ENGLISH

03 ޖޫން 2025

Advertisement

ލިވަޕޫލަށް ޕްރިމިއާ ލީގު ތަށި ހަވާލުކުރާ ވަގުތު ހުޅުމާލޭގައި ހަވާ އަރުވަނީ

22 މޭ 2025

|

ޢަލީ ޝަހީމް

ލިވަޕޫލް ސަޕޯޓަރުން ބޭއްވި އިވެންޓެއްގެ ތެރެއިން. ފޮޓޯ: އޯއެލްއެސްސީ މޯލްޑިވްސް

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލަށް އަންނަ އާދީއްތަ ދުވަހުގެ ރޭ ތަށި ހަވާލުކުރާ ވަގުތު، ހަވާ އެރުވުމާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަން ރާއްޖޭގެ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބް (އޯއެލްއެސްސީ މޯލްޑިވްސް) އިން ނިންމައިފިއެވެ. 

ރާއްޖޭގައި ފުޓްބޯޅައާއި އިޖުތިމާއީ ކަންކަމުގައި ހަރަކާތްތެރިވަމުން އަންނަ އޯއެލްއެސްސީއިން އާއްމުކުރި ބަޔާނުގައި ބުނީ ހަރަކާތްތައް އޮންނާނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑު 7:30 އިން ފެށިގެން ކަމަށެވެ. 

ލީގު ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކޮށްފައިވިޔަސް، އެޓީމަށް ތަށި ހަވާލުކުރާނީ މި ސީޒަނުގެ ލީގު ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހުއެވެ. އެ މެޗު ފަށާނީ އެރޭ 8 ޖަހާއިރެވެ. ލިވަޕޫލް ސަޕޯޓާސް ކްލަބުން ބުނީ އެ ސަރަހައްދުގައި ސްކްރީން ހަރުކޮށް މެޗު ބެލޭނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށެވެ. ހަރަކާތުގައި ލިވަޕޫލަށް ސަޕޯޓްކުރާ ހުރިހާ ސަޕޯޓަރުންނާއި، ކުޅިވަރަށް ލޯބިކުރާ ކުދިބޮޑު އެންމެހާ ރައްޔިތުން ބައިވެރިވުމަށް ލިވަޕޫލް ސަޕޯޓާސް ކްލަބް އެދެއެވެ. 

"މި ހަރަކާތުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރާ މެޗު ނިމުމަށްފަހު ލިވަޕޫލަށް މި ސީޒަނުގެ ޕްރިމިއާ ލީގު ތަށި ހަވާލުކުރާ ވަގުތާއި ދިމާކޮށް 10:15 އާއި 10:30 އާ ދެމެދު އެވެ" - އޯއެލްއެސްސީ މޯލްޑިވްސް

ލިވަޕޫލް ސަޕޯޓާސް ކްލަބް ރާއްޖޭގައި ރަސްމީކޮށް އުފެއްދީ 2018 ވަނަ އަހަރެވެ. އޭގެފަހުން އެ ކްލަބުން އަންނަނީ ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކުޅިވަރު ހަރަކާތްތައް ބޭއްވުމުގެ އިތުރުން އެ ކްލަބުގެ ފަރާތުން ވަނީ "ފްރީޑަމް ޗެރިޓީ" ގެ ނަމުގައި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ގޮނޑި ހަދިޔާކުރުމުގެ ހަރަކާތެއްވެސް ހިންގައިފައެވެ. 

ރާއްޖޭގެ ލިވަޕޫލް ސަޕޯޓާސް ކްލަބުން ހަވާއެރުވުމާއެކު ބޮޑު ހަރަކާތަކަށް ތައްޔާރުވާއިރު، އިނގިރޭސި ކްލަބް ލިވަޕޫލުން މިހާރު ވަނީ އެ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނުގެ ގޮތުގައި ރާއްޖެ ކަނޑައަޅައިފައެވެ. އެ އެއްބަސްވުމުގެ ދަށުން ލިވަޕޫލާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު