ENGLISH
03 ޖޫން 2025
ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން ރަފީނިއާ އާކޮށްފި
23 މޭ 2025
|
ބާސެލޯނާގެ ވިންގް، ރަފީނިއާ. ފޮޓޯ: ރޮއިޓާސް
ބާސެލޯނާ އަށް ކުޅެމުންއަންނަ ބްރެޒިލްގެ ވިންގް، ރަފީނިއާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 28 އަހަރުގެ ރަފީނިއާ، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ކްލަބުން ވަނީ އިޢްލާންކޮށްފައެވެ.
"މިއީ އަހަރެންނަށް ވަރަށް ޚާއްސަ އުފަލެއް ލިބިގެންދިޔަ ކަމެއް. މި ކްލަބާ ގުޅުނު ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ މައިގަނޑު މަގްސަދަކީ، ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދިނުން،" ރަފީނިއާ ބުންޏެވެ.
ރަފީނިއާ ބުނީ، އޭނާގެ އާއިލާގެ މެންބަރުންނާ ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި، ބާސެލޯނާގައި ހުރެ ކެރިއަރު ނިންމާލުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި، އެކަން އެގޮތަށް އެންމެ ރަނގަޅަށް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރަފީނިއާ ބުނެފައިވެއެވެ.
މީގެ ތިން އަހަރެއްހާ ދުވަސްކުރީން، 2022 ވަނަ އަހަރު އިންގްލެންޑްގެ ލީޑްސް ޔުނައިޓެޑުން ބޯނަހާއެކު ގާތްގަނޑަކަށް 55 މިލިއަން ޕައުންޑްގެ ޑީލެއްގައި ބާސެލޯނާ އަށް ބަދަލުވި ރަފީނިއާގެ އެންމެ ފަހުގެ އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ރަފީނިއާ ވަނީ ބާސެލޯނާއާއެކު ހޭދަކުރި، މިދިޔަ ތިން އަހަރުގެ ތެރޭގައި ފަސް މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި، ދެ ފަހަރު ސްޕެނިޝް ލީގާއި ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއި، ކޮޕަ ޑެލް ރޭ މުބާރާތް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ.
މީގެއިތުރުން، މިހާރު ކުރިއަށްދާ ސީޒަނުގައި ރަފީނިއާ ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ވަނީ ބާސެލޯނާ އަށް ކުޅުނު 56 މެޗުގައި 34 ލަނޑުޖަހައި، އިތުރު 25 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. މިއާއެކު، އަހަރުގެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލޮންޑިއޯ އެވޯޑަށް ވެސް ނޮމިނޭޓްވެފައިވާ ކުޅުންތެރިންގެ ލިސްޓުގައި އޭނާ އުޅެނީ އެންމެ ކުރީގައެވެ.