ENGLISH
03 ޖޫން 2025
އޮޑިއާ އެއްވަރުކޮށް، މާޒިޔާ އަށް އެއްވަނަ
21 މޭ 2025
|
މާޒިޔާއާ އޮޑި ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އެމްއެމްޓީވީ
މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހި ލަނޑާއެކު، އޮޑި ސްޕޯޓްސް ކްލަބާ 1-1 އިން އެއްވަރުކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ތާވަލްގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
މި ނަތީޖާއާ އެކު، މާޒިޔާ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، އެއް މެޗު އެއްވަރުކޮށްފައެވެ. މިއާއެކު، އެ ޓީމު އެއްވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ހަ ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އޮތްއިރު، އޮޑި ސްޕޯޓްސް ކްލަބު އޮތީ ފަސް ޕޮއިންޓާއެކު ތިންވަނައިގައެވެ. ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު ޕޮއިންޓާއެކު ލިބިފައިވަނީ ހަތަރުވަނަ އެވެ. އެންމެ ފުލުގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބު ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ލީޑު ނެގީ 23 ވަނަ މިނެޓުގައި ހައިސަމް ރަޝީދު ކާމިޔާބުކުރި ގޯލުންނެވެ. މި ހާފު ނިމުނީ 1-0 އިން އޮޑި ކުރީގައި އޮވެގެންނެވެ.
މެޗުގައި މާޒިޔާ އިން އެއްވަރުކުރި ލަނޑު، އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް، އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އޮޑީގެ ޑިފެންޑަރު، އިސްލާމް ފެކްރީ ސެންޓޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ނިއު ބައްދަލުކުރާނީ މަހިބަދޫއާ އެވެ.