ENGLISH

02 ޖޫން 2025

Advertisement

ނަޕޯލީގެ ކުޅުންތެރިން ރަނގަޅަށް ފޯކަސްކޮށްގެން ތިބުމަށް ކޮންޓޭ ގޮވާލައިފި

23 މޭ 2025

|

މުޙައްމަދު އަދުހަމް

ނަޕޯލީގެ ކޯޗު، ކޮންޓޭ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ ފަހު މެޗާ ކުރިމަތިލާއިރު ނަޕޯލީގެ ކުޅުންތެރިން ރަނގަޅަށް ފޯކަސްކޮށްގެން ތިބުމަށް އެ ޓީމުގެ ކޯޗު، އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.

ކޮންޓޭ މިހެން ބުނީ، މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"އަހަރެމެން ވަރަށް އުނދަގޫ، ބުރަ ސީޒަނެއް ނިންމާލުމަށް ތައްޔާރު މިވަނީ. މިއީ އައު މާހައުލެއްގައި ހޭދަކުރި ސީޒަނެއްގައި އަހަރެންގެ އެންމެ ފަހު މެޗު ކަމަށް ވެސް ވެދާނެ. އެހެންކަމުން ނަޕޯލީގެ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދީ، ތާރީޚު ބަދަލުކޮށްލުމަށް މަސައްކަތްކުރުމަކީ އަހަރެންގެ ޒިންމާއެއް ކަމަށް ދެކެނީ،" ކޮންޓޭ ބުންޏެވެ.

ލީގުގައި ނަޕޯލީ ކުޅޭ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ކަލިއާރީއާ ދެކޮޅަށް ނުކުންނައިރު ސަސްޕެންޝަނުގެ ސަބަބުން ކޮންޓޭ އަށް ބެންޗުގައި ނީނދެވޭނެ އެވެ. ކޮންޓޭ ބެންޗުން ފޮނުވާލީ، އެންމެ ފަހުން ޕާމާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ކޯޗު، ކްރިސްޓިއަން ކިވޫއާ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.

"ބެންޗުގައި ނީނދެވޭތީވެ އެކަމާ ހިތާމަކުރަން. މިފަދަ ސީޒަނަކަށްފަހު، ސަޕޯޓަރުންނާއެކު ޓީމު ލީޑުކުރަން އެތާނގަ ހުންނަން ކޮންމެ މީހަކުވެސް ބޭނުންވާނެ،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ބުނީ، އޭނާއާއެކު މަސައްކަތްކުރާ ކޯޗިންގ ސްޓާފަށް އަބަދުވެސް އިތުބާރު އޮންނާނެ ކަމަށާއި، ޚާއްސަކޮށް ސަޕޯޓަރުންގެ ކިބައިން ލިބެންޖެހޭ އެއްބާރުލުމާއި ލޯބި ލިބޭނެކަމާމެދު ޝައްކު ނުކުރާނެ ކަމަށެވެ.

މިހާތަނަށް އައިއިރު ސަޕޯޓަރުންގެ ކިބައިން ހުރިހާ އެއްޗެއް ލިބިފައިވާ ކަމަށާއި، އެގޮތުން މެޗެއްގެ އެންމެ ރަނގަޅު ވަގުތުތަކުގެ އިތުރުން ތަންކޮޅަށް ދަށްކޮށް ކަންކަންދާ ވަގުތުތަކުގައި ވެސް ބަދަލެއްނުވެ، ސާބިތުކަމާއެކު ދެމިތިބި ކަމަށް ވެސް ކޮންޓޭ ފާހަގަކުރިއެވެ. މިއާއެކު، ކުރިއަށް އޮތް ތާނގާއިވެސް އެގޮތަށް ދެމިތިބުމަށް އެދޭ ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

ކޮންޓޭގެ ވާހަކަ ނިންމާލަމުން ބުނީ، ކަލިއާރީއާ ދެކޮޅަށް ކުޅޭ މެޗާމެދު ވަކި ޚާއްސަ ނަޒަރަކުން ނުދެކޭނެ ކަމަށާއި، އެ ޓީމަކީ ރަނގަޅު ޓީމެއް ކަމަށްވީނަމަވެސް އެ މެޗަށް ތައްޔާރުވުމުގައި ބަލާނީ އެހެން މެޗުތަކެކޭ އެއްގޮތަށް ކަމަށެވެ. އޭނާގެ ޓީމުގެ ކުޅުން ދެއްކޭގޮތަށް މަސައްކަތްކުރާއިރު، އިދިކޮޅު ޓީމަށް ދޭން ޖެހޭ އިހުތިރާމްވެސް އަދާކުރާނެ ކަމަށާއި، އޭރުން ނަޕޯލީ އަށް މޮޅުވުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް ކޮންޓޭ ވަނީ ބުނެފައެވެ.

ކުރިމަތީގައި މިއަދު މިއޮތް ޚާއްސަ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު ލިބިގެންދިޔައީ، ސީޒަން ފެށުނީއްސުރެ އޭނާގެ ޓީމުން މިހާތަނަށް ކުރަމުންއައި ބުރަ މަސައްކަތުގެ ސަބަބުން ކަމަށްވުމާއެކު އެކަންތައް ފުރިހަމަ އަށް ނިންމާލުމަށް މަސައްކަތް ކުރަންޖެހޭނެ ކަމަށް ކޮންޓޭ ބުންޏެވެ.

ލީގުގެ އެންމެ ފަހު މެޗާ ކުރިމަތިލާއިރު އެއްވަނައިގައި އުޅޭ ނަޕޯލީއާ އެންމެ ފަހުން ޗެމްޕިއަންކަން ހޯދި އިންޓަރ މިލާނާ ދެމެދު އޮތީ ޕޮއިންޓެއްގެ ފަރަގެވެ. އެހެންކަމުން، ކުރިއަށް އޮތް މެޗު ކާމިޔާބުކުރުމަކީ ދެ ޓީމަށް ވެސް ކޮންމެހެން ކުރަން މަޖުބޫރުވެފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު