ENGLISH
02 ޖޫން 2025
އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ އިބާދުﷲ އާއި ޒިވާ
24 މޭ 2025
|
އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިބާދުﷲ (ވ) އާއި ޒިވާ.
އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތު އިބާދުﷲ އާދަމް އާއި ޒިވާ މޫސާ ޝަފީޢު އަށް ލިބިއްޖެއެވެ.
މި މަހުގެ 27 އިން 31 އަށް ދެކުނު ކޮރެއާގެ ގޫމީގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު އިބާދުﷲ އާއި ޒިވާ ހޯދީ ޓައިމް ޓްރަޔަލްގައި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެންނެވެ.
މި މުބާރާތުގައި އިބާދުﷲ ވާދަކުރާނީ 100 މީޓަރާއި، 200 މީޓަރު ދުވުމުގެ އިވެންޓުގައެވެ. ޒިވާ ވާދަކުރުމަށް މިވަގުތު ފައިނަލް ކުރެވިފައިވަނީ ހަމައެކަނި 200 މީޓަރުގެ ދުވުމުގެ އިވެންޓް ކަމަށާއި، އެ މުބާރާތުގެ 100 މީޓަރު ނުވަތަ 400 މީޓަރު ދުވުމުގެ އިވެންޓްގައި ޒިވާ ވާދަކުރުމާމެދު ގޮތެއް ނިންމާނީ ކޮރެއާ އަށް ދިއުމަށްފަހު ކަމަށް މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
އިބާދުﷲ އަށް މިދިޔަ މާރިޗް މަހު ކުރިއަށްދިޔަ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުޞަތު ނުލިބުނުނަމަވެސް، އޭނާ ވަނީ މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކޮށްފައެވެ.
ޒިވާގެ އެންމެ ފަހުގެ މުބާރާތްތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އެ އަހަރުގެ އޭޝިއަން ގޭމްސް ހިމެނެއެވެ.
އިބާދުﷲ އަދި ޒިވާ އަކީ ސަރުކާރުގެ 'އަރުތަ' ސްކޮލަޝިޕްގެ ދަށުން ރާއްޖޭން ބޭރުގައި ތަމްރީންތައް ފުރިހަމަކުރަމުންދިޔަ އެތުލީޓުންނެވެ.