ENGLISH
03 ޖޫން 2025
ރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗު އޮސްޓްރޭލިއާގައި ކުޅެނީ
21 މޭ 2025
|
އޭޝިއަން ކަޕަށް ކޮލިފައިވުމަށް ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން. --ފޮޓޯ: ސިޑިބަރި
ދެހާސް ހަތާވީސް ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕަށް ކުޅޭ ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗު އޮސްޓްރޭލިއާގައި ކުޅޭ ގޮތަށް ހަމަޖައްސައިފިއެވެ.
އެއީ، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު ޓިމޯ ލެސްޓޭގައި ރާއްޖެ ކުޅޭން އޮތް މެޗު ކަމަށް ފުޓްބޯޅަ ފެޑެރޭޝަން ޓިމޯ ލެސްޓޭ (އެފްއެފްޓީއެލް) އިން ވަނީ އިޢްލާންކޮށްފައެވެ.
އެގޮތުން، ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅޭ އެ މެޗު އޮންނާނީ އޮސްޓްރޭލިއާގެ ޑާވިންގައި ހުންނަ ޓެރިޓަރީ ރަގްބީ ލީގު ސްޓޭޑިއަމްގައެވެ.
މި ފަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅެން ހަމަޖެހިފައިވާ ހަ މެޗުގެ ތެރެއިން ފުރަތަމަ ތިން މެޗު ކުޅޭނީ ރަށުން ބޭރުގައެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ މާރިޗް މަހު، ފިލިޕީންސްގައި އެ ޓީމު އަތުން ބަލިވީ 4-1 އިންނެވެ. އެއަށްފަހު، ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމަށްފަހު އަންނަ އޮކްޓޫބަރު މަހުގެ 9 ވަނަ ދުވަހު ރާއްޖެ ދެން ނުކުންނާނީ ތަޖިކިސްތާނާ ދެކޮޅަށެވެ.
ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި އަންނަ އޮކްޓޫބަރު 14 ގައި ތަޖިކިސްތާނާ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ނޮވެންބަރު 18 ވަނަ ދުވަހު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. ދެން އެއަށްފަހު، ރާއްޖެ އަށް އޮތީ އަންނަ އަހަރުގެ މާރިޗް މަހުގެ 31 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާ 24 ޓީމު ވަނީ ހަ ގްރޫޕަކަށް ބަހާލައިފައެވެ. އޭޝިއަން ކަޕަށް ކޮލިފައިވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އެކަންޏެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުތުމުގެކުރީން، ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ސިންގަޕޫރުގައި އެ ޓީމާ ދެކޮޅަށް ރާއްޖޭން ކުޅެން ހަމަޖެހިފައިވާ މެޗަށް ތައްޔާރީތައް ވަނީ ފަށާފައެވެ. ކުރިއެކޭ އެއްގޮތަށް މިފަހަރުވެސް ގައުމީ ޓީމަށް އިރުޝާދު ދޭނީ ތަޖުރިބާކާރު ކޯޗު، އަލީ ސުޒެއިން އެވެ.