ENGLISH
22 މޭ 2026
އައްޑޫ ފްރީ ޒޯނުން ޖާގައަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
22 މޭ 2026
|
ހިތަދޫ ޕޯޓް. ފޮޓޯ؛ޕީއެސްއެމް
އެންމެ މަޤްބޫލު
އައްޑޫ ރީޖަނަލް ފްރީ ޒޯނުގައި ވިޔަފާރި ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްޕީއެލް އިންބުނީ ފްރީ ޒޯންގައި ބިން ކުއްޔަށް ހިފައިގެން މުދާ ރައްކާކުރުމާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައި ވާކަމަށެވެ. މިކަމާ ގުޅޭ "ރިކުއެސްޓް ފޯ ޕްރޮޕޯސަލް" (އާރްއެފްޕީ) ލިޔެކިޔުންތައް، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ސީދާ ފޮނުވުމުގެ އިތުރުން، އާންމުކޮށް ހުޅުވާލައިގެން ވެސް ޝާއިއުކުރާނެ ކަމަށް އެމްޕީއެލްއިން ބުންޏެވެ.
ނަމަވެސް، މިހާރު ހުޅުވާލާފައިވާ ފުރުސަތަކީ ހަމައެކަނި ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށް ހުޅުވާލި ފުރުސަތެއް ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ފްރީ ޒޯންތަކެއް ޤާއިމްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ "އައްޑޫ ރީޖަނަލް ފްރީ ޒޯން" ރަސްމީކޮށް އިފްތިތާހްކުރީ މި މަހުގެ ތެރޭގަ އެވެ.
މި މަޝްރޫއަށްޓަކައި ހިތަދޫ ޕޯޓް ސަރަހައްދުން ގާތްގަނޑަކަށް 1.7 ހެކްޓަރުގެ ބިން ވަނީ ކަނޑައަޅާފަ އެވެ.
މި ފްރީ ޒޯނުގައި ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޑިއުޓީ ފްރީކޮށް މުދާ ރައްކާކުރުމާއި، ބޮންޑެޑް ވެއާހައުސިންގް، އުފެއްދުންތެރިކަމުގެ މަސައްކަތްތައް، އުޅަނދުފަހަރު މަރާމާތުކޮށް އާބާތުރަ ފިލުވުން އަދި ރީ-އެކްސްޕޯޓް ކުރުމުގެ ހިދުމަތްތައް ހިމެނެ އެވެ. އަދި މި ސަރަހައްދަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން، 2027 ވަނަ އަހަރާއި 2029 ވަނަ އަހަރާ ދެމެދު ހާއްސަ އިނާޔަތްތަކާއި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މި މަޝްރޫއަކީ އައްޑޫ ސިޓީއަކީ އިޤްތިޞާދީ މައި ހަބަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ފްރީ ޒޯންގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގެ ވިޔަފާރިއަށް އައު ދިރުމެއް ލިބިގެންދާނެ އެވެ.