ENGLISH

03 ޖޫން 2025

Advertisement

ޔުރޮޕާ ލީގުގެ ފައިނަލް މެޗުގައި ކުޅުންތެރިންނަށް މެޑަލް ހަމަނުވުމުން ޔުއެފާ އިން މަޢާފަށް އެދިއްޖެ

23 މޭ 2025

|

މުޙައްމަދު އަދުހަމް

ޓޮޓްނަމްގެ ކުޅުންތެރިން ޔުރޮޕާ ލީގުގެ ޓްރޮފީއާއެކު. --ފޮޓޯ: އޭޕީ

ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި ކުރިން ބެލެވިފައި އޮތް އަދަދަށްވުރެ ގިނައިން، ޗެމްޕިއަންކަން ހޯދި ޓޮޓްނަމް ހޮޓްސްޕަރގެ ކުޅުންތެރިން މެޑެއްޔާ ހަވާލުވާން ދިއުމާ ގުޅިގެން، އެކަށީގެންވާ މިންވަރަށް މެޑެލް ނެތުމުން ޔުއެފާ އިން އެކަމަށް މަޢާފަށް އެދިއްޖެއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު ޔުރޮޕާ ލީގުގެ ފައިނަލުގައި ޓޮޓްނަމް ވަނީ 1-0 އިން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށް، އެ ކުލަބުގެ ތާރީޚުގައި ހަތަރުވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފައެވެ.

"ކުރިން ބެލެވިފައި އޮތް އަދަދަށްވުރެ ގިނައިން ޓޮޓްނަމްގެ ކުޅުންތެރިން ޓްރޮފީ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމާ ގުޅިގެން ހުރިހާ ކުޅުންތެރިންނަށް އެކަށީގެންވާ މިންވަރަށް މެޑެލް ނުލިބުމުން ހިތާމަކުރަން،" ޔުއެފާއާ ހަވާލާދީ އިނގިރޭސި ނޫސްތަކުން ބުނެފައިވެއެވެ.

ފައިނަލް މެޗަށްފަހު ބޭއްވި ޓްރޮފީ ދިނުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ޓޮޓްނަމްގެ ކެޕްޓަން، ސޮން ހެއުން-މިން ހިމެނޭ ގޮތަށް ތިން ކުޅުންތެރިއަކަށް މެޑެއްޔެއް ނުލިބުނެވެ. މިއާއެކު، ސޮން ވަނީ މެޑެއްޔަކާ ނުލައި ޓްރޮފީ އުފުލާލައިފައެވެ.

މެޗަށްފަހު ބޭއްވި ރަސްމިއްޔާތު ނިމުމުން ޓޮޓްނަމްގެ ހުރިހާ ކުޅުންތެރިން ޑްރެސިންގ ރޫމަށް ދިއުމުން މަދުވާ ކުޅުންތެރިންނަށް މެޑެލް ހަވާލުކޮށްދީފައިވާ ކަމަށާއި، އޮޅުން އެރުމުން އެކަމަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ޔުއެފާ އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު