ENGLISH

02 ޖޫން 2025

Advertisement

"މި ބާބު ނިމުނީ!" ރޮނާލްޑޯގެ ނަޒަރު ކުލަބް ވަރލްޑް ކަޕަށް؟

28 މޭ 2025

|

މުޙައްމަދު ސަދާދު

ސީޒަނުގެ ފަހު މެޗަށް ރޮނާލްޑޯ ނިކުންނަނީ. ފޮޓޯ: ރޮއިޓަރސް

ސަޕޯޓަރުންގެ އަޑުން އޭނާގެ ނަން ސްޓޭޑިއަމް ތެރޭގައި ގުގުމަމުން ދިޔައިރު، ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ތާރީޚީ ގޯލާއެކު އޭނާ އަނެއްކާވެސް ތާރީޚުގެ ތެރެއަށް ވަދެގެން ދިޔައީއެވެ. ކްލަބު ގޯލުތަކުގެ ޖުމްލަ އަދަދުންނެވެ. ބައެއް ފަހަރު ހަގީގަތަށް ވުރެ ފުލޯކާ ގާތްވާ ވަރުގެ ބިޔަ އަދަދެކެވެ. ކެރިއަރުގެ 800 ވަނަ ކުލަބް ގޯލެވެ.

ނަމަވެސް، އުފާވެރިކަމުގެ ރާގުތަކެއް އެޖައްވުގައި މާ ގިނައިރަކު ގުގުމައެއް ނުލައެވެ. އަލްނަސްރު ވީ ބައްޔެވެ. ރޮނާލްޑޯގެ ހަރަކާތްތަކުގައި ވެސް ހުރީ ވަދާއީ ޝުޢޫރުތަކެވެ. އެއަށްފަހު އޭނާ އެކްސްގައި ކުރި ޕޯސްޓެވެ.

"މި ބާބު ނިމުނީ. މި ވާހަކަ؟ އަދި ވެސް ދަނީ ލިޔެވެމުން. އެންމެނަށް ޝުކުރު" - ރޮނާލްޑޯ

ރޮނާލްޑޯގެ އަލްވަދާޢުން ސަޢުދީގެ ބާބު ވެސް ނިމުނީ ބާއެވެ. ދެން މިސްރާބު ހުރީ ކޮން އަމާޒަކަށް ހެއްޔެވެ. ކުލަބް ވަރލްޑް ކަޕް މިހާ ގާތްވެފައި ވަނިކޮށް ރޮނާލްޑޯގެ ނަޒަރު ހުރީ ކޮން ދިމާލަކަށް ބާއެވެ. މި ސުވާލުތަކުން ކުޅިވަރުގެ މުޅި މީޑިއާ ފުރާލިއެވެ.

ރޮނާލްޑޯ އަލްނަސްރު ދޫކޮށްލަނީތަ؟

800 ވަނަ ކުލަބު ގޯލާއެކު ސީޒަންގެ ފަހު މެޗު ނިންމާލިއިރު ރޮނާލްޑޯގެ އަލްނަސްރު ކޮންޓްރެކްޓް އަންނަ މަހަށް ހަމަވާނެއެވެ. މިދަނޑިވަޅުގައި ރޮނާލްޑޯގެ މިޕޯސްޓަކީ ވަދާއީ މެސެޖަކަށް ބެލެވިދާނެއެވެ.

ރޮނާލްޑޯގެ ނަޒަރު ކްލަބް ވަރލްޑް ކަޕަށް؟

މިއަހަރުގެ ފީފާ ކްލަބް ވަރލްޑް ކަޕަށް އަލްނަސްރު ކޮލިފައި ނުވި ކަމުގައިވިޔަސް އެ މުބާރާތުން ރޮނާލްޑޯ ފެނިގެން ހިނގައިދާނެ ކަމަށް ފީފާގެ ރައީސް އިންފަންޓީނޯ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މަޝްހޫރު ޔޫޓިއުބަރު އައިޝޯސްޕީޑް އަށް ދެއްވި އިންޓަރވިއު އެއްގައި އިންފަންޓީނޯ ވިދާޅުވީ އެ މުބާރާތަށް އެއިރު ކޮލިފައި ވެފައިވާ ބައެއް ޓީމުތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެއިން ޓީމަކާއެކު ރޮނާލްޑޯ ވެސް ކްލަބް ވަރލްޑް ކަޕުން ފެނިގެން ހިނގައިދާނެ ކަމަށެވެ.

