ENGLISH
02 ޖޫން 2025
ޔުނައިޓެޑް ބަލިކޮށް، ޓޮޓްނަމުން 40 އަހަރަށްފަހު ޔޫރަޕްގެ މުބާރާތެއްގެ ރަސްކަމަށް
22 މޭ 2025
|
ޓޮޓްނަމްގެ ކުޅުންތެރިން ޔުރޮޕާ ލީގުގެ ޓްރޮފީއާއެކު. ފޮޓޯ: އޭޕީ
ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑް 1-0 އިން ބަލިކޮށް، ޓޮޓްނަމް ހޮޓްސްޕަރ އިން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ މިދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައި ޔޫރަޕްގެ މުބާރާތެއް އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެގޮތުން، ޓޮޓްނަމުން ވަނީ ކުރީން ޔުއެފާ ކަޕްގެ ނަމުގައި މި މުބާރާތް ކުޅުނު ދުވަސްވަރު، 1984 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަދި، މިއީ 2008 ވަނަ އަހަރުގެ އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދިފަހުން ޓޮޓްނަމްގެ ފުރަތަމަ ތަށްޓެވެ.
ބިލްބާއޯގެ ދަނޑުގައި ގާތްގަނޑަކަށް 50 ހާހާ ގާތްކުރާ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެންދަނިކޮށް ޓޮޓްނަމަށް ކާމިޔާބުކޮށްދިނީ ބްރެނާން ޖޯންސަން އެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ބްރެނާން ޖޯންސަން މި ލަނޑުޖެހީ އެ ޓީމުގެ މިޑްފީލްޑަރު، ޕާޕޭ ސާރ ދިން ބޯޅައަކުންނެވެ.
ރޭގެ މެޗުގައި ޖޯންސަން (ވ) ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލަނީ. ފޮޓޯ: ރޮއިޓާސް
އޭގެކުރީން، މެޗު ފެށިތާ ކުރީކޮޅު 13 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އަމަދް ޑިއާލޯ ފޮނުވާލި ބޯޅައެއް ދިޔައީ ގޯލްގެ ކުރިމަތިން ހުރަސްވެގެންނެވެ.
ދެވަނަ ހާފުގައި ޔުނައިޓެޑަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ ޑެންމާކް ފޯވާޑް، ރަސްމުސް ހޮއިލުންޑް ބޮލުން ފޮނުވާލި ބޯޅަ ޓޮޓްނަމްގެ ޑިފެންޑަރު، މިކީ ވެން ޑަ ވެން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.
އޭގެފަހުން، އަލެހަންދްރޯ ގާނާޗޯ އާއި ލޫކް ޝޯ ފޮނުވާލި ހަމަލާތައް ވެސް ޓޮޓްނަމްގެ ގޯލްކީޕަރު، ގުގްލިއެލްމޯ ވިކާރިއޯ ވަނީ ހުއްޓުވާފައެވެ.
މެޗަށްފަހު ޓޮޓްނަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ރޮއިޓާސް
މި މުބާރާތުގެ ޗެމްޕިއަންކަން ޓޮޓްނަމް ހޯދުމުން އެ ޓީމަށް ވަނީ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުވެފައެވެ. މިއާއެކު، އެ ޓީމު ވަނީ ލީގުގެ ގަދަ ފަސް ޓީމުގެ އިތުރުން އިންގްލެންޑްގެ ފަރާތުން އެ މުބާރާތުގައި ވާދަކުރާ ހަވަނަ ޓީމުގެ ޝަރަފު ހޯދާފައެވެ.
މިއީ ޔުރޮޕާ ލީގުގައި މި ސީޒަނުގައި ކުޅުނު 15 މެޗުގެ ތެރެއިން 10 މެޗުން މޮޅުވެ، ތިން މެޗުން އެއްވަރުވެ، ދެ މެޗުން ބަލިވެފައިވާ ޓޮޓްނަމްގެ ކޯޗު، އަންގޭ ޕޮސްޓެކޮގްލޫ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެ ޓީމުން ވަނީ މީގެ ހައެއްކަ އަހަރުކުރީން ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލް އަތުން ބަލިވެފައެވެ.
މީގެއިތުރުން، ރޭގެ މެޗުން ބަލިވުމާއެކު ލީގު ތާވަލްގެ އެންމެ ފުލުގައި އުޅޭ ފަސް ޓީމުގެ ތެރޭގައި އޮތް ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ.