ENGLISH

25 މޭ 2025

Advertisement

އެމްބާޕޭގެ ދެ ލަނޑާއެކު، އަންޗެލޮޓީ އާއި މޮޑްރިޗަށް ރެއާލާއެކު އުފާވެރި ނިމުމެއް

24 މޭ 2025

|

މުޙައްމަދު އަދުހަމް

ރެއާލްގެ ކޯޗު، އަންޗެލޮޓީ (ވ) އާއި މޮޑްރިޗް. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި މިރޭ ކުޅުނު މެޗުގައި ކީލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ދެ ލަނޑާއެކު، ރެއާލް ސޮސިއެޑާޑް 2-0 އިން ބަލިކޮށް، ކޯޗު ކާލޯ އަންޗެލޮޓީ އާއި ލޫކަ މޮޑްރިޗާއެކު އެ ޓީމުން އުފާވެރިކަމާއެކު ސީޒަން ނިންމާލައިފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިބުނު ޕެނަލްޓީއެއް ސޮސިއެޑާޑްގެ ގޯލްކީޕަރު، އުނައި މަރޭރޯ މަތަކުރުމުން އެމްބާޕޭ ދެވަނަ ފަހަރަށް އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގައި ރެއާލުން ޖެހި ދެވަނަ ލަނޑު، 83 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާ ދިން ޕާހަކުންނެވެ. މި ގޯލާއެކު ލީގުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދުވަނީ 31 އަށް އަރާފައެވެ. މިއާއެކު، ލީގުގެ ލަނޑުލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސް އެމްބާޕޭ އެވެ. މި ލިސްޓުގައި އެމްބާޕޭއާ އެންމެ ގާތުން ވާދަކުރާ ބާސެލޯނާގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ ޖެހި ލަނޑުގެ އަދަދަކީ 25 އެވެ.

މި މޮޅާއެކު، ރެއާލް ދެވަނައިގައި އުޅެނީ 38 މެޗުން 84 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ކުރީގައި އުޅޭ ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 85 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބިފައިވަނީ 73 ޕޮއިންޓެވެ.

މި މެޗަކީ ރެއާލްގެ މިހާރުގެ ކޯޗު، އަންޗެލޮޓީގެ އެންމެ ފަހު މެޗެވެ. މި ސީޒަނަށްފަހު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން އަންޗެލޮޓީ ވަނީ އެއްބަސްވެފައެވެ. އަދި، ރެއާލްގެ ކްރޮއޭޝިއާ މިޑްފީލްޑަރު، މޮޑްރިޗް ވަނީ މި ސީޒަނަށްފަހު އެ ޓީމު ދޫކޮށްލާނެކަން ކަށަވަރުކޮށްދީފައެވެ. މިއާއެކު، މިއީ މޮޑްރިޗްގެ ވެސް ރެއާލްގެ އެންމެ ފަހު މެޗެވެ.

ކިޔުންތެރިންގެ ހިޔާލު