ENGLISH

03 ޖޫން 2025

Advertisement

ކަލިއާރީ ބަލިކޮށް، ނަޕޯލީ ޗެމްޕިއަންކަން ހޯދައިފި

24 މޭ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ނަޕޯލީގެ ކުޅުންތެރިން ލީގުގެ ޓްރޮފީއާއެކު. ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގައި 2-0 އިން ކަލިއާރީ ބަލިކޮށް، ނަޕޯލީން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ނަޕޯލީން ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި، މިއީ މުޅިއެކު އެ ޓީމު ލީގުގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.

ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެންދަނިކޮށް ސްކޮޓް މެކްޓޮމިނޭ އޯވަހެޑް ކިކަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ.

ދެވަނަ ހާފުގައި ނަޕޯލީގެ އަނެއް ލަނޑު ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް، ރޮމެލޫ ލުކާކޫ އެވެ.

މި މެޗުން މޮޅުވެ، ނަޕޯލީން ލީގު ޗެމްޕިއަންކަން ހޯދިއިރު، ވާދަވެރި އިންޓަރ މިލާން ވެސް ވަނީ ރޭގެ މެޗު ކާމިޔާބުކޮށްފައެވެ. ރަށުން ބޭރުގައި އެ ޓީމު ވަނީ 2-0 އިން ކޯމޯ ބަލިކޮށްފައެވެ. ބަދަލުތަކާއެކު ކުޅެން ނުކުތް އިންޓަރ އަށް ލަނޑުތައް ޖަހައިދިނީ ސްޓެފަން ޑެ ވްރައި އާއި ވަކީން ކޮރިއާ އެވެ.

މި ނަތީޖާއާއެކު، ނަޕޯލީ އަށް އެއްވަނަ ލިބުނީ 38 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓް ފަހަތުން އިންޓަރ އަށް ލިބުނީ ދެވަނަ އެވެ. ތިންވަނައިގައި އުޅޭ އެޓަލާންޓާ އަށް 74 ޕޮއިންޓް ލިބިފައިވާއިރު، މި ވަގުތު ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. މި ދެ ޓީމަށް ވެސް އަދި ބާކީ މެޗެއް އެބައޮތެވެ.

ރޭގެ މޮޅާއެކު، ނަޕޯލީން ލީގު ޗެމްޕިއަންކަން ހޯދުމާ ގުޅިގެން އެ ޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ މިވަނީ އެ މުބާރާތް ތިން ޓީމަކާއެކު ކާމިޔާބުކޮށް ތާރީޚުގެ ތެރެއަށް ޖެހިލައިފައެވެ. އޭނާ ވަނީ ކުރީން، ޔުވެންޓަސް އާއި އިންޓަރއާ އެކު ލީގު ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗުތަކުގައި ބޮލޯނިއާއާ ޖެނޯއާ ބައްދަލުކުރާއިރު، އޭސީ މިލާން ނުކުންނާނީ މޮންޒާއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ މިރޭ 11:45 ގައެވެ.

ކިޔުންތެރިންގެ ހިޔާލު