ރޮނާލްޑޯ ގެންދާނީ ކޮން ޓީމަކުން؟

ރޮނާލްޑޯގެ މުސާރައަކީ ކޮންމެ ކޮންމެ ކުލަބެއްގެ ފެންވަރެއް ނޫނެވެ. ފުޓްބޯޅަ ތާރީޚުގައިވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ލަޤަބުގައި 2023 ވަނަ އަހަރު ރޮނާލްޑޯ އަލްނަސްރާ ގުޅުނީ އަހަރަކު 230 މިލިއަން ޑޮލަރަށް ވުރެ ބޮޑު މުސާރައަކަށެވެ.

ނަމަވެސް އަންނަ މަހު ފަށާ ކުލަބު ވަރލްޑް ކަޕުގައި ބައިވެރިވުމަށްޓަކައި ކުރު މުއްދަތެއްގެ ކޮންޓްރެކްޓެއްގައިވެސް ރޮނާލްޑޯ ކުލަބަކާ ގުޅިދާނެ ކަމަށް ކުޅިވަރު ދިރާސާކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެގޮތުން، އެއް ޓީމަކީ އެމުބާރާތުގައި ކުޅޭ ދެކުނު އެމެރިކާގެ ޗެންޕިއަނުން ކަމަށްވާ ބްރެޒިލްގެ ޓީމު ބޮޓަފޯގޯއެވެ. ރޮނާލްޑޯ ގެނައުމަށް ޝައުގުވެރިވާކަމުގެ ރިޕޯޓުތައް ސީދާ ކަށަވަރުކޮށް ނުދިނަސް، އެކުލަބުގެ ކޯޗު ރެނާޓޯ ޕައިވާ ވަނީ ރޮނާލްޑޯއަށް ތައުރީފުކޮށް ކުލަބުން މަރުހަބާ ކިޔާނެ ކަމަށް މީގެ ކުރިން އިޝާރާތެއް ކޮށްފައެވެ.

""ސީދާ އެއްޗެއް ބުނާކަށް ނޭނގެ. އެކަމަކު އެވަރުގެ ތަރިއަކަށް ނޫނެކޭ ނުބުނެވޭނެ. ކޯޗުން އަބަދުވެސް ބޭނުންވާނީ އެންމެ ފުރިހަމަ. މި އުމުރުގައިވެސް ރޮނާލްޑޯ އަކީ ގޯލު ޖަހާ މެޝިނެއް. (ގޯލު ޖަހާނެ) ފުރުސަތުތައް ތަކުރާރުކޮށް އުފައްދާ ޓީމެއްގައި އޭނާ ވަރަށް މޮޅުވާނެ،"" - ބޮޓަފޯގޯގެ ކޯޗު ޕައިވާ

މި ނޫނަސް އޭޝިއާގެ އެންމެ ކާމިޔާބު އެއް ކުލަބު ސަޢުދީގެ އަލްހިލާލާއި، ޗެންމިއަންސް ލީގުގެ ރަސްގެފާނު ރެޔާލް މެޑްރިޑާއި، އިޓަލީގެ ޔުވެންޓަސް އާ ގުޅުމުގެ ވާހަކަތައް ވެސް މީޑިއާގައި ރިޕޯޓުކޮށްފައިވެއެވެ.

