލަނޑު ޖަހައި ލީޑު ނެގިއެވެ.

ސަންޗޯ އާއި ކެއިސީޑޯގެ ރީތި އިތުރު ދެ ލަނޑާއެކު ޗެލްސީ މެޗު ނިންމާލީ ހަމަޖެހިލައިގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެލްސީގެ ތަރި ޕާމާއެވެ. 

މިތަށްޓާއެކު ޗެލްސީ ވަނީ މިހާރު ޖުމްލަ 9 ފަހަރު ޔޫރަޕުގެ ތަށިތައް އުފުލާލައިފައެވެ.

އެންމެ ގިނައިން ޔޫރަޕުގެ ތަށިތައް ކާމިޔާބުކުރި ކުލަބުތަކަކީ:

  • ރެއާލް މެޑްރިޑް  (26 ތަށި) 
  • އޭސީ މިލާން    (17 ތަށި) 
  • ބާސެލޯނާ      (14 ތަށި) 
  • ލިވަޕޫލް       (13 ތަށި)
  • ބަޔާން މިއުނިކް  (12 ތަށި) 
  • ޔުވެންޓަސް     (11 ތަށި)
  • އަޔެކްސް      (10 ތަށި)
  • ޗެލްސީ       (9 ތަށި)

ލަންޑަންގެ ކުލަބު ޗެލްސީ އިން މިއަހަރުގެ ކޮންފަރެންސް ލީގު ކާމިޔާބު ކޮށްފައިވާއިރު، މިދިޔަ ހަފުތާގައި ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައި ވަނީ ލަންޑަންގެ ޓީމެއް ކަމަށްވާ ޓޮޓްނަމް ހޮޓްސްޕާއިންނެވެ.

މިދިޔަ އަހަރުތަކުގައި ޔުއެފާ މުބާރާތްތަކުން އިނގިރޭސި ކްލަބުތައް ކުރިއެރުން ހޯދާފައިވާތީ ޔޫރަޕުގެ މުބާރާތްތަކުން އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް ލިބޭ ޖާގަތައް ވެސް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު