ENGLISH
03 ޖޫން 2025
ފަހުވަގުތު ނިއު ބަލިކޮށް، ފައިނަލުގެ ދެވަނަ ޖާގަ އޮޑި އަށް
26 މޭ 2025
|
ނިއުއާ އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަހަތުންއަރައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 2-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ނިއު އިން ލީޑު ނެގީ މޫސާ ޔާމީން (ޔާމްބެ) ކާމިޔާބުކުރި ގޯލުންނެވެ. މިއީ މެޗުގެ 39 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ބޭރުން ނިއުގެ މިޑްފީލްޑަރު، އިބްރާހިމް ސިނާހް (ސިނާ) ފޮނުވާލި ބޯޅައެއް އޮޑީގެ ގޯލްކީޕަރު، މުޙައްމަދު ޝަފީޢު އަތުގައި ޖެހިފައި ނިކުތުމުން ދެވަނަ ފަހަރަށް އެ ބޯޅަ ޔާމްބެ ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މެޗުގެ 70 ވަނަ މިނެޓުގައި އޮޑިން އެއްވަރުކުރީ މިސްރުގެ ފޯވާޑް، އާޝޫރު އެލްސައީދު އެވެ. އެ ޓީމުގެ ހައިޝަމް ރަޝީދު ނަގައިދިން ހުރަހެއްގެ އެހީގައި އެލްސައީދު މި ލަނޑުޖެހީ ބޮލުންނެވެ.
އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި އޮޑި މޮޅުވި ލަނޑުޖަހައިދިނީ އަހުމަދު ނޫމާން (ހެލްމެޓް) އެވެ. އޮޑީގެ ކުޅުންތެރިން ނެގި ކޯނަރެއްގެ އެހީގައި ހެލްމެޓް ވެސް މި ލަނޑުޖެހީ ބޮލުންނެވެ.
މިއީ މި ދެ ޓީމުގެ މެދުގައި މިފަހަރުގެ މުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ލީގު ބުރުގައި ކުޅުނު މެޗުން ނިއު މޮޅުވީ 2-0 އިންނެވެ.
މުބާރާތުގެ ފައިނަލުގައި އަންނަ ބުދަ ދުވަހުގެ ރޭ އޮޑި ނިކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މީގެކުރީން، ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.