ENGLISH

03 ޖޫން 2025

Advertisement

ކްލަބް ވޯލްޑް ކަޕުގެ ކުރީން ކުޅުންތެރިން ވީއްލުމުގައި އިންގްލެންޑުން އިސްކަމެއް ނުދޭނެ

23 މޭ 2025

|

މުޙައްމަދު އަދުހަމް

އިންގްލެންޑްގެ ކޯޗު، ޓުޗެލް. --ފޮޓޯ: ޕީއޭ

އިނގިރޭސި ސްކޮޑާއެކު ހޭދަކުރުމަށް ލިބޭ ވަގުތުތައް ވަރަށް މުހިއްމު ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑްކަޕްގެ ކުރީން ކުލަބުތަކުގެ ކުޅުންތެރިން ވީއްލުމުގައި ޚާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް އެ ޓީމުގެ ކޯޗު، ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް މިހެން ބުނީ އަންނަ މަހު އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ނެގި 26 ކުޅުންތެރިންގެ ސްކޮޑު އިޢުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕަށް ކުޅުންތެރިން ވީއްލުމުގައި އަވަސް އަރުވާލައިގެން އެކަން ކުރުމުގެ ބަދަލުގައި އޭނާ ބޭނުންވަނީ ކުޅުންތެރިންނާއެކު ލިބޭ ވަގުތުތައް އެންމެ ފުރިހަމަ އަށް އަގުވަޒަންކޮށް، ފަރުވާތެރިވުމަށް ކަމަށް ޓުޗެލް ބުންޏެވެ.

އަންނަ ޖޫން މަހު އޮންނަ ވޯލްޑް ކަޕް ކޮލިފައިންގ މެޗުތަކަށް ނެގި އިނގިރޭސި ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކަށް ނިސްބަތްވާ 8 ކުޅުންތެރިން ހިމެނެއެވެ.

ޓުޗެލްގެ އިރުޝާުދުގެ ދަށުން ކުޅުނު މެޗެއްގައި ލަނޑެއްޖެހުމަށްފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގައި މަހެއްހާ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތް ފަށާނީ ޖޫން 15 ގައެވެ. އެއީ، ސެނެގޯލާ ދެކޮޅަށް އިންގްލެންޑް ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުގެ ފަސް ދުވަސް ފަހުންނެވެ.

މުބާރާތް ހުޅުވާ ދުވަހު ކުޅޭ މެޗުގައި އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން ނިސްބަތްވާ ބަޔާން މިއުނިކުން ނުކުންނާނީ ނިއު ޒީލަންޑްގެ އޯކްލަންޑް ސިޓީއާ ދެކޮޅަށެވެ.

ޓުޗެލް ބުނީ، މިހާތަނަށް އައިއިރު ކްލަބް ވޯލްޑްކަޕްގައި ވާދަކުރާ ކުލަބުތަކުގެ ކޯޗުންގެ ކިބައިން ޤައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިއަކާ ގުޅޭގޮތުން އެއްވެސް ޑިމާންޑެއް އައިސްފައިނުވާ ކަމަށެވެ.

ކުރިއަށް އޮތް މެޗުތަކަކީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ އަހަރެއްހާ ދުވަހުގެ ކުރީން އޭނާގެ ޓީމަށް އޮތް ވަރަށް މުހިއްމު ކޭމްޕެއް ކަމަށް ޓުޗެލް ފާހަގަކުރިއެވެ. އޭނާ ބުނީ، ޓީމުގެ ކޮންމެ ކުޅުންތެރިއަކާ އެކު ހޭދަކުރާ ކޮންމެ ވަގުތަކީވެސް އަގުހުރި ވަގުތުތައް ކަމަށްވީހިނދު، އަވަސް އަރުވާލައިގެން ކްލަބް މުބާރާތަކަށް ކުޅުންތެރިން ފޮނުވާލަންޖެހޭނެ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.  

އިންގްލެންޑްގެ މިހާރުގެ ކޯޗު، ޓުޗެލް އާއެކު މީގެކުރީން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

ޓުޗެލް ވަނީ، ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކަށް ނިސްބަތްވާ ބައެއް ކުޅުންތެރިން އަވަހަށް ވީއްލަން އެދިއްޖެނަމަ އެކަން އޭނާ އަށް ގަބޫލުކުރެވޭ ކަމަށާއި، ހަމައެފަދައިން ކުޅުންތެރިންނަށް އަރާމުކުރަން ފުރުޞަތު ދޭން ބޭނުންވާ ކްލަބުތަކުގެ ކަންބޮޑުވުންތައް ވެސް ބަލައިގަންނަ ކަމަށް ބުނެފައެވެ.

މި ހުރިހާ ސަބަބުތައް ހުރި ނަމަވެސް އޭނާ އިނގިރޭސި ޓީމާއެކު ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލްވުމަށްޓަކައި އެކަމުގެ ބޮޑުކަމާ ހުރެ ދޫދޭން އުނދަގޫވާނެ ކަމަށް ޓުޗެލް ބުންޏެވެ.

އަންނަ ޖޫން މަހު އިންގްލެންޑު ކުޅޭ ފުރަތަމަ މެޗުގައި ޖޫން 7 ގައި ރަށުން ބޭރުގައި ނުކުންނާނީ އެންޑޯރާއާ ދެކޮޅަށެވެ. އޭގެ ތިން ދުވަސް ފަހުން ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ސެނެގޯލްއާ އެވެ.

އިންގްލެންޑްގެ 26 ކުޅުންތެރިންގެ ސްކޮޑު:      

ގޯލްކީޕަރުން:

ޖޯޑަން ޕިކްފޯޑް (އެވަޓަން)، ޑީން ހެންޑަސަން (ކްރިސްޓަލް ޕެލަސް)، ޖޭމްސް ޓްރެފޯޑް (ބާންލީ)؛

ޑިފެންޑަރުން:

ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް (ލިވަޕޫލް)، ޑޭން ބާން (ނިއުކާސަލް ޔުނައިޓެޑް)، ޓްރެވޯ ޗަލޯބާ (ޗެލްސީ)، ލެވީ ކޯލްވިލް (ޗެލްސީ)، ރީސް ޖޭމްސް (ޗެލްސީ)، އެޒްރީ ކޮންސާ (އެސްޓަން ވިލާ)، މައިލްސް ލުވިސް-ސްކެލީ (އާސެނަލް)، ކައިލް ވޯކާ (އޭސީ މިލާން)؛

މިޑްފީލްޑަރުން:

ޖޫޑް ބެލިންހަމް (ރެއާލް މެޑްރިޑް)، އެބެރޭޗީ އެޒޭ (ކްރިސްޓަލް ޕެލަސް)، ކޮނާ ގެލަގާ (އެތުލެޓިކޯ މެޑްރިޑް)، މޯގަން ގިބްސް-ވައިޓް (ނޮޓިންގހަމް ފޮރެސްޓް)، ޖޯޑަން ހެންޑަސަން (އަޔެކްސް)، ކާޓިސް ޖޯންސް (ލިވަޕޫލް)، ކޯލް ޕާމާ (ޗެލްސީ)، ޑެކްލަން ރައިސް (އާސެނަލް)، މޯގަން ރޮޖާސް (އެސްޓަން ވިލާ)، އެންތަނީ ގޯޑަން (ނިއުކާސަލް ޔުނައިޓެޑް)؛

ފޯވާޑުން:

ހެރީ ކޭން (ބަޔާން މިއުނިކް)، ނޮނީ މަޑުއެކޭ (ޗެލްސީ)، ބުކާޔޯ ސަކާ (އާސެނަލް)، އައިވަން ޓޯނޭ (އަލް އަހްލީ)، އޮލީ ވަޓްކިންސް (އެސްޓަން ވިލާ).

ކިޔުންތެރިންގެ ހިޔާލު