ENGLISH
19 ޖުލައި 2025
ފައިނަލުގައި އިންޓަރ ބޭނުންކުރާނީ ރަން ކުލައިގެ ޖާޒީ، ފޮރުވިފައި ސިއްރެއް ވޭބާ؟
28 މޭ 2025
|
މީގެކުރީން ކުޅުނު މެޗެއްގައި އިންޓަރގެ ކެޕްޓަން، މާޓިނޭޒް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު އިޓަލީގެ އިންޓަރ މިލާން ބޭނުންކުރާނީ އެ ކުލަބުގެ ތިންވަނަ ކިޓު ކަމަށްވާ، ރަން ކުލައިގެ ޖާޒީ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންޓަރ މިލާން، ޕީއެސްޖީއާ ދެކޮޅަށް ނުކުތުމަށް ހަމަޖެހިފައިވާއިރު، މިއީ މި ދެ ޓީމުގެ މެދުގައި ކުޅޭ ރަސްމީ ފުރަތަމަ މެޗެވެ.
މިހާތަނަށް އިންޓަރ އިން ޗެމްޕިއަންސް ލީގު / ޔޫރަޕިއަން ކަޕް ފައިނަލުގައި ހަ ފަހަރު ވާދަކޮށްފައިވާއިރު، މިއިން އެއްވެސް ފަހަރަކު އެ ކުލަބުގެ ތިންވަނަ ކިޓު ބޭނުން ކޮށްފައެއް ނުވެއެވެ.
ފައިނަލް މެޗުގައި ހޯމް ޓީމުގެ ގޮތުގައި ގުރުއަތުލުމުން ޕީއެސްޖީ ހޮވިފައިވާއިރު، އެ ޓީމުން ނުކުންނާނީ ނޭވީ ބްލޫ ސޯޓާއި، މެދުގައި ހުދާއި ރަތް ކުލައިގެ ރޮނގުދެމި ޖާޒީގައެވެ. މިއާއެކު، އިންޓަރގެ ރަސްމީ ޖާޒީ ކަމަށްވާ، ކަޅު އަދި ނޫ ކުލައިގެ ރޮނގުދެމި ޖާޒީ ބޭނުމެއް ނުކުރެވޭނެ އެވެ.
ރަން ރީނދޫ ކުލައިގައިވާ އިންޓަރގެ ތިންވަނަ ކިޓު. --ފޮޓޯ: ޓުވިޓާ
އެހެންކަމުން، ހުދާއި ނޫ ކުލަ އެކުލެވިގެންވާ އެ ކުލަބުގެ ދެވަނަ ޖާޒީ ބޭނުންކުރުމުގެ ބަދަލުގައި އިންޓަރ އިން ހިޔާރުކުރީ ރަން ރީނދޫ ކުލައިގެ ޖާޒީ އާއި ކަޅު ސޯޓު ބޭނުންކުރުމަށެވެ.
އިންޓަރ އިން މި ނިންމުން ނިންމުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއްވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެއީ، ސިމޯނީ އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޓަރ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ތިންވަނަ ޖާޒީގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާތީއެވެ. އެ ޓީމު ސްޕާޓާ ޕްރާގުގެ ދަނޑުގައި 1-0 އިން މޮޅުވިއިރު، ރަށުން ބޭރުގައި ފެޔަނޫޑް އަތުން މޮޅުވީ 2-0 އިންނެވެ.
މީގެއިތުރުން، އެ ޓީމު މި ފަހަރުގެ މުބާރާތުގައި ބަލިވި ހަމައެކަނި މެޗުގައި މިދިޔަ ޑިސެމްބަރު މަހު ޖަރުމަނުގެ ބަޔާ ލެވަލޫސަންއާ ދެކޮޅަށް ބޭނުންކޮށްފައިވަނީ ހުދު ކުލައިގެ ޖާޒީ ކަމަށްވުމަކީ ވެސް ތިންވަނަ ޖާޒީ ބޭނުންކުރުމުގެ ފަހަތުގައިވާ އެއް ސަބަބަށްވުން ގާތެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު އޮންނާނީ ޖޫން 1 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 12 ޖަހާއިރު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަނުގެ އެލިއާންޒް އެރީނާ ގައެވެ.