މުބާރާތުގެ ކުރިން ޓްރާންސްފަރ ވިންޑޯއެއް ނެތް

އަންނަ މަހު ފަށާ ކްލަބް ވަރލްޑް ކަޕުގެ ކުރިން ޓްރާންސްފަރ ވިންޑޯއެއް ނެތް އިރު، މުބާރާތުގައި ބައިވެރިވާ ޓީމަކުން ރޮނާލްޑޯ ރެޖިސްޓަރ ކުރާނީ ކިހިނެއްތޯ މިއީ އުފެދޭ ސުވާލެކެވެ. ޖޫން 14 ގައި މުބާރާތް ފަށާއިރު، އިނގިރޭސި ޓްރާންސްފަރ ވިންޑޯ ވެސް ހުޅުވެނީ ޖޫން 16 ގައެވެ.

ނަމަވެސް، ފީފާ އިން މުބާރާތުގެ ޤަވާއިދަށް ގެނައި އިސްލާހުތަކާއެކު މުބާރާތުގެ ކުރިން، 1 ޖޫން އިން 10 ޖޫން ގެ ނިޔަލަށް، މުބާރާތުގައި ބައިވެރިވާ 32 ޓީމަށް ޚާއްސަ ޓްރާންސްފަރ ވިންޑޯއެއް ވަނީ ހުޅުވާލާފައެވެ. އަދި މުބާރާތުގެ ތެރެއިން، ޖޫން 27 އިން ޖުލައި 3 އާ ދެމެދު، ޚާއްސަ އިން-ޓޯރނަމަންޓް ރަޖިސްޓްރޭޝަން މުއްދަތެއް ވެސް ވަނީ ހުޅުވާލާފައެވެ.

އެމެރިކާގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މިމުބާރާތް ފަށާނީ މެސީގެ އިންޓަރ މިއާމީ އާ ސަޢުދީގެ އަލްއަހްލީ ވާދަކުރާ މެޗުންނެވެ. އިރެއްގައި "ފީފާއިން ހެދި ގޯހުގެ" ގޮތުގައި ލޭބަލްކުރި މިމުބާރާތް ރީބްރޭންޑްކޮށް، ހޫނު މޫސުމުގައި ހަތަރު އަހަރުން އެއް ފަހަރު ބާއްވަން ހަމަޖެހިފައިވާއިރު، މުބާރާތާ މެދު ކުރެވޭ އުންމީދުތައް ގިނައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، 6 ކޮންފެޑަރޭޝަނަކުން 32 ޓީމު ބައިވެރިވާ މި މުބާރާތުގެ ޝަރަފާއި ހައިބަތު މިފަހަރު ބޮޑެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ އަމާޒު މިމުބާރާތަށް ހުއްޓެނީ ވެސް މިހެންވެއެވެ.

ރޮނާލްޑޯގެ ދެން އޮތް ބާބު

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ތާރީޚު ދުށް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމާމެދު އޭނާގެ ސަޕޯޓަރުންނާއި "ހޭޓަރުން" ވެސް މިހާރު އެއްބަސްވެއެވެ. ދުނިޔޭގެ އެކި ބައްރުގައި އެކި ކުލަބުތަކަށް ކުޅެ، އެތައް ބާބުތަކެއް ރޮނާލްޑޯ ލިޔެފިއެވެ. ދެން އޮތް ބާބަކީ ކުރު މުއްދަތަކަށް ކްލަބު ވަރލްޑް ކަޕްގެ ކުލަބަކަށް ކުޅުން ކަމަށް ވެދާނެއެވެ. ނުވަތަ ހައިރާން ކުރުވާ ކަހަލަ ކުލަބަކާ ގުޅުން ކަމުގައި ވެސް ވެދާނެއެވެ.

ނަމަވެސް، ޔަޤީންވަނީ، ރޮނާލްޑޯ ފަދަ ކުޅުންތެރިންގެ ވާހަކައަކީ ހަމައެކަނި ކުޅިވަރުގެ ވާހަކައެއް ނޫން ކަމެވެ. އެއީ ހިންމަތާއި ހިތްވަރުގެ ވާހަކައެއް ކަމެވެ. ތާރީޚާއި މީރާހުގެ ވާހަކައެއް ކަމެވެ. މި ވާހަކަ އަދި ނުނިމޭ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު