ENGLISH
18 މޭ 2025
ޓެކްނޮލޮޖީ ގެނުވާ އިންގިލާބުގައި އެއްވެސް ބަޔަކު ބާކީ ނުކުރުމަށް ހޯމް މިނިސްޓަރު އެދިވަޑައިގެންފި
17 މޭ 2025
|
ހޯމް މިނިސްޓަރ އަލީ އިހްސާން. --ފޮޓޯ: ރައީސް އޮފީސް
ޓެކްނޮލޮޖީގެ ފަސޭހަ ކަމާއި ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި އެއްވެސް ބަޔަކު ބާކީ ނުކުރުމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން އެދިވަޑައިގެންފި އެވެ.
ބައިނަލްއަގުވާމީ މުވާސަލާތީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އިހްސާން ދެއްވި ޚިތާބުގައި ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އަޅުގަނޑުމެންގެ އިގްތިސާދާއި އަޅުގަނޑުމެންގެ މުޖުތަމަޢު އަދި ކޮންމެ ދުވަހެއްގެ ދިރިއުޅުން، ބަދަލުވަމުންދާ ޓެކްނޮލޮޖީ އަށް ބަރޯސާވެ ކަންކަން ކުރިއަރުވަން ބައްޓަން ކުރަން ޖެހޭ ކަމަށެވެ.
މި އަހަރުގެ މުވާސަލަތީ ދުވަހުގެ ޝިޢާރު ކަމަށްވާ "ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން" އަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އަޅުގަނޑުމެން އެންމެންނަށް ފުރުސަތު ދެވޭތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ އަންހެނުން ޑިޖިޓަލް އިންގިލާބުގެ ހަވާސާގައި މަޑުޖެހިފައި ތިބެން ޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ޓެކްނޮލޮޖީ އަށް ވާސިލްވުމުގައި އެފަރާތްތަކަށް ހަމަހަމަކަން ނެތުމާއި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަރޝިޕްގައި ބައިވެރިވުމަށް ހުރަސްތައް ހުރިކަން ފާހަގަކުރައްވާފައިވެ އެވެ. އެހެންކަމުން ޓެކްނޮލޮޖީ ގެނުވައި ފަސޭހަތަކާއި އިންގިލާބުގައި އެއްވެސް ބަޔަކު ބާކީ ކުރުމަކީ އެދެވިގެންވާ ކަމެެއް ނޫން ކަމުގައި މިނިސްޓަރ ވިދާޅުވި އެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ސައެންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގެ ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަން އަށް މަގުފަހިކުރުވާ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން މަދު ނޫންކަން މިނިސްޓަރ ފާހަގަކުރައްވާފައިވެ އެވެ. އަދި ރާއްޖޭގައި އަންހެން ކުދިންނަށް، ތަފާތު ކުރުމެއް ނެތި ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު އޮތްކަން ވެސް މިނިސްޓަރ އިހްސާން ވަނީ ފާހަގަ ކުރައްވައިފަ އެވެ. ނަމަވެސް ލީޑަރޝިޕް ނުވަތަ ހިންގުމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ނިސްބަތުން މަދުކަމަށް އިހްސާން ވިދާޅުވި އެވެ.
"ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަ ނަމަވެސް މި ފަރަގުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ދެއްވާ އަހައްމިއްޔަތަކީ އަޅުގަނޑު ހިތުން ކޮންމެ ދިވެހި ރައްޔިތަކު ވެސް ފާހަގަކުރަންވާނެ ކަމެކެވެ،" މިނިސްޓަރގެ ޚިތާބުގައި ވިދާޅުވި އެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓް ގުޅުންތައް އަންހެނުންނަށް ދިނުން ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އޭގެ މާނައަކީ ތަޢުލީމާއި ސިއްހަތު، ވިޔަފާރި އާއި ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމުގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުން ވެސް ބާރުވެރިކުރުވުން ކަމަށެވެ. ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އަންހެނުން ބާރުވެރިކުރެވޭ ހިނދު ޢާއިލާތަކާއި މުޅި މުޖްތަމަޢާއި އިގްތިސާދަށް އޭގެ ފައިދާކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ނުވަތަ "ޑިޖިޓަލް ފަސްޓް ނޭޝަން" ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ނަމަވެސް އަންހެނުން ވެސް ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުކޮށް ޚިދުމަތް ފަސޭހަކަމާ އެކު ފޯރުކޮށްދޭން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިކުރެވި، އިގްތިސާދުގައި ހަމަހަމަ ބައިވެރީންނަށް ވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މި އަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ސޮސައިޓީ ދުވަސް ދިމާވެފައި މިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންޤިލާބީ ތަރައްޤީއެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދިވެހި ރާއްޖެ 2.0 އިފްތިތާހު ކުރެެއްވި ދަނޑިވަޅުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ. އެހެންކަމުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ދުވަހުގެ މުނާސަބަތުގައި ވަރަށް ޚާއްސަ ތަހުނިޔާއެއް މިނިސްޓަރ ވަނީ އަރިސްކުރައްވައިފަ އެވެ.