ENGLISH

02 ޖޫން 2025

Advertisement

އާސިއާން އޯލް-ސްޓާސް އަތުން ވެސް ޔުނައިޓެޑް ބަލިވެއްޖެ

28 މޭ 2025

|

މުޙައްމަދު އަދުހަމް

ޔުނައިޓެޑާ އާސިއާން އޯލް-ސްޓާސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑް، މެލޭޝިއާ އަށް ކުރާ ދަތުރުގައި ކުޅުނު ފުރަތަމަ މެޗުގައި އާސިއާން އޯލް-ސްޓާސް އަތުން 1-0 އިން ބަލިވެއްޖެއެވެ.

މިއީ ނިމިދިޔަ ސީޒަނުގެ ލީގުގައި ދަށް ނަތީޖާތަކެއް ނެރެ، ތާވަލްގެ 15 ވަނައިގައި އޮވެ ނިންމާލި ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ހަތަރުވަނަ މެޗެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ބޮޑު މެޗުގައި، ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން ބަލިވީ 1-0 އިންނެވެ.

ޔުނައިޓެޑު މި މެޗަށް ނުކުތްއިރު އާއްމުކޮށް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުޞަތުދީފައެވެ. މީގެތެރެއިން، އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އާއި އަމަދު ޑިއާލޯ އަދި އަލެހަންދްރޯ ގާނާޗޯ ކުޅެން ނުކުތީ ފަހު ހާފުގައެވެ.

ކުއާލަ ލަމްޕޫރުގައި ކުޅުނު މެޗުގައި މެލޭޝިއާގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުންގެ ތަރުހީބު ޔުނައިޓެޑަށް ދެމުންދިޔައިރު، މި މެޗު ބައްލަވާލައްވަން ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހިމް އިންނެވީ ޔުނައިޓެޑްގެ ޓްރެކްސޫޓެއް ތުރުކުރައްވައިގެންނެވެ.

މެޗު ފަށައިގެން ޔުނައިޓެޑްގެ އިތުރުން އާސިއާން އޯލް-ސްޓާސް ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ލިބިފައިނުވާއިރު، ފުރަތަމަ ހާފު ނިމުނީ ވެސް ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 71 ވަނަ މިނެޓުގައި އާސިއާން އޯލް-ސްޓާސް ޓީމަށް ކާމިޔާބުކޮށްދިނީ މިޔަންމާގެ ފޯވާޑް، މައުންގ މައުންގ އެލްވިން އެވެ.

މެލޭޝިއާ އާއި ހޮންގކޮންގަށް ޔުނައިޓެޑު ކުރާ ދަތުރުގައި ދެން އޮތް މެޗުގައި ނުކުންނާނީ ހޮންގކޮންގުގެ ޤައުމީ ޓީމާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު